ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި، އެއީ މައުނަވީ އަދި އިގްތިސާދީ ގޮތުން ކޮންމެހެން ބޭނުން ޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްޖޫރިއްޔާ މިހެން ވިދާޅުވީ އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އާލީ ވޯނިންގްސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ތަގުރީރުކުރައްވަމުންނެވެ.
މަތީ ފަންތީގެ މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސެންޑާއި ފްރޭމްވާކްއަށް ދިވެހިރާއްޖެއިން ދޭ އަހަމިއްޔަތުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ގައުމީ ފެންވަރުގައި އެކުލަވާލި ޤގައުމަކީ ދިވެހިރާއްޖެ ކަމުގައި ވިދާޅުވި އެވެ.
"ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އިތުރުން ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތަކަށްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީސާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ގާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވި އެވެ.
އާންމު އިންޒާރު ދޭ އުސޫލު ނުވަތަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާ ކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މި ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގްވާމީ އެއްބާރުލުމާއި ވަސީލަތްތަކުގެ އެހީތެރިކަން އަދި ވަކިން ހާއްސަކޮށް، މެރީން ފޯކާސްޓިންގެ ރޮނގުން އެހީ ބޭނުންވާކަން ހާމަކުރައްވާފަ އެވެ.