މިސްކިތް

އަހްމަދު ކަދިރަފް މިސްކިތް - ޗެޗްނިޔާ، ރަޝިއާ

އަ ހްމަދު ކަދިރަފް މިސްކިތް ހުންނަނީ ޗެޗްނިއާ (ޝީޝާން)ގެ ވެރިރަށް ގްރޮޒްނީ ގައެވެ.

މި މިސްކިތް ނިސްބަތް ވަނީ ޗެޗްނިއާގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިހާރުގެ ރައީސް ރަމްޒާން ކަދިރަފްގެ ބައްޕަ އަށެވެ. މިއީ ރަޝިއާގައި ހުރި އެންމެ ބޮޑު މިސްކިތް ތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.

މި މިސްކިތް ބިނާކޮށް ނިންމައި އަޅުކަމަށް ހުޅުވާލީ އޮކްޓޯބަރު 16، 2008 ގައެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަމްޒާން ކަދިރަފް ދެއްވި ދައުވަތަށް ރަޝިއާގެ މިހާރުގެ ރައީސް އަދި އެއިރުގެ ބޮޑުވަޒީރު ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަހްމަދު ކަދިރަފް މިސްކިތް ބިނާކޮށްފައިވަނީ 14 ހެކްޓަރުގެ ބޮޑު ޕާކެއްގެ މެދުގަ އެވެ. މިސްކިތަށް ވާގޮތަށް ރަޝިއަން އިސްލާމިކް ޔުނިވާސިޓީ ވެސް މި ގޯތިތެރޭގައި ހުރެ އެވެ.

މި މިސްކިތުގެ ޑިޒައިންތައް ފަރުމާކުރުމުގައި ތުރުކީގެ ނޫފޫޒު ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ. އިސްތަންބޫލްގައި ހުންނަ އަރަބި އިސްލާމީ މިސްކިތްތަކުން ވާރުތަކޮށްފައި ހުރި އަރަބި ކުރެހުންތަކާއި ކަނޑާނެގުންތައް މިސްކިތުގެ ފާރުތަކުގައި ހުރީ ބިންވަޅު ނަގާފަ އެވެ.

އަހްމަދު ކަދިރަފް މިސްކިތް ދުރުން ފެންނައިރު އެންމެ ފުރަތަމަ ފެންނާނީ ވަރަށް އުސް ހަތަރު މުންނާރެވެ. ކޮންމެ މުންނާރެއްގެ އުސްމިނުގައި 203 ފޫޓު ހުރެ އެވެ. އަދި މިސްކިތުގެ ފުރާޅަށް ވާގޮތަށް އޮންނަ ބިޔަ ގުއްބުގެ ތަނަވަސްކަން މިސްކިތު ތެރެއިން ވެސް އިހުސާސްކުރެވެ އެވެ. ގުއްބުގެ ފުޅާ މިނަކީ 53 ފޫޓެވެ. އުސް މިނަކީ 106 ފޫޓެވެ.

މިސްކިތް އިމާރާތްކުރުމުގައި ވަރަށް ގިނަ އަދަދަކަށް މާބުލް ބޭނުންކޮށްފައި ވެއެވެ. މިސްކިތުގެ އެތެރެ އާއި ބޭރު ޒީނަތްތެރިކުރުމުގައި ވެސް އެކި ބައްޓަމަށް މާބުލް ކޮށައި އަދި ކަނޑާ ނަގާފައިވެ އެވެ.

އަހްމަދު ކަދިރަފް މިސްކިތް ބިނާކޮށްފައި ހުރި ޖާގައިގެ ބޮޑުމިނަކީ 5،000 އަކަމީޓަރެވެ. މިއީ 10،000 މީހުންނަށް އެއްވެސް ދަތިކަމެއް ނެތި އެއްފަހަރާ ނަދާކުރެވޭ މިސްކިތެކެވެ. އެކަމަކު މި އަދަދަށް ވުރެ ގިނައިން މިސްކިތަށް އެއްފަހަރާ އެރެ އެވެ.

މި މިސްކިތް އިމާރާތް ކުރުމުގައި، ދުނިޔޭގައި އެއިރު ބޭނުންކުރެވުނު އެންމެ ޒަމާނީ އާލާތްތައް -- ޓެކްނޮލޮޖީ ބޭނުންކުރެވުނެވެ. ބުނެވޭ ގޮތުގައި މިސްކިތުގައި މިހާރު ހުރި ކުލަތައް ފަނޑުކަމެއް ނެތި 50 އަހަރަށް ދެމި ހުންނާނެ އެވެ.

އަރަބި އަކުރުތައް ފާރުތައް ފެވުމުގައި ވަރަށް ގިނަ އަދަދަކަށް ރަން ބޭނުންކުރެވެނު ކަމަށް ވެއެވެ. ކަނޑާ ނަގައި އުފައްދާފައި ހުރި ޑިޒައިންތައް ވެސް ހުންނަނީ ރަނުން ފަވާފަ އެވެ.

މިސްކިތުގެ ތެރޭގައި 36 ޗެންޑަލިއާ އެލުވާފައި ހުރެ އެވެ. އަހްމަދު ކަދިރަފް މިސްކިތް ބިނާކުރުމަށް 20 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.