މިސްކިތް

މަސްޖިދުލް އަކްބަރު - ސުރަބަޔާ، އިންޑޮނީޝިއާ

މަ ސްޖިދުލް އަކްބަރު - މިއީ އިންޑޮނީޝިއާގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. އިމާރާތްކޮށްފައި ހުންނަނީ އިރުމަތީ ޖާވާގައި، ސުރަބަޔާ އަވަށުގަ އެވެ.

މިސްކިތުގެ ބިންގާއެޅީ އޯގަސްޓް 4، 1995 ވަނަ އަހަރު އެވެ. އިމާރާތްކޮށް ނިންމައި އާންމުންނަށް ހުޅުވާލީ 2000 ވަނަ އަހަރެވެ. މި މިސްކިތުގައި އެއްވެސް ދަތިކަމެއް ނެތި 59،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވެ އެވެ.

އަކްބަރު މިސްކިތް ބިނާކޮށްފައިވަނީ ހަތަރު ގުއްބާ އެކު އެވެ. ގުއްބުގެ އުސްމިނަކީ 89 ފޫޓެވެ. އެހެންނަމަވެސް މިސްކިތުގައި ހުންނަ ހަމައެކަނި މުންނާރުގެ ސަބަބުން، ބަންގިގޮވާ އަޑު ވަރަށް ދުރަށް އިއްވައިދެ އެވެ. މުންނާރުގެ އުސްމިނަކީ 325 ފޫޓެވެ.

މި މިސްކިތް އިމާރާތްކުރުމުގައި ބޮޑެތި ގޮންޖެހުންތައް އިންޑޮނީޝިއާގެ ސަރުކާރަށް ކުރިމަތިވި އެވެ. މިގޮތުން 1997 ގައި އޭޝިއާގެ ގައުމުތަކަށް ކުރިމަތިވި މާލީ ދަތިތަކާ ހެދި މިސްކިތުގެ މަސައްކަތްތައް ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން، އިމާރާތްކުރުން ދުވަސްތަކަކަށް މެދުކަނޑާލަން ޖެހުނެވެ.

އަކްބަރު މިސްކިތުގެ މަސައްކަތްތައް އަލުން ފެށޭވަރުވީ 1999 ގައެވެ. އަދި ތާވަލަށް ވުރެ ބާރަށް، ހަލުއިކޮށް ކުރި މަސަތްކަތްތަކުން 2000 ވަނަ އަހަރު އިމާރާތްކޮށް ނިންމައި، ނޮވެމްބަރު 10، 2000 ގައި ޖަމާއަތަށް ހުޅުވާލި އެވެ.

މި މިސްކިތް ޑިޒައިންކޮށް އިމާރާތްކުރުމުގައި އަރަބި އިސްލާމީ ދުނިޔެއިން ވަނީ މިސާލު ނަގާފަ އެވެ. އަދި ސަރަހައްދީ ފާޑުވެރިކަން ހިމަނައި، މެލޭޝިއާ އާއި އިންޑޮނީޝިއާގެ ފަންނުވެރިންގެ އެހީ ވަނީ ހޯދާފަ އެވެ.

އިމާރާތްކުރުމުގައި ކޮންސްޓްރަކްޓަރުންނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ ފަސްގަނޑު މަޑުވުމުގެ ސަބަބުން އިމާރާތް ގެނބުމެވެ. އެހެންނަމަވެސް ކުރިއާލައި މިކަން އެނގިފައި އޮތުމުން، އިމާރާތް ގެނބުނަ ނުދިނުމަށް ސިމެންތީގައި ބާރުޖައްސައި، އިތުރު ތަނބުތަކެއް (ބުޑުތަކެއް) ބިނގަލުގައި ވަނީ ހިމަނާފަ އެވެ. މިއީ ބިމުން މައްޗަށް ފެންނަން ހުންނަ ތަނބުތަކެއް ނޫނެވެ. ބުނެވޭ ގޮތުގައި ބިންގަލުގެ ދަށުގައި 2،000 އަށް ވުރެ ގިނަ ބުޑު ވަނީ ޖަހާފަ އެވެ.

މިސްކިތް އިމާރާތްކުރަމުން ދިޔައިރު ތަޖުރިބާކުރެވުނު ކަންތައްތަކަށް ބަލައި، މިސްކިތުގެ ފުރަތަމަ ތަޅުން ތިން މީޓަރަށް ވަނީ އުފުލާފަ އެވެ. އަދި މިސްކިތަށް އިތުރުކުރެވުނު ޖާގައެއްގެ ގޮތުގައި ފުރަތަމަ ތަޅުމުގެ އަޑި ބޭނުންކުރެވޭ ގޮތް ވަނީ ހަދާފަ އެވެ. އެކަމަކު ނަމާދުކުރަނީ -- ޖަމާއަތް ހަދަނީ ފުރަތަމަ ތަޅުމުގަ އެވެ.

މިސްކިތުގެ ސަފުތައް -- ތަނބުތަކުގެ ސަބަބުން ބައިބައި ވެދާނެ ކަމަަށް ބަލައި، ފުރާޅުއެޅުމުގައި ވަރަށް ބޮޑަށް ވިސްނާފައިވެ އެވެ. ފުރާޅު ހިފެހެއްޓުމަށް މިސްކިތު އަރިމަތި ކޮންކްރީޓުން ވަރުގަދަކޮށް ތަނބުތަކުގެ ބުޑު ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

އަކްބަރު މިސްކިތް އިމާރާތްކޮށްފައި ވަނީ ނަމާދަށް ހަދާ ސަފުތައް، ތަނބުތަކުގެ ސަބަބުން ބައިނުވާނެ ގޮތަށް -- ސަފުހެދޭ ގޮތަށެވެ.