މިސްކިތް

ޗަމްލިޖާ މިސްކިތް - އިސްތަންބޫލް، ތުރުކީ

ޗަ މްލިޖާ އަކީ ތުރުކީގެ އަވަށެކެވެ. އޮންނަނީ އިސްތަމްބޫލްގެ ބައިބޯ ސަރަހެއްދެއް ކަމަށްވާ އުސްކްދާޝްގަ އެވެ. ޗަމްލިޖާގެ ނަމުން މަޝްހޫރު ފަރުބަދައެއް ވެސް އެ ސަރަހައްދުގައި ހުރެ އެވެ. މިސްކިތް ބިނާކޮށްފައިވަނީ ފަރުބަދައަށްވާ ގޮތަށެވެ. އެހެންކަމުން މި މިސްކިތަށް ޗަމްލިޖާ މިސްކިތުގެ ނަމުން ނަންކިޔަނީ އެވެ.

ޗަމްލިޖާ މިސްކިތް އިމާރާތްކޮށް ނިންމައި ހުޅުވާލީ މާޗް 7، 2019 ގައެވެ. އެހެންނަމަވެސް ރަސްމީކޮށް ހުޅުވީ މެއި 3، 2019 ގައި ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން އެވެ. މި ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް ރޭވުންތައް ފަށައިގަތީ 2000 ވަނަ އަހަރު އެވެ.

މި މިސްކިތް ބިނާކޮށްފައި ހުންނަނީ ފަރުބަދައަކަށް ވާގޮތަށް ވަރަށް އުހުގަ އެވެ. އެހެންކަމުން މި އަވަށުގެ ބޮޑު ބަޔަކަށް ޗަމްލިޖާ މިސްކިތް އެއްވެސް ހުރަހަކާ ނުލައި ފެނެ އެވެ.

މިސްކިތެއްގެ ނަމުން މި ބިނާ މަޝްހޫރުވެފައިވީ ނަމަވެސް، މިސްކިތުގެ ސަރަހައްދަށް ވާގޮތަށް މިސްކިތުގެ ގޯތިތެރޭގައި ވަރަށް ބޮޑު ލައިބްރަރީ އަކާއި އާޓް ގެލަރީއެއް ހުރެ އެވެ.

ޗަމްލިޖާ މިސްކިތުގެ ޖާގަ އަކީ 63،000 އެވެ. މި މިސްކިތުގައި ހަތް މުންނާރު އަދި 70 ގުއްބު ހުރެ އެވެ. މުންނާރުގެ އުސްމިނަކީ 351 ފޫޓޭވެ. ގުއްބުގެ އުސްމިނަކީ 236 ފޫޓެވެ. ބިންލެހުން ފަދަ ކާރިސާއެއްގައި ރައްކާތެރިކަމުގެ ހިޔަލެއް ގޮތުގައި މި މިސްކިތް ބޭނުންކުރެވެ އެވެ. އެފަދަ ހާލަތެއްގައި 100،000 މީހުންނަށް ޖާގަ އޮވެ އެވެ.

މި މިސްކިތް އިމާރާތްކުރުމަށް 110 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. ތުރުކީގައި އުސް މުންނާރުތަކާ އެކު މިސްކިތް ބިނާކުރުމަކީ އާދަ އެކެވެ. އެހެންކަމުން މި މިސްކިތުގައި އުސް މުންނާރުތައް ހުރެ އެވެ. މިއީ ބުނެވޭ ގޮގައި ތުރުކީގައި ހަތް މުންނާރު ހުންނަ ތިންވަނަ މިސްކިތެވެ.

ޗަމްލިޖާ މިސްކިތުގެ ބިންގަރާހުގައި 3،500 ވެހިކަލް ޕާކްކުރެވެ އެވެ. ކޮންފަރެންސް ހޯލާއި ދާރުލްއާސާރު އަދި އާޓް ގެލަރީ ހުންނަނީ ބިންގަރާހުގަ އެވެ. ބިންގަރާހުގައި ކުޑަކުދިން ބަލަހައްޓާ، ޗައިލްޑް ކެއާ ސެންޓަރެއް ވެސް ހުރެ އެވެ.

މި މިސްކިތް ޑިޒައިންކުރުމުގައި އަންހެން އާކިޓެކްޓުން ވެސް ބައިވެރިވި ކަމަށްވެ އެވެ. އެހެންކަމުން އަންހެނުންނަށް މިސްކިތް ބޭނުންކުރުމުގައި ވަރަށް ފަސޭހަ ނިމާޒުތަކެއް ވަނީ ހިމަނާފަ އެވެ. މީގެތެރޭގައި ވުޟޫކުރާތަން ވަކިކުރުމާއި އަންހެނުންނަށް ވަކި ލިފްޓެއް ހިމެނެ އެވެ.