ދު ނިޔޭގައި އިސްލާމީ ހަޟާރަތް ފެށިގެން އައީ މެދު އިރުމަތީގައިވާ އަރަބި ގައުމުތަކުންނެވެ. އެހެންނަމަވެސް އިސްލާމް ދީން ފެތުރިގެންގޮސް، އަރަބި ނޫން އެތައް ގައުމެއްގައި އިސްލާމް ދީނުގެ ހިދާޔަތު ފެތުރިފައިވެއެވެ. އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށްފައިވާ މި ސީރީޒްގައި ކޮންމެ ދުވަހަކު، އަރަބި ނޫން އިސްލާމުންގެ އާބާދީ ބޮޑު ގައުމެއްގެ މައުލޫމާތު ގެނެސްދޭނަމަވެ.
އަޒަރުބައިޖާން
ސޯވިއެޓް ޔޫނިއަން (ކުރީގެ ރަޝިއާ) ރޫޅި އެ ސަރުކާރު 1991 ގައި ބަދަލުވުމުން، އެ ޔޫނިއަންގެ ދަށުގައި އޮތް އިރުމަތީ އޭޝިއާގެ ގިނަ ގައުމުތައް ފަދައިން އާޒަރުބައިޖާން ވަނީ މިނިވަން ދައުލަތަކަށް ވެފައެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ އަޒަރުބައިޖާންގެ އެއްފަރާތުން ކެސްޕިއަން ސީ އަދި އަނެއް ފަރާތުން އީރާން، އަރުމޭނިއާ، ޖޯޖިއާ އަދި ރަޝިއާ ހިމެނެ އެވެ.
މި ގައުމުގެ 10.3 މިލިއަން މީހުންގެ އާބާދީއަށް ބަލާއިރު 96.2 ޕަސަންޓަކީ މުސްލިމުންނެވެ. މީގެ ތެރެއިން 60 ޕަސަންޓަކީ ޝިއާ އިން ކަމުގައިވާއިރު 40 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. މި ގައުމުގައި އާޒަރުބައިޖާނީ، ލެޒްގިއަން، ޓަލީޝް، އަވަރް، ޓަޓް އަދި ރޫސީ ބަހުން ވާހަކަ ދައްކާ މީހުން އުޅެވެ.
ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން
އަޒަރުބައިޖާން ތެލަށް މަޝްހޫރުވުމުގެ ކުރިން، މި ގައުމަކީ "ސިލްކް އެންޑް ސްޕައިސް" އަށް މަޝްހޫރު ގައުމެކެވެ. އެގޮތުން ކެސްޕިއަން ސީއާ ޖެހިގެން އޮންނަ މި ގައުމުގެ ރީތި ރަށެއް ކަމުގައިވާ ޝޭކީ އަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދިން ސިލްކް ރޫޓުގެ ވަރަށް މުހިއްމު ތަނެކެވެ. ޝޭކީ ވަނީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގއި ކަނޑައަޅާފަ އެވެ.
އަޒަރުބައިޖާން އަކީ އެތައް ތާރީހީ ތަނެއް ހުރި ގައުމެކެވެ. ވެރިރަށް ބަކޫގެ ލޯގަނޑު ޖަހާފައިވާ ފްލޭމް ޓަވާ އާއި ކުރީގެ ޝާހީ ގަނޑުވަރުތަކާއި އެކިވައްތަރުގެ މިއުޒިއަމްތަކާއި ބަކޫގެ މަގުތަކާއި ހިސާބުތައް ބަލާލުމުން އެ ގައުމުގެ ތާރީހީ ހާދިސާތައް ދެނެގަނެވޭ އެވެ.
ގޯބަސްތާން ނެޝަނަލް ޕާކްގެ ތެރޭގައިވާ ފަރުބަދަތަކުގައި 6،000 އަށް ވުރެ ގިނަ "ޕެޓްރޮގްލިފްސް" ރޮކް ކާވިންގްސް ބަލާލުމަކީވެސް ހިޔްގައިމު ކަމެކެވެ. އަދި ގަވަލް ޑަޝް ނުވަތަ ސިންގިން ސްޓޯންސް އަކީ އެތަނުގައި ހުންނަ ދެ މީޓަރު ދިގުމިނުގެ ހަތަރު ގަލުގެ ތެރެއިން އެއް ގަލެވެ. މި ގާ ވަށައިގެން ހުންނަ ކުދި ގަލުގެ މެދުގައި އަޑުތައް ވަންނަ ގޮތުން މިއުޒިކް ފަދަ އަޑެއް ގޮވަ އެވެ.
