ހަބަރު

ސީއެޗްއެސްއީގެ ބައެއް ކްލާސްތަކުގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގައި

ސީއެޗްއެސްއީގައި ކިޔަވާ ބައެއް ދަރިވަރުން ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތައް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ އެމިނިސްޓްރީ އިން މިހެން ނިންމީ އޭލަވަލްގެ ކިޔެވުން މާޗު މަހަށް ބަދަލު ކުރުމުގެ ސަބަބުން މިހާރު ހުރި ސްކޫލްގެ އިމާރާތުގައި ތިން ބެޗެއްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތިން މަސް ވަންދެން، ބައެއް ކްލާސްތަކުގެ ކިޔެވުން ދަރުމަވަންތަ ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

"އޭލެވެލް ކިޔެވުން ފެށުމަށް ގެނައި ބަދަލާއިގުޅިގެން މިހާރު އޭލެވެލްއަށް ކިޔަވައިދެމުންދާ ސްކޫލްތަކުގައި ތިން މަހެއްހާ ދުވަހަށް ޖާގައިގެ ދަތިތަކެއް ދިމާވެ. އެހެންވެ ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލުގެ ރަނގަޅަށް ހުރި އިމާރާތައް މި ކުދިން ބަދަލު ކުރަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.

ސީއެޗްއެސްއީގައި 1200 އެއްހާ ކުދިން މިހާރުވެސް ކިޔަވަމުންދާއިރު، މިއަހަރު އަލަށް 480 އަށްވުުރެ ގިނަ ދަރިވަރުން އޭލަވަލް އަލަށް ކިޔެވުމަށް ސީއެޗްއެސްއީއާ ގުޅުނެވެ. އެހެން ނަމަވެސް ދަރުމަވަންތަ ސްކޫލަށް ބަދަލު ވަނީ ކިހާ ދަރިވަރުންނެއް ކަމެއް ސާފެއް ނުވެއެވެ.

މާޗް ހަވަނަ ދުވަހު އޭލެވެލް ކިޔަވަން ފަށާއިރު، ގްރޭޑް 11 އަށް އަލަށް ވަންނަ ބެޗަކާއި، މިހާރުވެސް 11 ގައި ކިޔަވަމުންދާ ބެޗުގެ އިތުރުން ގްރޭޑް 12 ގެ ބެޗް ވެސް އަންނަނީ ޗީއެޗްއެސްއީގައި ކިޔަވަމުންނެވެ. އަދި ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ހަތަރު ބުރީގެ އިމާރާތެއް އެސުކޫލުގައި އަޅައިދޭނެ ބަޔަކު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިއުލާން ކޮށްފަ އެވެ.