ޕިކްނިކް އައިލެންޑް

ކުޑަގިރިއަށް ބުކިން ނުހަދާ ދެވޭ ގޮތް ހަދައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކ. ކުޑަގިރިއަށް ދާން ދުރާލާ ބުކިން ހަދަންޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ.

ދުރާލާ ބުކިން ނަހަދަ ކުޑަގިރި ފެރީގައި އެ ރަށަށް ދެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ބުކިން ނަހަދަ ދެވުނު ނަމަވެސް ކުޑަގިރީގެ ކޮޓަރިތަކާއި އަށި ބޭނުންކުރަން ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހެ އެވެ.

ކުޑަގިރި ރަސްމީކޮށް ހުޅުއްވައިދެއްވީ މިމަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ކުޑަގިރިއަށް ދަތުރުދާ މީހުން ހަފްތާގެ ރަސްމީ ދުވަސްތަކުގައި ދަތުރުދާނަމަ ފެރީ ޓިކެޓަށް ބޮލަަކަށް ދެކޮޅަށް 25 ރުފިޔާ ދައްކަން ޖެހެ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބަ އެވެ. މީގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ހަފްތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި ހަތަރު ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.