މިސްކިތް

ކްރިސްޓަލް މިސްކިތް - ކްއާލަ ތެރެންގަނޫ، މޭލޭޝިއާާ

ކް ރިސްޓަލް މިސްކިތަކީ މުސްލިމުން އަޅުކަންކުރަން ބިނާކޮށްފައި ހުރި މިސްކިތަކަށް ވުރެ ބޮޑަށް ފަރިކަމަށް -- މީހުންގެ ސަމާލުކަން ހޯދަން އިމާރާތްކޮށްފައި ހުރި އިމާރާތެކެވެ. މިހެން މި ބުނީ 80 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާފައިހުރި މި މިސްކިތުގެ ޖާގަ އަކީ 1،500 މީހުންނަށް ވާތީ އެވެ.

މި މިސްކިތުގައި ނަމާދުކުރެވޭ މީހުންގެ އަދަދަށް ވުރެ ބޮޑަށް ލިޔުންތަކުގައި ދައްކާފައި ހުންނަނީ މިސްކިތުގެ ޗާލުކަމަށްޓަކައި މިސްކިތަށް ކޮންމެހެންވެސް ޒިޔާރަތްކުރަން ޖެހޭ ވާހަކަ އެވެ. މިމިސްކިތް އިމާރާތްކުރުމުގައި ބޭނުންކޮށްފައި ހުރި މޮޅު ދަގަނޑާއި ބިއްލޫރި އަދި ކްރިސްޓަލްގެ ވާހަކަވެސް ދައްކާފައި ހުރެ އެވެ.

ކްރިސްޓަލް މިސްކިތް ހުންނަނީ މެލޭޝިއާގައި ކަނޑަށް ހުޅުވިފައި އޮންނަ ކްއާލާ ތެރެންގަނޫގަ އެވެ. މިއީ މެލޭޝިއާގެ މައި ސަރުކާރުގެ ސީދާ ކޮންޓްރޯލް އޮަންނަ ސްޓޭޓެކެވެ.

މި މިސްކިތުގެ ބިންގާ އެޅީ 2006 ވަނަ އަހަރު އެވެ. އާންމުންނަށް ހުޅުވާލީ ފެބްރުއަރީ 8، 2008 ގައެވެ. މި މިސްކިތުގައި ބޮޑު ނުވަ ގުއްބާއި ކުދި ނުވަތަ އެކި ސައިޒުގެ 51 ގުއްބު ހިމެނެ އެވެ. މުޅިއެކު ހުންނަނީ ހަތަރު މުންނާރެވެ.

މި މިސްކިތަށް ކްރިސްޓަލް މިސްކިތުގެ ނަމުން ނަންދީފައިވަނީ ވެސް ވިދުން ގަދަކަމުންނެވެ. މިސްކިތު ތެރެއަށް ޗާލުކަން ގެނައުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ހުރީ ވިދާ ދަނގަޑާއި ބިއްލޫރި އެވެ.

ކްރިސްޓަލް މިސްކިތަށް ވަރުގަދަކަން ގެނައުމަށް މައިގަޑު މާއްދާއަކަށް ދަގަނޑު ބޭނުންކުރި ނަމަވެސް ބައްޓަންކޮށް ސިފަ ޖައްސާފައި ވަނީ ބިއްލޫރިންނެވެ.

ކްރިސްޓަލް މިސްކިތް ބިނާކުރުމުގައި އަރަބި އިސްލާމީ ޑިޒައިންތައް ވަނީ އިމްޕޯޓްކޮށްފަ އެވެ. މައިގަނޑު ގޮތެއްގައި މިސްކިތް އެންމެ ބޮޑަށް ވައްތަރުކުރެވެނީ ތުރުކީގެ އިމާރާތަކާ އެވެ.

މިއީ މުޅިން އެއާކޮންޑިޝަން މިސްކިތެވެ. މިސްކިތުގެ ތަޅުމުގައި ގްރެނައިޓް ތަށިމުށި ޖަހައި އަދި ތަޅުން މާބޮޑަށް ފިނިވެދާނެތީ ވަނީ ވަރަށް ރީތި ކާޕެޓެއް އަޅާފަ އެވެ. މި ކާޕެޓަކީ އެކި މޫސުމަށް ބަދަލުކުރާ ކާޕެޓެކެވެ.

މިސްކިތުގެ ޤިބްލަ ފާރު ފިޔަވާ ދެން ހުރި ހުރިހާ ފާރެއް ހުރީ ބިއްލޫރީންނެވެ. އަދި އަރަބި އަކުރުތަކުން ޑިޒައިންކޮށް ލޭޒާއިން ކަނޑާ ނަގާފައި ހުންނަ ގޮތް ސިފަވާ ގޮތަށެވެ.

ކްރިސްޓަލް މިސްކިތުގެ އެންމެ އުފާވެރި ސިފަ އަކީ މިސްކިތުން ބައެއް އޮއިދެމޭ ކޯރަކަށް ނުކުމެފައި ހުރުމެވެ. މިސްކިތް ޑިޒައިންކޮށް ބިނާކޮށްފައި ވަނީ ކޯރަށް -- ކޯރުގެ ތިލަ ބަޔަށް ތަނބު ޖަހައި ގުންގުރެޓް ކޮށްގެންނެވެ.

މިއީ މެލޭޝިއާގައި އެންމެ ފުރަތަ ވައިފައި ލިބޭ ގޮތަށް ހެދި މިސްކިތެވެ. އެއީ މި މިސްކިތަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް -- މިސްކިތުގެ ރީތިކަން އެ މީހުންގެ ގައުމަށް މެސެޖްކޮށް އެންގުމަށެވެ.