ފަރުބަދަތަކާއި 400 އަށް ވުރެ ގިނަ ވޯލްކޭނޯތަކާއެކު ލޭންޑް އޮފް ފަޔާގެ ނަން ލިބިފައިވާ މި ގައުމަށް ދުނިޔޭގެ މަޑް ވޯލްކޭނޯ ކެޕިޓަލްއޭ ވެސް ކިޔަ އެވެ. ބައެއް ފަރުބަދަ ތަކުގައި އަލިފާން ރޯވެ އަނދައަނދާ ހުރެ އެވެ. ގިނަ މަޑް ވޯލްކޭނޯތަކަށް އެރުމަކީ ހަމުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި ނާރުގެ ބަލިތަކަށް ރަނގަޅު ކަމެއްގެ ގޮތުގައި ދެކި، ގިނަ އަދަދެއްގެ މީހުން މި މަޑްތަކަށް އަރާ އުޅޭ އެވެ. ފަރުބަދަތަކުން ތެލާއެކު ގޭސްތައް އެރުމުގެ ސަބަބުން ބައެއް މަޑް ވޯލްކޭނޯތަކުގައި ރޭޑިއޯއެކްޓިވް މައުދަން ހިމެނެ އެވެ. އެހެންވެ މިއީ ސަމާލުވާންޖެހޭ ކަމެކެވެ. މީގެ އިތުރުން ގޫބާގެ ވިލެޖްތަކާއި ނަކްޗިވަން، ލޭކް ގޮއިގޯލް އަށް ޒިޔާރަތްކުރުމާއި ވިންޓާ ރިޒޯޓްތަކުގައި ސްކީ ކުރުމާއި ފޯމިއުލާ ވަން ރޭސިން ވެސް ތަޖުރިބާ ކުރެވިދާނެ އެވެ.
ސަގާފަތް
އާޒަރުބައިޖާންގައި ތުރުކީ، ރޫސީ އަދި ފާރިސީންގެ ސަގާފަތް ކޮންމެވެސް ވަރަކަށް އެ ގައުމުގެ ސަގާފަތާ ގުޅިލާމެހިފައިވެ އެވެ.
އަޒަރުބައިޖާންގެ ގިނަ ހަމާމްތައް މިހާރު ބަންދުކޮށްފައި ވީނަމަވެސް، ވެރިރަށް ބަކޫގައި ބައެއް ހަމާމް އަދިވެސް ހުރެއެވެ. މިއީ ކުރީ ޒަމާނުގައި ފެންވަރާ ގައިން ތާހިރުވުމުގެ އިތުރުން އިޖުތިމާއީ ގޮތުން މީހުން އެއްވެ، ވަގުތު ހޭދަކުރި ގޮތެކެވެ. މަތީ ފަންތީގެ ރިސޯޓްތަކަށް ނުދެވުނު ނަމަވެސް، އަބްޝެރޮންގެ ބީޗްތަކަކީވެސް ހިތްގައިމު، އަދި ގައުމުގެ ސަގާފަތް ފެންނަ ތަނެކެވެ.
ކެއުންބުއިން
އަޒަރުބައިޖާންގެ މީހުންނަކީ މެހެމާންދާރީ އަދާކުރުމުގައި ވަރަށް ރަނގަޅު ބައެކެވެ. އެހެންކަމުން ގެއަށް ދައުވަތު ލިބި، ސަޔާއެކު ޑޮލްމާ، ޕްލޮވް އަދި ކިންގަލް ފަދަ ކާއެއްޗެހި ކާން ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޓަންޑީރް (މުރަނަ ޕާން) އާއި، މާމުއި، ކޭމަގް، ބަކަރި ކިރުން ހަދާފައިވާ ޗީޒް، ބަޓާ އަދި ޓޮމާޓޯ އާއެކު ސްކްރެމްބަލްޑް އެގްސް އެއީ ހެނދުނުގެ ނާސްތާއަށް މަގުބޫލް ކެއުމެވެ. މީގެ އިތުރުން ކުތަބް، ސެލެޑްތައް، ސޫޕް، ލެވެންގީ ޗިކަން، ތުރުކީގެ ނުފޫޒާ ގުޅިގެން ޑޯނާ ކަބާބް ފަދަ ސޭންޑްވިޗްތަކާއި ޕަކްލާވާ ފަދަ ޕޭސްޓްރީތަކަކީވެސް ވަރަށް މީރު ކާނާ އެވެ.
ވިސާ އާއި ދަތުރުކުރުން
ގިނަ ގައުމުތަކުގެ ރައްޔިތުންނެކޭ އެއްފަދައިން ދިވެހިންނަށްވެސް މި ގައުމަށް ޒިޔާރަތްކުރުމަށް ވިސާ ނަގަންޖެހެ އެވެ. އެހެންނަމަވެސް ވިސާ އަށް އޮންލައިންކޮށް އެޕްލައިކުރުމުން، ފަސޭހަކަމާއެކު 30 ދުވަހުގެ ވިސާއެއް ލިބޭނެ އެވެ. އަދި ގަތަރު އެއާވޭޒް، އެމިރޭޓްސް އާއި ފްލައި ޑުބާއީ ފަދަ އެއާލައިންތައް މެދުވެރިކޮށް މާލެ އިން އަޒަރުބައިޖާނަށް ދަތުރުކުރެވޭނެ އެވެ.