ހަބަރު

ސްނައިޕަރު ލަންކާގެ ސްޕެޝަލް ފޯސްގައި އުޅުނު!

Jan 31, 2016

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ސްނައިޕަރު، ލަހިރު މަދުޝަންކާ އަކީ ލަންކާގެ ސްޕެޝަލް ފޯސްގައި މަސައްކަތް ކޮށްފައިވާ މީހެއްކަން އަވަސް އަށް ކަށަވަރުވެއްޖެ އެވެ.

އަވަސް ކަށަވަރުވެފައި ގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި މަހުގެ ވިޔަފާރިއެއް ކުރި، އަދި އެފަދަ މަސައްކަތެއް ކުރަން ބަޔަކާ ބައިވެރިވި މީހެއް ވެސް ނޫނެވެ. މީގެ އިތުރުން އެނާއަކީ ސްރީލަންކާގެ ސްޕެޝަލް ފޯސްގައި މަސައްކަތް ކުރުމުގެ އިތުރުން ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމުގެ މިލިޓަރީ ތަމްރީނުތައް ވަރަށް ބޮޑަށް ފުރިހަމަކޮށްފައިވާ އަދި ޖަފްނާގެ ހަނގުރާމަ ނިމެމުން ދިޔަ ދުވަސްވަރު އެ ހނގުރާމައިގައިވެސް ބައިވެރިވި މީހެކެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އައިޝަތު އާޒިމާ ޝަކޫރު ލަންކާގެ ނޫސްތަކާ ބައްދަލު ކުރައްވާ ވިދާޅުވީ، ލަންކާ ސްނައިޕަރު ބަންދުގައި ހުރީ އޭނާއާ ދެކޮޅަށް ހެކި ހުރުމުން ކަމަށެވެ.

އިތުބާރުހުރި މަސްދަރަކުން މިކަން އަވަސް އަށް ކަށަވަރުކޮށްދީފައިވާއިރު ސަރުކާރުގެ ފަރާތުން ސްރީލަންކާއަށް ދިޔަ ވަފުދު ލަންކާގެ ނޫސްވެރިންނާ ބައްދަލުކުރި އިރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ސްނައިޕަރާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އެކަމަނާ ދެއްވާފައެއް ނުވެއެވެ.

ލަންކާގެ "ސަންޑޭ ޓައިމްސް"އަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ނައިބު ޑރ. ހާޝާ ޑި ސިލްވާ ކުރިން ވިދާޅުވެފައިވަނީ ސްނައިޕަރާ ގުޅޭ ތަފްސީލު ރާއްޖެއިން ހިއްސާކޮށްފައިވާ ކަމަށާއި މައްސަލަ ލަސްވަނީ، އެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސީރިއަސްކަމުން ކަމަށެވެ.

ރާއްޖެ އައިސް ރައީސް ޔާމީން އަވަހާރަކޮށްލައްވަން އުޅުނު ކަމުގެ ތުހުމަތުގައި ލަހިރު މަދުޝަންކާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ. އޭނާ ރާއްޖެ ގެނެއި ކަމުގެ ތުހުމަތުގައި މިދިއަ ޑިސެމްބަރު މަހު 17 ގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.