ލައިފްސްޓައިލް

އިސްލާމީ ގައުމުތައް - ސޯމާލިއާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު ބަލާލާނީ އެފްރިކާގައި ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ސޯމާލިއާ އަށެވެ. ކަނޑުފޭރޭ މީހުންގެ އުދަނގުލާއި ގައުމުގެ ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން ސޯމާލިއާ އަކީ ރައްކާތެރި ގައުމެއް ނޫން ކަމަށް މުޅި ދުނިޔެއަށް ސިފަވި ނަމަވެސް ސޯމާލިއާ އަކީ މުއްސަނދި ތާރީހެއް އޮތް ގައުމެކެވެ.

ސޯމާލިއާ

އިނގިރޭސީންގެ އަތުން މިނިވަންކަން ހޯދައި 1960 ގައި އުފެދުނު ފެޑެރަލް ރިޕަބްލިކް އޮފް ސޯމާލިއާ އަކީ އެފްރިކާ ބައްރުގެ "ހޯން"އޭ ކިޔާ ހިސާބުގައިވާ ގައުމެކެވެ. މި ގައުމުގެ އުތުރު ހުޅަނގުގައި ޖިބޫޓީ ވާއިރު، ހުޅަނގުގައި އިތިއޯޕިއާ، ދެކުނު ހުޅަނގުގައި ކެންޔާ އަދި އިރުމަތީގައި އިންޑިއަން އޯޝަންވެ އެވެ.

ސޯމާލިއާ އިން އިރަށް އިންޑިއަން އޯޝަންގައި އެންމެ ކައިރި ގައުމަކީ ދިވެހިރާއްޖެ އެވެ. މިއީ އެފްރިކާގެ އެންމެ ބޮޑު އައްސޭރި ފަށް އޮންނަ ގައުމެވެ. ސޯމާލިއާގެ އާބާދީގެ 99 ޕަސަންޓަކީ ސުންނީ މުސްލިމުންނެވެ. އަދި ރަސްމީ ބަހަކީ ސޯމާލީ އާއި އަރަބި އެވެ.

ސޯމާލިއާ އަކީ ޔުރޭނިއަމް އާއި ދަގަނޑު ފަދަ މައުދަންތަކާއި ގޭސް އިން މުއްސަނދި ގައުމެކެވެ. ނަމަވެސް މި ގައުމުގެ އަސްކަރީ ވެރިކަން 1991 ގައި ބަދަލުކޮށްލި ފަހުން މުޅި ގައުމު ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި، ގައުމުގެ ތަރައްގީ މަޑުޖެހުނެވެ. އެމެރިކާ އާއި އެފްރިކާ އެހެން ގައުމުތައްވެސް މި ހަނގުރާމައިގެ ތެރެއަށް ވަނެވެ. ހަނގުރާމައިގެ ސަބަބުންނާއި ވާރޭ ނުވެހި، ދަނޑުތައް ހިކުމުގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެ، އެތައް ހާސް މީހުންވެސް ސޯމާލިއާގައި މަރުވެފައިވެ އެވެ.

ދާހިލީ ހަނގުރާމައިގެ ތެރޭގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ސޯމާލިއާ މިއަދު ދަނީ ސުލްހައަށް އަދި ހަމަޖެހުމަށް މަސައްކަތްކޮށް އަމިއްލަ ފައިމައްޗަށް ތެދުވަން ހިތްވަރުކުރަމުންނެވެ. އަލް-ގައިދާގެ އަލް-ޝަބާބްގެ ހަނގުރާމަވެރިންގެ ފަރާތުން އަދިވެސް ނުރައްކާ ކުރަމަތިވަމުން ދެއެވެ. ސޯމާލިއާގެ ހަނގުރާމައާއި ބަނޑުހައިހޫނުކަން ނޫނަސް ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހުރެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަކީ އެ ގައުމުގެ އެންމެ ބޮޑު ރަށެވެ. މި ތާރީހީ ރަށުގައި ހުންނަ މިސްކިތްތަކާއި އާސާރީ ތަންތަނުގެ ތެރޭގައި އިޓަލީގެ އިސްތިއުމާރުގެ ދަށުގައި އޮތް ދުވަސްވަރު ހަދާފައިވާ ކެތޮލިކް ކްރިސްޓިއަން ކެތީޑްރަލްއެއް ހިމެނެ އެވެ. އަދި ޖަމަލާއި ބަކަރި ފަދަ ޖަނަވާރު ވިއްކާ ސޯމާލިއާގެ ބާޒާރަކީވެސް ތަފާތު ތަޖުރިބާއެއް ކުރެވޭ ތަނެކެވެ.

