މިސްކިތް

މަސްޖިދުލް އިސްތިޤްލާލް - ޖަކާޓާ، އިންޑޮނީޝިއާ

އި ސްތިގްލާލް މިސްކިތުގެ ބިންގާއެޅީ އޯގަސްޓް 24، 1961 ގައެވެ. މިސްކިތް ބިނާކޮށް އިމާރާތް ފުރިހަމަކުރުމަށް 17 އަހަރު ނެގި އެވެ. އާންމުކޮށް ހުޅުވީ ފެބްރުއަރީ 22، 1978 ގައެވެ.

މިސްކިތް ބިނާކޮށްފައިވަނީ ފުރިހަމަ ދެ ގުއްބާ އެކު އެވެ. މިސްކިތުގައި ހިމެނޭ ހަމައެކަނި މުންނާރުގެ އުސްމިނަކީ 317.1 ފޫޓެވެ. މުޅި މިސްކިތް އިމާރާތްކޮށް ނިންމައި ފުރިހަމަކުރުމަށް 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

މިސްކިތް ހުޅުވި ފަހުން އިމާރާތަށް މުހިއްމު ބަދަލުތަކެއް ގެނެސް، އިންޑޮނީޝިއާއަށް ޒިޔާރަތް ކުރާ ގައުމުތަކުގެ ވެރިންނާއި މެހެމާނުންނަށް ހާއްސަ ބައެއް އިމާރާތްކުރި އެވެ.

ޖަލްސާކުރާ ހޯލަކާއި މަދަރުސާއެއް އަދި އިޖުތިމާއީ މަސައްކަތްތެރިކަން ދަސްކޮށްދިނުމަށްވެސް މިސްކިތުގެ ގޯތި ތެރޭގައި ބައެއް އިމާރާތްކޮށްފައި ވެއެވެ.

މިސްކިތާ ވަރަށް ކައިރީގައި ދެ ފަހަރެއްގެ މަތިން ގޮއްވާލި ދެ ބޮމެއްގެ ސަބަބުން އިމާރާތަށް ލިބިފައި ހުރި ބައެއް ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތްތަކަށް 35 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. މި ގޮތުން ތަށިމުށިތަކާއި މާބުލްތައް ބަދަލުކުރުމާއި އޮފްކުރުން އަދި ކަރަންޓް ނަރުތައް ބަދަލުކޮށް ޒަމާނީ ލެޑްލައިޓް ހަރުކުރުން ހިމެނެ އެވެ.

އިސްތިގްލާލް މިސްކިތަށް ވަދެ ނުކުތުމަށް ހަތް ދޮރޯށި ހާއްސަކޮށްފައި ހުރެ އެވެ. އަދި ފަހުން ގެނައި ބަދަލުތަކުގައި ބިމު އަޑިން ދަތުރުކުރެވޭ މަގެއް ވެސް ވަނީ މިސްކިތާ ގުޅާލާފަ އެވެ.

މިސްކިތުގައި މައި ހޯލު މަތީގައި އޮންނަ ގުއްބުގެ ފުޅާ މިނަކީ 150 ފޫޓެވެ. މި ގުއްބު އުފައްދާފައި ވަނީ ބޮޑުބައި ސްޓެއިންލަސް ސްޓީލް ދަނގަޑުންނެވެ. ގުއްބު ހިފެހެއްޓުމަށް 12 ތަނބު ބިމަށް ހިފާފައި ހުރެ އެވެ.

މިސްކިތަށް އަޑުދިނުމަށް 26 އެމްޕްލިފަޔަރާއި ފަސް މިކްސަރު ބޭނުންކުރެ އެވެ. މިސްކިތުގެ ސައުންޑް ސިސްޓަމްގައި 200 ސްޕީކަރު ހުރެ އެވެ. ސައުންޑް ބެލެހެއްޓުމަށް ހާއްސަ، ހަ އޯޑިއޯ އިންޖިނޭރުން ވަގުތު ބަހައިގެން ރެއާއި ދުވާލު މަސައްކަތް ކުރެ އެވެ.