މިސްކިތް

ކޭއޭއެފްޑީ މިސްކިތް - ރިޔާޒް، ސައޫދީ އަރަބިއްޔާ

މި މިސްކިތަށް ނަންދީފައިވަނީ ސަރަހައްދަށް ނިސްބަތްކޮށެވެ. އެއީ "ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް" (ކޭއޭއެފްޑީ) މިސްކިތުގެ ނަމުންނެވެ.

މި މިސްކިތް ބިނާކޮށްފައި ހުންނަނީ 10،760 އަކަމީޓަރުގެ ޖާގައެއްގަ އެވެ. މިސްކިތުގެ ޖާގަ އަކީ 6،103 އަކަ މީޓަރެވެ.

މިސްކިތުގެ ޖާގަ އަކީ 1،500 މީހުންގެ ޖާގަ އެވެ. އެހެން ނަމަވެސް ވަށައިގެން ބޭރުގައި އޮންނަ ޖާގަ ވެސް އޮންނަނީ ބޭނުންޖެހިއްޖެ ނަމަ ނަމާދުކުރެވޭ ގޮތަށް ސަފުދަމައި ނަމާދުކުރެވޭ ގޮތަށެވެ.

ކޭއޭއެފްޑީ މިސްކިތުގައި އަރަބި އިސްލާމީ ނުވަތަ މިސްކިތަކަށް ވާކަހަލަ އެއްވެސް ސިފައެއް ބޭރުން ފެންނާކަށް ނުހުރެ އެވެ. އަދުގެ ޒުވާނަކަށް މި ފޮޓޯތައް ދައްކާފައި ކޮންތަނެއްތޯ ނުވަތަ ކޮންއެއްޗެއްތޯ އަހައިފި ނަމަ ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް ބުނާނީ "ޓްރާންސްފޯމާ ސްޕޭސް ޝިޕް"އެއް ކަމަށެވެ.

މި މިސްކިތް ޑިޒައިންކުރި އާކިޓެކްޓުން މި އިމާރާތް ވައްތަރުކުރުވަން މަސައްކަތްކޮށްފައި ވަނީ "ޑެޒާޓް ރޯޒް" އަކާ އެވެ. ޑިޒައިނަރުން ފަޚުރުވެރިކަމާ އެކު މި މޭރުމުން ސިފަކޮށްދީފައި ހުރި ލިޔުންތައް ވެސް އިންޓަނެޓްގައި އެބަ ހުއްޓެވެ.

ޑިޒައިނަރުން ބުނާ ގޮތުން ޑެޒާޓް ރޯޒެއް ގޮތަށް މިސްކިތް އިމާރާތްކޮށްފައި ހުރި ނަމަވެސް އަރަބި އިސްލާމީ އިހުސާސްތައް އިމާރާތުގައި ކޭއްތިފައި ހުންނާނެ އެވެ. މިސްކިތު ތެރޭގައި ސައޫދީން ނެތިގެން ހިނގައިދާނެ ބައެއް ޑިޒައިންތައް ވެސް ޒަމާނަށް ފައްތާފައި ހުންނާނެ އެވެ.

ކޭއޭއެފްޑީ މިސްކިތް އިމާރާތްކުރުމުގައި ކޮންސްޓްރަކްޓަރުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރެހުމާ އެއްގޮތަށް ޑިޒައިންތައް ފަރުމާކުރުމެވެ. އަދި ވަކިވަކި ފުރާޅުތަކެއް ގޮތަށް ބައިތައް އުފައްދައި އިމާރާތަށް ހަރުދަނާކަން ގެނައުމެވެ.

މި މިސްކިތް އިމާރާތްކޮށްފައި ވަނީ ވަރަށް ދުރަށް ފެންނަ ގޮތަށެވެ. ޖާގައި ތަނަވަސްކަމާ އެކު މިސްކިތުގެ އުފުލިފައި ހުރި ބައިތައް، ބްރިޖްތަކުގެ މަތިން ދަތުރުކުރާ މީހުންނަށް ވެސް ހުރަހެއް ނެތި ވަރަށް ރީތިކޮށް ފެންނަ ގޮތަށެވެ.

މިސްކިތުގެ އެތެރެ ޑިޒައިންކުރުމުގައި އިންޖިނޭރުން އެންމެ ބޮޑަށް ބަލާފައި ވަނީ ހުރިހާ ތަނެއްގައި އަލި އެއްވަރަކަށް ބެހެއްޓުމަށެވެ. އަދި ނަމާދުކުރާ އަޑު ވަކި ތަނަކަށް ފަރަގުނުވެ ހުންނާނެ ގޮތް ހެދުމަށެވެ.