ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލުމުގެ ގޮތުން ކުރިއަށް އޮތް ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިހުތިޖާޖުކުރުމުގެ ވަރުގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުށް ޕިޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.
އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ފެބްރުއަރީ ދެވަނަ ދުވަހުގެ މެންދުރުފަހު "ހޯޕް ކޮންފަރެންސް" އާއި، ފެބްރުއަރީ ތިންވަނަ ދުވަހުގެ ހަވީރު "ބުންވަރު"ގެ ނަމުގައި ބާއްވާ ސުލްހަވެރި ހިނގާލުމާއި އަދި ފެބްރުއަރީ ހަތަރުވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ހޯޕް ކޮންފަރެންސް ނިންމުމަށް ބާއްވާ ޖަލްސާ އެވެ.
ޕީޕީއެމް ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް ވިދާޅުވީ މި ހަރަކާތްތަކަކީ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނަށް "ނުހައްގުން ހުކުމެއް ކޮށް ޖަލަށް ލާފައިވާތީ" އެކަމާ ދެކޮޅަށް ކުރެވޭ އިހުތިޖާޖުތަކެއް ކަމަށެވެ. އެގޮތުން އިހުތިޖާޖު ކުރުމަށްޓަކައި އަންނަ ހުކުރު ދުވަހު ޕީޕީއެމް އޮފީސް ކުރިމަތިން ފަށައިގެން މާލޭގެ މަޖީދީ މަގުގައި ބުންވަރު ހިނގާލުން ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަރަކާތްތައް އަދި ހިނގާލުން ކުރިއަށް ގެންދަނީ ފުލުހުންގެ އިދާރާ އިން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށްވެސް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ރިޔާސީ ކެމްޕޭނުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައީސް ޔާމީނަށް ތާއީދު ހޯދުމަށް އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި އެމަނިކުފާނު މިނިވަން ކުރުމަށް ކުރެވެން އޮތް އެންމެހާ މަސައްކަތްތަކެއް ކުރުމަށް އުއްމީދު ކޮންފަރެންސްގައި ނިންމާނެ ކަމަށްވެސް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައިވާ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން އަމިއްލަ ހަރަދުގައި މާލެ އައިސް މި ހަރަކާތްތަކުގައި ބައިވެރިވުމަކީ އިދިކޮޅު ކޯލިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.