ތާ ޖުލް މަސާޖިދު އަކީ ބުނެވޭ ގޮތުގައި އިންޑިއާގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ. އެއީ ފަހަރެއްގައި މި މިސްކިތުގެ ޒަމާނުގައި އެންމެ ބޮޑު މިސްކިތް ކަމަށް ވެދާނެ އެވެ. މި މިސްކިތް ހުންނަނީ މަދިޔަ ޕްރަދޭސްގެ ވެރިރަށް ބޯޕާލްގަ އެވެ. މިސްކިތުގެ ޖާގަ އަކީ 175،000 އެވެ. މި މިސްކިތުގެ އެތެރޭގެ ޖާގަ އަކީ 23،000 އަކަމީޓަރެވެ.
ތާޖުލް މަސާޖިދު ބިނާކުރަން ފެށި ސީދާ ތާރީޚް ބަރާބަރަށް ބުނެދޭކަށް ނޭނގެ އެވެ. ބައެއް ލިޔުންތަކުގައި އަންދާޒާކޮށް ބުނެފައިވާ ގޮތުން މި މިސްކިތުގެ މަސައްކަތައް ފަށައިގަތީ 1871 ގައެވެ. ބޯޕާލް ބަހުރުވައިން ހުރި ބައެއް ލިޔުންތައް ތަރުޖަމާކޮށް މި މިސްކިތުގެ ނަމުގައި ލިޔެފައި އޮތް ފޮތެއްގައި ބުނެފައިވާ ގޮތުން ރަނގަޅު ތާރީޚަކީ 1871 އެވެ.
މި މިސްކިތް ބިނާކޮށް ނަމާދުކުރެވޭ ހިސާބަށް ގެނައުމުގައި ޖީލުތަކެއް ކަޑައްތުވެގެން ދިޔަކަން އެނގެން އެބަ އޮތެވެ. މިސްކިތުގެ މަސައްކަތްތައް ދުވަސްގަނޑަކަށް ހުއްޓުމަށް ފަހު އަލުން ފެށި އަދި އެއަށް ފަހު ސަބަބުތަކަކާ ހެދި އެތައް ފަހަރަކު ވަނީ ހުއްޓިފަ އެވެ.
އެހެން ނަމަވެސް، 1958 ގައި މިސްކިތް މުޅިން ނިންމައި، މިސްކިތެއްގެ ގޮތުގައި އާންމުންނަށް ވަނީ ހުޅުވާލަފަ އެވެ. މިސްކިތް އިމާރާތްކުރުމަށް 20 މިލިއަން ރުޕީސް ހޭދަކުރި ކަމަށްވެ އެވެ.
ތާޖުލް މަސާޖިދު އިމާރާތްކުރުމަށްފަހު ވެސް މިސްކިތުގެ ބައިތައް ތާޒާކުރުން ދުވަސްގަނޑަކަށް ދިގުދެމިގެން ދިޔަ ކަމަށްވެ އެވެ. އަދި އެއިރު ކުވޭތުގެ އަމީރު މި މިސްކިތަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ކަމަށް ވެއެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑްގައި އިންޑިއާގެ އާބާދީއަށް ވެކްސިން ދިނުމަށް ކޮވިޑް ސެންޓަރެއް ގޮތުގައި ވެސް މި މިސްކިތް ވަނީ ބޭނުންކޮށްފަ އެވެ. އެއިރު އާންމު މިސްކިތްތަކަށް މީހުން ވަދެ އަޅުކަންކޮށް އުޅުން އޮތީ މަނާކޮށްފަ އެވެ.
ތާޖުލް މަސާޖިދު އަށް މިސްކިތެއްގެ ސިފަ ޖެއްސުމަށް ތިން ގުއްބާއި ދެ މުންނާރު ވަނީ ބިނާކޮށްފަ އެވެ. މުންނާރުގެ އުސްމިނަކީ 67 މީޓަރު -- ގާތްގަނޑަކަށް 233 ފޫޓެވެ.
މި މިސްކިތް އިމާރާތްކުރުމުގެ ކުރިން އެ ސަރަހައްދުގެ ކަނބަލުން ނަމާދުކުރަނީ ގޭގަ އެވެ. އަންހެނުން ނަމާދުކުރުން އެންމެ މާތްކަން ބޮޑީވެސް ކަނބަލުންގެ ގޭގަ އެވެ. އެހެން ނަމަވެސް، މި މިސްކިތް ހުޅުވުމާ އެކު މިސްކިތުގައި އީދު ނަމާދު ފަދަ ތަރާވީހް ނަމާދު ފަދަ ނަމާދުތައް ކުރުމުގެ ހުއްދަ ކަނބަލުންނަށް ދިނެވެ.
ތާޖުލް މަސާޖިދު ފަދައިން ދުނިޔޭގައި ހުރި ގަދީމީ މިސްކިތްތަކަކީ އެ ގައުމުތަކަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުން ވަރަށް ޝައުގުވެރިވާ ތަންތަނެވެ. ތަރައްގީގެ ގޮތުން އިމާރާތްކުރުމުގެ މާބޮޑު ފަސޭހަކަމެއް ނެތް ޒަމާންތަކުގައި އިންސާނުން ކޮށްފައި ހުންނަ މިފަދަ ބޮޑެތި މަސައްކަތްތައް ފެނި ޒަމާނީ ޒުވާނުން އާސޯޚުވެ ތަލިން ކުޅުހިކޭ ވަރު ވެ އެވެ.