ކ. ގުރައިދޫ

މިގެސްޓް ހައުސްތައް ފުރާލަން ބޭނުމީ އެހީތެރިކަމެއް

ވެ ރިރަށް މާލެއިން 35 މިނެޓުގެ ލޯންޗު ދަތުރެއް ކޮށްލުމަށްފަހު ދެވޭހާ ދުރުމިނުގައި އޮތް ކ. ގުރައިދޫއަށް ޒިޔާރަތްކުރާ މީހުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނަނީ އެ ރަށު ފަޅު ތެރޭގައި ރިސޯޓެއް އޮންނަ ކަމެވެ.

ހިކި ދިޔަވަރުގައި ހިނގާލާފައި ދެވޭހާ ކައިރީގައި އޮންނަ ރިސޯޓުން ރަށުގެ ލޯކަލް ޓޫރިޒަމް ކުރިއަރައި ރަށް ތަރައްގީވުމަކީ ގުރައިދޫ ރައްޔިތުންގެ އުއްމީދެކެވެ. ރަށުގައި ކުރާ ގެސްޓް ހައުސް ވިޔަފާރި ކުރިއަރުވައި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ގުރައިދޫ ވެގެންދިއުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ނަމަވެސް ގުރައިދޫގައި ގެސްޓް ހައުސް ވިޔަފާރިކުރާ ޒުވާނުންނާ ވާހަކަދައްކާލުމުން އެނގުނީ ގުރައިދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވާ ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމެވެ. އުފެދޭ ސުވާލަކީ ފަޅު ތެރޭގައި ރިސޯޓެއް އޮންނައިރު ގުރައިދޫގެ ލޯކަލް ޓޫރިޒަމް މާފުށީ ފެންވަރަށް ނުގެންދެވެންވީ ކީއްވެގެން ހެއްޔެެވެ؟

ރިސޯޓުން ރަށަށް ކުރާ އެކްސްކާޝަންތައް މަދު

ރިސޯޓުތަކުން ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށްތަކަށް އެކްސްކާޝަން ދަތުރުތައް ރާވައި، ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށްލުމަށް ފަތުރުވެރިންނަށް އެ ފުރުސަތު ދެއެވެ. ރަށްތަކުގެ ވިޔަފާރިވެރިންނަށާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް މިފަދަ ދަތުރުތަކުގެ ސަބަބުން ލިބޭ ފައިދާ ބޮޑެވެ.

ގާތްގަނޑަކަށް 20 ގެސްޓް ހައުސް ހުންނަ ގުރައިދޫގެ ޒުވާނުން އަދިވެސް ތިބީ މި ނަމްބަރާއި ރަށުން ލިބޭ ހިދުމަތްތައް އިތުރުކޮށް ލޯކަލް ޓޫރިޒަމަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. ނަމަވެސް އެންމެ ކައިރީގައި އޮންނަ ރިސޯޓުން ވެސް އެ ފުރުސަތު ރަށަށް ނުދޭކަން އެ ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

"ފަޅު ތެރޭގައި މި އޮތް ރިސޯޓުން ވެސް ވަރަށް މަދުން އެކްސްކާޝަނަން މި ރަށަށް އަންނާނީ. ގިނައިން ހަމަ މާފުށްޓަށް ދަނީ،" ގުރައިދޫގައި ގެސްޓް ހައުސްއެއް ހިންގާ ފަރާތަކުން އަވަސްއާ ވާހަކަދައްކަމުން ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި ރަށުގައި ސުވެނިޔާ ވިޔަފާރި ކުރާ ފަރާތްތަކަށްވެސް މި ސަބަބާ ހުރެ މާބޮޑު ފައިދާއެއް ނުވެ އެވެ. ރަށަށް އެކްސްކާޝަންތަކަށް ފަތުރުވެރިން ނާންނައިރު، ކިރިޔާވެސް ފައިދާއެއް ވަނީ ސީޒަން ދުވަސްވަރުގައި ކަންވެސް އޭނާ ފާހަގަކުރި އެވެ.

