އެޗްޑީސީ

ކުޑަގިރިއަށް ދަތުރު ދިއުމަށް މިއަދު ހަވީރުން ފެށިގެން ހުޅުވާލަނީ

ކު ޑަގިރިއަށް ދަތުރު ދިއުމަށް ބޭނުންވާ މީހުންނަށް މިއަދު ހަވީރު 4:00 އިން ފެށިގެން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުމަށް ނިންމައިފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެޗްޑީސީގެ މާކެޓިން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ބުކިންތަށް ހެދޭނެ ކަމަށާއި އަދި ފީވެސް ދެއްކޭނެ ކަމަށެވެ.

ކުޑަގިރިއަށް ދަތުރު ދިޔުމަށް ބުކިން ހަދާ ކޮންމެ ބޭފުޅަކަށް ގިނަވެގެން ގެންދެވޭނީ ހަތް މީހުން ކަންވެސް ނިއުޝާދު ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ހަދާފައިވާ ކުޑަގިރި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

"ކުޑަގިރި ހުޅުވާ ދުވަހު އަޅުގަނޑުމެން އެންމެ ފުރަތަމަ ނިންމީ ދަތުރު ދާން ބޭނުންވާ 200 މީހުންނަށް ދަތުރު ދެވޭ ގޮތް ހަމަޖެއްސުމަށް. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ 300 މީހުންނަށް ފުުރުސަތު ދިނުމަށް،" ނިއުޝާދު ވިދާޅުވި އެވެ.

ނިއުޝާދު ވިދާޅުވި ގޮތުގައި ކުޑަގިރިއަށް އެއްް ފަހަރާ އެރޭނީ 1،200 މީހުންނަށެވެ. އަމާޒަކީ ވަރަށް އަވަހަށް އެ އަދަދު 1،500 އަށް އިތުރުކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

ކުޑަގިރިއަށް ދަތުރުދާ މީހުން ހަފްތާގެ ރަސްމީ ދުވަސްތަކުގައި ދަތުރުދާނަމަ ފެރީ ޓިކެޓަށް ބޮލަަކަށް ދެކޮޅަށް 25 ރުފިޔާ ދައްކަން ޖެހެ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބަ އެވެ. މީގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ހަފްތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.

މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި 44 ސީސީޓީވީ ކެމެރާ މި ރަށުގެ އެކި ސަރަހައްދުގައި ގާއިމުކޮށްފައިވެ އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެ އެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ރަށެއް ތައްޔާރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.