މިސްކިތް

މަސްޖިދު ރާޔާ ސްމަތުރާ ބާރާ - ޕާޑަންގް، އިންޑޮނީޝިއާ

ހު ޅަނގު ސުމަތުރާގެ ބޮޑު މިސްކިތް ނުވަތަ މަސްޖިދު ރާޔާ ސްމަތުރާ ބާރާ ހުންނަނީ އިންޑޮނީޝިއާގެ ހުޅަނގު ސުމަތުރާގެ ވެރިރަށް ޕާޑަންގްގަ އެވެ. މިއީ މި އަވަށުއި ހުންނަ އެންމެ ބޮޑު މިސްކިތެވެ. އަދި ސުމަތުރާގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ޖާގަ އަކީ 20،000 އެވެ.

މަސްޖިދު ރާޔާ ސްމަތުރާ ބާރާގެ ބިންގާ އެޅީ ޑިސެމްބަރު 21، 2007 ގައެވެ. އެހެން ނަމަވެސް މި މިސްކިތް ބިނާކުރުން ބަޖެޓް ތާށިވެ ވަރަށް ދިގުލައިގެން ދިޔަ އެވެ. އެހެންކަމުން، ސަރަހައްދީ ސަރުކާރުގެ ބަޖެޓުން ފުދޭ ގޮތް ނުވުމުން އެހެން ސަރަހައްދުތަކުން އަދި ވިޔަފާރިވެރިންނާއި އާންމު ފަރުދުންގެ އަތުން ވެސް ލޯނާއި ހިލޭއެހީ ވަނީ ހޯދާފަ އެވެ.

މި މިސްކިތް ބިނާކުރުމަށް ސައޫދީ ސަރުކާރުން 50 މިލިއަން ޑޮލަރު ދިން ނަމަވެސް ހާލަތު މެދުވެރިވި ގޮތުން މި ފައިސާ ބޭނުންކުރަން ޖެހުނީ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށެވެ.

މަސްޖިދު ރާޔާ ސްމަތުރާ ބާރާ ބިނާކުރުމުގައި ތުރުކީގެ ބޮޑު އެހީތެރިކަމެއް ވެސް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި މުޅި މިސްކިތުގައި އެޅުމަށް ކާޕެޓާއި ފައިފުހި ފަދަ ސާމާނު ތުރުކީން ހަދިޔާކުރި އެވެ.

މި މިސްކިތް ދުރުން ފެންނައިރު މިސްކިތެއްހެން ވެސް ހީނުވެ އެވެ. އެހެން ނަމަވެސް ވަރަށް ދުރަށް ފެންނަން ހުންނަ މުންނާރުގެ ސަބަބުން މިސްކިތަކަށް ވެދާނެ ކަމުގެ ހީ އޮވެ އެވެ. ބޮޑަށް ވައްތަރު ކުރެވެނީ ޗައިނާގެ ސަގާފީ މަރުކަޒަކާ އެވެ. އެހެންނަމަވެސް ޑިޒައިނަރުން ބުނަނީ މިސްކިތް ވައްތަރުވާން ވާނީ ހަތަރު ކަނަށް ދަނޑި ޖަހައި މަތީގައި ފޮތި ދަމައި ވާންކޮށް ހިޔާކޮށްފައި ހުރި ފޭލިގެއަކާ ކަމަށެވެ.

މިސްކިތް އިމާރާތްކުރުމަށް ޑިޒައިނަރުންނަށް 2007 ގައި ފުރުސަތު ހުޅުވާލުމުން 323 ފަރާތަކުން ކުރިމަތިލި އެވެ. ޑިޒައިން ކާމިޔާބުކުރީ އިންޑޮނީޝިއާގެ ރިޒާ މުސްލިމީން އެވެ.

މަސްޖިދު ރާޔާ ސްމަތުރާ ބާރާ އިމާރާތްކޮށްފައިވަނީ ތިން ބުރިއަށް ވާ ގޮތަށެވެ. ނަމާދު ކުރަން އޮންނަ މައި ހޯލު އޮންނަނީ ދެވަނަބުރީގަ އެވެ. މިސްކިތެއްގެ އިތުރު ބޭނުންތައްވެސް މި އިމާރާތުގެ އެކި ބައިތަކުގައި ހުންނަނީ ފުއްދޭ ގޮތަށެވެ.

މި މިސްކިތުގައި އެންމެ ފުރަތަމަ ނަމާދުކުރަން ފެށީ 2014 ގައި ފެބްރުއަރީ ހަތެއްގަ އެވެ. އެހެންކަމުން، މިސްކިތް އިމާރާތްކޮށް ފުރިހަމަކުރުމަށް އެ ވަނީ ހަތް އަހަރު ހޭދަވެފަ އެވެ.