"އެ މީހުން ވެސް ތިބެނީ ދެން ފިހާރަ ހުޅުވައިގެން. މާބޮޑު ވިޔަފާރިއެއް ނުވޭ. ގެސްޓުން އަންނަނީ ސީޒަން ދުވަސްކޮޅު އެކަނި،"

ރަށުން ބޭރަށް ވަޒީފާ އަދާކުރަން ނުގޮސް، އާއިލާއާއި ކައިރީގައި ތިބެ އާމްދަނީއެއް ހޯދުމަށް ގުރައިދޫގެ ގިނަ ބަޔަކު ގެސްޓް ހައުސް ވިޔަފާރިކުރެ އެވެ. ނަމަވެސް ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ނިމުމާއިއެކު އަތްމަތި ދަތިވެގެން ދަނީ އެވެ.

ކައުންސިލުން އެއްބާރުލުމެއް ނުދޭ

ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ޒުވާނުންގެ މަދަދުވެރިއެއް ގޮތުގައި މަސައްކަތް ކުރަންޖެހޭ އެއް ފަރާތަކަށް ރަށު ކައުންސިލު ވާނެ އެވެ. ރަށުގައި ވިޔަފާރިކޮށް ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހިންގުމުގެ އިޒުނަ ދެނީ ކައުންސިލުތަކުން ކަމުގައި ވަތީ އެވެ. ނަމަވެސް ގުރައިދޫ ކައުންސިލުން ވިޔަފާރިވެރިންނަށް އެއްބާރުލުން ނުދޭކަން ގުރައިދޫގެ ބައެއް ވިޔަފާރި ފާހަގަކޮށްފައިވެ އެވެ.

ގުރައިދޫ ތުނޑީ ސަރަހައްދުގައި ގިނަ އަދަދަކަށް ރެސްޓޯރެންޓު ހުޅުވާފައި ހުރެ އެވެ. ހިތްގައިމު ސަރަހައްދެއްގައި ހުންނަ މިފަދަ ތަންތަނަކީ ފަތުރުވެރިންގެ އިތުރުން ރަށު ރައްޔިތުންނަށް ވެސް ހިތްހަމަޖައްސާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ގުރައިދޫއިން އަވަސްއާއި ވާހަކަދެއްކި ރެސްޓޯރެންޓު ވިޔަފާރިކުރާ ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި ގިނަ ރެސްޓޯރެންޓުތަކަށް ކެއްކުމުގެ ހުއްދައެއް ނުލިބެ އެވެ. އެ ތަންތަނުގެ މެނޫގައި ކާއެއްޗިއްސެއް ނުހުރެ އެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދެވެނީ ހަމައެކަނި ތަފާތު ބުއިންތަކެވެ.

"ބީޗުގައި މިހިރަ ރެސްޓޯރެންޓުތަކަށް ކައުންސިލުން ކެއްކުމުގެ ހުއްދައެއް ނުދިން. އެންމެ ތަނަކަށް އެ ހުއްދަ ދީފައި އިންނަނީ އަދި،" މައުލޫމާތު ދެއްވި ބޭފުޅާގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގައި ބިކިނީ ބީޗަކަށް ވަކި ސަރަހައްދެއް ހާއްސަކުރުމަށް ވެސް ކައުންސިލުން ހުއްދަ ދިނީ ވަރަށް ގިނަ ފަހަރު އެކަމަށް އެދުމުން ކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއްވި އެވެ.

ޖާގައިގެ ދަތިކަން

ގުރައިދޫގެ ވިޔަފާރިވެރިންނަށް ދެން އޮތް އެންމެ ބޮޑު ދައްޗަކީ ރަނގަޅު ފެންވަރުގެ ގެސްޓް ހައުސްތައް އެޅުމަށް ބިން ނެތުމެވެ. އަމިއްލަ މީހުންގެ ގޯތީގައި މި މަސައްކަތް ކުރަންޖެހުމުން ލިބޭ ޖާގަކޮޅު އޮންނަނީ ކުޑަވެފަ އެވެ. ހިދުމަތަށް ހުޅުވާލެވެނީ ފަސްވަރަކަށް ކޮޓަރި އެވެ.

