މަ
ސްޖިދުލް ސުލްތާންގެ ނަމުން ވެސް މަޝްހޫރުވެފައިވާ ތާރީޚީ ހިތްގައިމު ސުލްތާން މިސްކިތަކީ ސިންގަޕޫރުގެ މުސްލިމުންގެ މައިގަނޑު މަންޒިލެކެވެ.
ސުލްތާން މިސްކިތް ފާހަގަކުރެވެނީ ބޮޑު ރަން ގުއްބަކާއި ކުދި ގުއްބުތަކެއްގެ ސަބަބުންނެވެ. މިއީ ސިންގަޕޫރަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވެސް މަޝްހޫރު މަންޒިލަކަށް އޮންނަނީ ވެފަ އެވެ.
ސުލްތާން މިސްކިތަކީ ސިންގަޕޫރުގެ ފުރަތަމަ ސުލްޠާން -- ސުލްޠާން ހުސައިން ޝާހް 1824 ވަނަ އަހަރު ޢިމާރާތްކުރެއްވި މިސްކިތެކެވެ.
ސިންގަޕޫރުގެ ބާނީ ސާ ސްޓެމްފޯޑް ރެފްލްސް ވެސް މި މިސްކިތަށް ހޭދަކުރެއްވި ކަމަށް ލިޔުންތަކުން ފެނެ އެެވެ. އޭނާ ވަނީ އެއްބުރީގެ އިމާރާތެއް އެޅުމަށް 3،000 ސްޕޭނިޝް ޑޮލަރު ދެއްވާފަ އެވެ.
އޭގެ ސަތޭކަ އަހަރު ފަހުން 1924 ގައި -- މިސްކިތް ބާވެ މުސްކުޅިވުމުގެ ސަބަބުން، މަރާމާތު ކުރަން ވަރަށް ބޮޑަށް ބޭނުންވި އެވެ. މިހާރު ފެންނަން އެހުރި ގޮތަށް ސުލްތާން މިސްކިތް ޑިޒައިންކޮށް އަލުން އިމާރާތްކޮށް އަދި ހުޅުވީ 1932 ގައެވެ. މިސްކިގުތައި އެއްފަހަރާ 5،000 މީހުންނަށް ނަމާދުކުރެވެ އެވެ.
މަސްޖިދުލް ސުލްތާން އަލުން އިމާރާތްކުރުމުގައި އިންވެގެން އޮންނަ މަގަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ މަގު -- ނޯތު ބްރިޖް ރޯޑު ކުރިން އޮތް ގޮތާ ޚިލާފަށް މިހާރު ލަންބާލަފައި އެ އޮތީ މިސްކިތް އަލުން އިމާރާތްކުރިއިރު އެވެ. މަސްޖިދުލް ސުލްތާންއަށް 1993 ގައި ވެސް ބައެއް އިތުރުކުރި އެވެ.
ސުލްތާން މިސްކިތް އަލުން ބިނާކޮށްފައި އެވަނީ އެކި ފަންތީގެ މީހުންގެ އެހީތެރިކަމާ ވެސް އެކު އެވެ. އެންމެންގެ ޝާމިލްވުން ހިމެނޭ ގޮތަށް ބޮޑު ޖަމާއަތެއްގެ އެހީތެރިކަމާ ވެސް އެކު އެވެ.
ރޯދަމަހަކާ ދިމާކޮށް މި މިސްކިތަށް ދެވިއްޖެނަމަ މުސްލިމުންގެ މެހެމާންދާރީ ތަޖުރިބާކުރެވެ އެވެ. ސަދަގާތްކުރުމާއި އާންމު އެހީތަކުން މިސްކިތް އޮންނަނީ ފުރިފަ އެވެ. މައްކާއަށް ހައްޖަށްދާ އެހެން ގައުމުތަކުގެ މީހުން ސިންގަޕޫރުގައި މަޑުކުރަން ޖެހިއްޖެ ނަމަ އެ މީހުންނަށް އެހީތެރިވުމަކީ ވެސް މި މިސްކިތް ބަލަހައްޓާ މީހުން ކޮށްދޭ ކަމެކެވެ.
މުސްލިމުންގެ އާދަކާދައާ އެއްގޮތަށް ރަމަޟާން މަސް ރަސްމީކޮށް ފެށުން ކޮންމެ އަހަރަކު ވެސް ސުލްޠާން މިސްކިތުގައި އިއުލާނު ކުރެ އެވެ.
ރަމަޟާން މަހަށް ޚާއްސަކޮށް މިސްކިތުގެ ވަށައިގެން އޮންނަ ސަރަހައްދު ބާޒާރަކަށް ބަދަލުކުރެވެ އެވެ. ސުލްތާން މިސްކިތަކީ ސިންގަޕޫރުގެ އިސްލާމިކް ރިލިޖަސް ކައުންސިލް -- މަޖްލިސް އުގާމާ އިސްލާމް ސިންގަޕޫރާގެ އިހްތިސާސްގެ ދަށުގައި އޮންނަ މިސްކިތެކެވެ.
ސުލްތާން މިސްކިތަކީ ސިންގަބޫރުގެ ތާރީޚަށްޓަކައި ވެސް މުހިންމު ބިނާއެކެވެ. އެހެންކަމުން، އިދާރާތަކުން މި މިސްކިތަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެ އެވެ.