މިސްކިތް

ލަންޑަން ސެންޓްރަލް މިސްކިތް - ލަންޑަން، އިނގިރޭސިވިލާތް

ލަ ންޑަން ސެންޓްރަލް މިސްކިތް ބިނާކޮށްފައިވަނީ މީގެ 46 އަހަރު ކުރިން، 1977 ގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މެދުތެރޭ ޕާކެއްގަ އެވެ.

މި މިސްކިތް ބަލަހައްޓައި ހިންގުމަށްޓަކައި ލަންޑަން ސެންޓްރަލް މޮސްޓް ޓްރަސްޓް ލިމިޓެޑްގެ ނަމުގައި އިދާރާއެއް ހުރެ އެވެ.

މި މިސްކިތުގެ ޖާގަ އަކީ 5،400 އެވެ. އަންހެނުންނަށް ޚާއްސަކޮށްފައި ވަނީ މައި ހޯލަށް ވާގޮތަށް އޮންނަ ބެލްކަނީ އެވެ.

މި މިސްކިތް އިމާރާތްކޮށް ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށް 6.5 މިލިއަން ޕައުންޑް ހޭދަކުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ދުރުން ފެންނައިރު މި މިސްކިތް ފާހަގަކުރެވެނީ އާދަޔާ ޚިލާފު ގުއްބެއްގެ ސަބަބުންނެވެ. މިއީ ލަންޑަން ސެންޓްރަލް މިސްކިތުގައި ހުންނަ ހަމައެކަނި ގުއްބުވެސް މެއެވެ. ލަންޑަން ސެންޓްރަލް މިސްކިތުގައި ހުންނަނީ އެންމެ މުންނާރެކެވެ.

ލަންޑަން ސެންޓްރަލް މިސްކިތުގެ އެތެރެ ޑިޒައިން ކުރުމުގައި އިސްލާމީ މުސްލިމު ދުނިޔެ ސިފަކޮށްދޭ ކުރެހުންތައް ވަނީ އަޅާފަ އެވެ. އަކަ ފުރިހަމަކޮށް އުފައްދާފައި ހުންނަ ކުރެހުންތައް މިއަދުގެ ޒަމާނީ މިސްކިތްތަކުގައި ވެސް ވަރަށް އާންމެވެ.

މިސްކިތުގެ ގޯތި ތެރޭގައި ފޮތް ފިހާރަ އަކާއި ހަލާލް ކާބޯތަކެތި ވިއްކާ ފިހާރައެއް ހުރެ އެވެ. އަދި އިސްލާމީ ސަގާފީ މަރުކަޒެއް ވެސް ހުރެ އެވެ.

މުސްލިމުން އަޅުކަންކުރަން މިސްކިތެއް ބިނާކުރުމަށް ލަންޑަނުން ޖާގަ ދެއްވީ އިނގިރޭސިވިލާތުގެ ކުރީގެ ރަސްގެފާން ޖޯޖު ހަވަނަ އެވެ.

މުސްލިމުންނަށް އިނގިރޭސިވިލާތުން ބިން ދޫކޮށްފައިވަނީ -- ބަދަލުގެ ގޮތުގައި މިސްރާއި ސޫދާނުން އިނގިރޭސިވިލާތަށް ބިން ދޫކުރުމުންނެވެ. އެއީ ކްރިސްޓިއަން ފައްޅި އެޅުމަށެވެ.

ލަންޑަން ސެންޓްރަލް މިސްކިތް އިމާރާތްކުރުމަށް ސައޫދީން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ. ސައޫދީގައި އޭރު ހުންނެވި ރަސްގެފާން ފައިސަލް ބިން އަބްދުލް އަޒީޒް އަލްސައޫދުގެ ހެޔޮ އެދުންތަކާ އެކު ދެ މިލިން ޕައުންޑް މިސްކިތު ފަންޑަށް ވަނީ ލިބިފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އެއިރު ހުންނެވި ރައީސް ޝައިޚް ޒައިދު ބިން ސުލްތާން އައްނަހްޔާން ވެސް މިސްކިތު ފަންޑަށް އެހީވެދެއްވި އެވެ. އަދި ފަހުން ސައޫދީ ރަސްގެފާން ފަހުދު ބިން އަބްދުލް އަޒީޒް ވެސް މި މިސްކިތަށް އެހީތެރިވެދެއްވި އެވެ. އެއީ އިދާރީ އޮފީސް ބަޔަކާއި ދީނީ ތައުލީމު އުނގަންނައިދޭ ކުލާސް ބަރިއެއް އިމާރާތްކުރުމަށެވެ.