"ގޯތީގައި ގެސްޓް ހައުސް އަޅާ ހިދުމަތްދޭއިރު މި އެޅެނީ ދެތިން ކޮޓަރި. ގެސްޓުން ބޭނުންވާ ޕްރައިވަސީއެއް ނީނދޭ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ވިޔަފާރިވެރިން ތިބީ އެ ރަށުގައި ހިއްކާފައި އޮތް ސަރަހައްދުން ބިން ދޫކުރަން ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ކައުންސިލުން ބުނަނީ ކީކޭ؟

ވިޔަފާރިވެރިންގެ މި ޝަކުވާތަކާ ގުޅޭގޮތުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު އަވަސްއަށް ވިދާޅުވީ ރަށުގެ އިޖުތިމާއީ ފޭރާން ހަލާކުވާފަދަ އެއްވެސް ކަމަކަށް ކައުންސިލުން ހުއްދަ ނުދޭނެ ކަމަށެވެ. އަދި ވަކި ސަރަހައްދެއްގައި ގެސްޓުންނަށް ނިވާކަން ކުޑަ ހެދުމުގައި އުޅުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި، އެނޫން ސަރަހައްދުތަކަށް އެފަދަ ހުއްދަތައް ދިނުމަކީ މުޖުތަމައުގެ އަހްލާގީ މިންގަނޑާ ހިލާފު ކަމެއްކަމުން އެ ހުއްދަ ދެވެން ނެތް ކަމުގައި ޔާމީން ވިދާޅުވި އެވެ. އަދި ރަށު ބީޗުގައި ހުރި އެއްވެސް ރެސްޓޯރެންޓަކަށް ކެއްކުން މަނާ ކޮށްފައި ނުވާނެކަން ޔާމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބީޗް ސަރަހައްދުގައި ހުންނަ އެއްވެސް ރެސްޓޯރެންޓަކަށް ކެއްކުން މަނަލެއް ނުކުރަން. އެކަމަކު ގާޑިޔާ ފަދަ ތަންތަނަށް އެ ހުއްދައެއް ނުދެއް. އެ ތަންތަނުން ހެދިކާ، އަދި ސައި ފަދަ ލުއި ކާނާ ހެދޭނީ،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ބައެއް ރިސޯޓުތަކުން ރަށަށް އެކްސްކާޝަންތައްކަށް ނާންނަނީ ކޮވިޑް-19 އަށްފަހު އެ ތަންތަނުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، މިހާރު ވެސް ދެތިން ރިސޯޓަކުން އެކްސްކާޝަން ޓްރިޕްތައް ބާއްވާ ކަމަށެވެ. އަދި އެކްސްކާޝަންތައް އިތުރުކުރުމަށް ކައުންސިލުން ވެސް ރިސޯޓުތަކާއިއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

ކައިރީގައި ގިނަ ރިސޯޓުތަކެއް އޮތުމަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރަން ޖެހޭނެ ސަބަބެކެވެ. ހިއްކާފައި އޮތް ބޮޑު ބިމެއް އޮތުމަކީ އެ ތަނަކުން ވިޔަފާރިވެރިންނަށާއި ރަށުގެ ރައްޔިތުންނަށް ވެސް ނަފާ ލިބެންޖެހޭނެ ކަމަކެވެ.

ފަތުރުވެރިކަން މާފުށީގެ ތަރައްގީ އެންމެ އުސްމިނަށް ގެންދިޔަ ފަދައިން ގުރައިދޫ ވެސް އެ ހަރުފަތަށް ގެންދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ރަށަށް އެޅިފައި އޮތް "މޮޔަ ގުރައިދޫ"ގެ ލޭބަލް ދުއްވާލައި "ގުރައިދޫ ވީކެންޑްސް" ވެސް ވައިގައި ހިފާނީ ރަށުގައި ހުރި ފުރުސަތުތަކާއި ގުދުރަތީ ރީތިކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެންނެވެ. ޒަމާނީ އިތުރު ގެސްޓްހައުސްތަކާއި ހޮޓަލްތައް އެޅި ރެސްޓޯރެންޓުތަކާއި ވޯޓާ ސްޕޯޓްސް އަދި ސުވެނިއާ ފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރެވިގެންނެވެ.