މިސްކިތް

އަބޫޖާ ގައުމީ މިސްކިތް - އަބޫޖާ، ނައިޖީރިއާ

އަ ބޫޖާ ގައުމީ މިސްކިތް ނުވަތަ الجامع الوطني أبوجا ހުންނަނީ ނައިޖީރިއާގެ ވެރިރަށް އަބޫޖާގަ އެވެ. މިސްކިތުގެ ނަން ވެރިރަށުގެ ނަމަށް ނިސްބަތްކުރެވި ގައުމީ މިސްކިތެއް ގޮތުގައި މި މިސްކިތް ވަނީ ތާރީޚް ޖަހާފަ އެވެ.

އަބޫޖާ މިސްކިތް އިމާރާތްކޮށް ހުޅުވީ 1984 ވަނަ އަހަރު އެވެ. ޖަމާއަތުގައި ނަމާދުކުރެވޭ ވަގުތުތައް ފިޔަވައި މި މިސްކިތް ޣައިރު މުސްލިމުންނަށް ވެސް ހުންނަނީ ހުޅުވާފަ އެވެ. އެއީ މިސްކިތުގެ ޑިޒައިނާއި ފަންނީ އިލްމުވެރިކަން ބެލުމަށް ނައިޖީރިއާއަށް ޒިޔާރަތްކުރާ މީހުން ޝައުގުވެރިވާތީ އެވެ.

މި މިސްކިތާ އިންވެގެން ކޮންފަރެންސް ހޯލަކާއި އިސްލާމިކް ސެންޓަރު ހިންގުމަށް އޮފީހެއް ވެސް ހުރެ އެވެ. އަދި މުއައްޒިފުންނާއި އިމާމުންނަށް ދިރިއުޅެވޭނެ ގޮތް ވެސް ތަނަވަސްކޮށްދީފައި ހުރެ އެވެ.

އަބޫޖާ މިސްކިތުގައި ހަތަރު މުންނާރާއި ހަތަރު ގުއްބު ހުރެ އެވެ. ކޮންމެ މުންނާރެއްގެ އުސްމިނުގައި 394 ފޫޓު ހުރެ އެވެ. މި މިސްކިތް ޒީނަތްތެރިކޮށްފައި ހުންނަނީ އެފްރިކާ ބައްރަށް އާންމު ކުލަތަކާއި ފަންނީ ޑިޒައިނުން އަދި އިސްލާމީ ސަގާފީ ސިފަތައް ގެއްލިގެން ނުދާނެ ގޮތަށެވެ.

އަބޫޖާ މިސްކިތަށް ޝައުގުވެރިވާ މީހުން ކިޔައިދޭ ގޮތުގައި މި މިސްކިތް ހުންނަނީ ދުނިޔޭގެ އެހެން ގައުމެއްގައި މިސްކިތެއް އިމާރާތް ނުކުރާނެ ސަރަހައްދެއްގަ އެވެ. އެއީ އެހެން ބައެއް ދީންތަކުގެ މީހުން އަޅުކަން ކުރުމަށް އެއްވެ އުޅޭ ހިސާބެކެވެ.

ނައިޖީރިއާގެ ސަރުކާރުން މި މިސްކިތް އަބޫޖާގައި އިމާރާތްކުރީ އެ ގައުމުގެ ވެރިރަށް ލާގޯސް އިން އަބޫޖާއަށް ބަދަލުކުރަންވެގެންނެވެ. އެއިރު އަބޫޖާގައި އިސްލާމީ ވަންތަކަން ދައްކުވައިދޭ ސިފަތަކެއް ނެތުމުން ސަރުކާރުން މިގޮތަށް ނިންމީ އެވެ.

ނައިޖީރިއާގެ އާބާދީގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ. ކްރިސްޓިއަނުންގެ ގޮތުގައި 40 ޕަސެންޓް އަދި ބާކީ 10 އެހެން ދީންތައް ހިއްސާކުރެ އެވެ.

އާކިޓެކްޓުން މި މިސްކިތް ޑިޒައިންކޮށްފައިވަނީ އިސްލާމީ ތާރީހަށް ޝައުގުވެރިކުރުވާ ގޮތަށެވެ. އެހެންނަމަވެސް، ވަރަށް ޒަމާނީ އިސްލާމީ ސިފަތައް މިސްކިތުން ފެންނަން ހުރެ އެވެ.

އަބޫޖާ މިސްކިތަކީ ވެރިރަށުގެ އެންމެ ހިތްގައިމު އެއް މަންޒަރެވެ. މި މިސްކިތާ މެދު ނައިޖީރިއާގެ ކޮންމެ ރައްޔިތަކު ވެސް ފަޚުރުވެރި ވެއެވެ. މި ބިނާގެ ބޮޑުކަމާއި ހައިބަތަށްޓަކައި މުސްލިމް އާބާދީ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވެ އެވެ.