ކޮޕް ސަމިޓް

ކޮޕް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އދގެ ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29)ގެ ވޯލްޑް ލީޑާސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ކޮޕް29ގެ މިއަހަރުގެ ޝިއާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ.

މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްގީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްގީވަމުން އަންނަ ޖަޒީރާ ކުޑަ ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.

ރައީސް އޮފީހުން ބުނީ ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ނޭޝަންސްއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެއްވުމަށް ރައީސް މުއިއްޒު މިއަހަރުގެ ކޮންފަރެންސްގައިވެސް ވަކާލާތުކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ކޮޕް28 ގައިވެސް ރައީސް ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދު ވަނީ އެ ޖަލްސާގައި އިއުލާންކުރައްވާފަ އެވެ.

ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވާކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގްވާމީގޮތުން އެއްބާރުލުން ދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތަރައްގީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

މިސެޝަންގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ވަނީ ގްރޫޕް ފޮޓޯއެއް ނަންގަވާފަ އެވެ. ކޮޕް29 ގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް ވާހަކަދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.