މިސްކިތް

ފައިސަލް މިސްކިތް - އިސްލާމްއާބާދު، ޕާކިސްތާން

މި އީ ހަތަރެސްކަން ދޫކޮށް، އަށް ކަނަށް ވާގޮތަށް ފާރުތައް ގުންގުރެޓްކޮށް އިމާރާތްކޮށްފައި ހުރި މިސްކިތެވެ. ދުރުން ބަލާ މީހަކަށް އެންމެ ފުރަތަ ފެންނާނީ މިސްކިތުގެ މުންނާރުތަކެވެ. މި މިސްކިތުގައި ހަތަރު މުންނާރު -- ފަންސުރެއް ތޫނުކޮށް ކޮޅަށް ބަހައްޓާފައި ހުންނަ ގޮތް ސިފަވާ ގޮތަށް އިމާރާތްކޮށްފައި ހުރެ އެވެ. ކޮންމެ މުންނާރެއްގެ އުސްމިނުގައި 259 ފޫޓު ހުރެ އެވެ. މިސްކިތް އިމާރާތްކޮށްފައި ހުންނަނީ 130،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

ފައިސަލް މިސްކިތް ބިނާކުރުމަށްޓަކައި ފައިސަލް ރަސްގެފާން 28 މިލިއަން ޑޮލަރު ވަނީ ދެއްވާފަ އެވެ. މި މިސްކިތާއި އަދި ގުޅިފައި ހުރި އިމާރާތްތައް ފުރިހަމަކޮށް ތަނަވަސްކުރުމަށް ޖުމުލަ 120 މިލިއަން ޑޮލަރު -- ފިޔަވަހިތަކަކަށް ބަހާލައިގެން ވަނީ ޚަރަދުކޮށްފަ އެވެ.

ފައިސަލް ރަސްގެފާން 1966 ގައި ޕާކިސްތާނަށް ކުރެއްވި ދަތުރެއްގައި، ޕާކިސްތާންގައި މިސްކިތެއް އެޅުމަށް ދެއްވި ޚިޔާލު ބަލައިގަންނަވައި މަސައްކަތް ފެއްޓެވި އެވެ. އަދި މިސްކިތް ޑިޒައިންކުރުމަށް ބައިނަލްއަގްވާމީ ޑިޒައިނަރުންނަށް 1969 ގައި ހުޅުވާލި އެވެ. ޑިޒައިން ކާމިޔާބުކުރީ ތުރުކީގެ ކުންފުންޏަކުންނެވެ.

ފައިސަލް މިސްކިތުގެ ބިންގާއެޅީ އޮކްޓޯބަރު 1976 ވަނަ އަހަރު އެވެ. މިސްކިތުގެ މަސައްކަތްތައް 1986 ގައި ނިމުނު ނަމަވެސް، މިސްކިތަށް އިތުރު ބައިތަކެއް -- އިސްލާމިކް ޔުނިވާސިޓީ އަކަށް ޖާގަ ތަނަވަސްކުރަން ޖެހުނެވެ. އެހެންކަމުން އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރީ ޖޫން 18، 1988 ގައެވެ.

މިސްކިތް ޑިޒައިންކުރި މީހުން ވިސްނުމުގައި ޒަމާނީ ޑިޒައިނަކަށް އިމާރާތްކޮށްފައި ހުރި ނަމަވެސް، އަރަބިންގެ ގަދީމީ ޑިޒައިންތައް ފައިސަލް މިސްކިތުން ފެންނާނެ އެވެ. އަރަބިންގެ ތެރޭގައި ގަދަރު ދެވިފައި ހުންނަ އިމާރާތްތަކުން ޑިޒައިންތައް މި މިސްކިތަށް ނަކަލުކޮށްފައި ހުރި ކަމަށް ޑިޒައިން ދަންނަ މީހުން ބުނެ އެވެ.

ފައިސަލް މިސްކިތް ބިނާކޮށްފައި ހުރި ބިމުގެ ޖާގަ ތަނަވަސްކަމުން މިއީ ޓޫރިސްޓުންނަށް މަގުބޫލް ބިނާއަކަށް ވަނީ ވެފަ އެވެ. މަގުތަކުގެ ތަނަވަސްކަމާއި މިސްކިތުގެ މުންނާރުތައް މާދުރުން ފެންނަ މީހަކަށް އިމާރާތް ފެނުމުގެ ކުރިން މިސްކިތެއްކަން ކަށަވަރުވެ އެވެ.