ޑރ. މުހައްމަދު މުއިއްޒު

ސައުދީއާއި އަޒަރްބައިޖާންގެ ދަތުުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާ އާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނެވެ.

ރައީސް މުއިއްޒު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ހައްގުގައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.

ސައުދީ އަރަބިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސީދާ އެ ގައުމުން ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރްބައިޖާންގެ ބާކޫ އަށެވެ.

ކޮޕް29ގައި ރައީސް މުއިއްޒު ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީގެ މައްސަލަތައް ހައްލުކުރުމަށް ވަކާލާތުކުރައްވައި މޫސުމީ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ.

ކޮޕް29ގެ ހަވާސާގައި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކާ މެދު ދުނިޔޭގެ ލީޑަރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި މި މައްސަލައަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މާލީ އަދި ފަންނީ އެހީ ބޭނުންވާ މިންވަރު ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.