ޕިކްނިކް އައިލެންޑް

ކުޑަގިރި ބުކްކުރަން އެޕްލިކޭޝަނެއް

Feb 3, 2023

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކ. ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ މީހުންނަށް ފަސޭހަަކޮށްދިނުމަށް އެ ރަށަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ އެޗްޑީސީ އިންނެވެ. އެކަމަކު އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރި ބުކް ކުރެވޭ ގޮތް އަދި ހަމަޖައްސާފައެއް ނުވެ އެވެ. ކުޑަގިރިއަށް ދަތުރު ދިއުމަށް މުސްތަގުބަލްގައި ބުކް ކުރަން ޖެހޭނީ އެޕްލިކޭޝަން މެދުވެރިކޮށެވެ.

އެޗްޑީސީ އިން ބުނީ ކުޑަގިރި އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން އެ ރަށާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބި އަދި އެރަށުން ލިބޭ ހިދުމަތްތައް ބަލައިލެވޭނެ ކަމަށެވެ.

ކުޑަގިރި އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑްކުރެވެ އެވެ.

ކުޑަގިރި މި މަހުގެ 10 ވަނަ ދުވަހު ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ރަށެއް ތައްޔާރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ދަތުރު ދިޔުމަށް މާލެ ކައިރީގައި ރަށެއް ނެތުމުން ރަށެއް ހެދުމަށް ފަޅެއް ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރު އެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ. އެ ގޮތުން ކުޑަގިރިއަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ގާއިމުކޮށްފައިވެ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

މާލެއިންނާއި ހުޅުމާލެއިން ކުޑަގިރިއަށް ފުރައިގެން ދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު އޮންނާނެ އެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.