އެ ހިސާބުގަނޑުގެ ހާއްސަ ޖަނަވާރުތައް ބަލާލަން ބޭނުންނަމަ، ޑާލޯ އަދި ލަގް ބަޑާނާ-ބުޝްބުޝް ނެޝަނަލް ޕާކް ފަދަ ޕާކްތަކަކީ ހިތްގައިމު ތަންތަނެވެ. އަދި ތާރީހަށް ލޯބިކުރާ ފަރާތްތަކަށް ސަރްޔާން މިއުޒިއަމް އާއި ސޭލެކް އާއި ޒީލާ އާކެއޮލޮޖިކަލް ރުއިންސް ކަމުދާނެ އެވެ.

ރީތީ މަންޒަރުތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ލަމަޑާޔާ ވޯޓާފޯލް އާއި ލާސް ގީލް ހޮހޮޅަތައް ހުންނަ ތާރީހީ ރަށެއް ކަމުގައިވާ އިޝްކުޝުބާން އާއި ހަރްގޭސާ އަދި ބޮސާސޯ އަށް ޒިޔާރަތްކޮށްލުން ރަނގަޅެވެ. އަދި ސައަދް ދިން ރަށާއި އައިބަތު ރަށުގެ އިތުރުން ބަރްބެރާގެ އައްސޭރިއާއި ޖަޒީރާ، ޒާފުން އަދި ލިޑޯ ފަދަ ރީތި މޫދަކާއި ގޮނޑުދޮށްވެސް ހިމެނެ އެވެ.

ސަގާފަތް

ސޯމާލިއާގެ ރައްޔިތުންނަކީ މިއުޒިކާއި ޅެންވެރިކަމަށް ވަރަށް ލޯބިކުރާ ބައެކެވެ. އަދި އެތައް އިސްލާމީ ލިޔުމެއް ޝާއިއުކޮށްފައިވެ އެވެ. މިގައުމުގެ މީހުން އެންމެ ޝައުގުވެރިވާ ކުޅިވަރުތަކަކީ ފުޓްބޯޅަ އާއި ބާސްކެޓްބޯޅަ އެވެ.

ކެއުންބުއިން

ސޯމާލިއާގެ ކެއުންބުއިމުގެ އާދަތަކަށް އަވަށްޓެރި ގައުމުތަކާއި އިސްތިއުމާރު ކުރި ގައުމުތަކުގެ ނުފޫޒު ފޯރާފައިވީ ނަމަވެސް، ހުރިހާ ކާބޯތަކެއްޗަކީ ވެސް ހަލާލް އެއްޗިއްސެވެ. އަދި އޫރުމަހާއި ބަނގުރާ ނުވިއްކަ އެވެ. ބާސްމަތީ އާއި އެކި ވައްތަރުގެ ބާރިސް ނުވަތަ ބަތް ދޮންކެޔޮލާއެކު ކެއުމަށް ޝައުގުވެރިވުމުގެ އިތުރުން ޕާސްތާ އޮލަ ސްޓޫއަކާއެކު ކައި އުޅެ އެވެ.

އަދި ހުއްމުސް، ފަލާފެލް އާއި، ޕީޓާ ބްރެޑް ފަދަ އަރަބީންގެ ކެއުމުގެ އިތުރުން ސްޓޭކް އަދި ކަނޑުމަސް ކެއުމުގެ އިތުރުން އިސްކުކާރިސް ފަދަ ބަތާއި ތަރުކާރީ އަދި ޖަމަލު ފަދަ އެއްގަމު މަސް ހިމެނޭ ހޮޓްޕޮޓްއަކީ ގައުމީ ކެއުމެކެވެ. މިގޮތުން ބާރިސް އިސްކުކާރިސްއަކީ މީގެ އެންމެ މަގްބޫލު ކެއުމެވެ.

ފޮނި ކާއެއްޗެހީގެ ގޮތުން ޒަލްވޯ ނުވަތަ ހަލްވާއާއި ޒުވާރިން ހަދާ އަސީދާ އާއި ކާށިން ހަދާ ގަށާޓޯ އާއި އެކި ބާވަތުގެ ބިސްކޯދާއި ކޭކުވެސް ކައި އުޅެ އެވެ. އަދި ނިދުމުގެ ކުރިން ކާފުރުތޮޅި އަޅާ ކައްކާފައިވާ ކިރު ބުއިމަކީ ގިނަ މީހުންގެ އާދައެކެވެ.

ވިސާ އާއި ދަތުރުކުރުން

ސޯމާލިއާގައި އަދިވެސް ބައެއް ހިސާބުތަކުގައި ވަކިވުމަށް އެދޭ ހަނގުރާމަވެރިންގެ ހަމަލާތައް ކުރިއަށްދާތީ، އެމެރިކާ އާއި އިނގިރޭސި ވިލާތު ފަދަ ގައުމުތަކުން ވަނީ އެ ގައުމަށް ޒިޔާރަތް ނުކުރުމަށް ނޯޓިސް ނެރެފަ އެވެ. އަދި އެ ގައުމުގައި ހުރިނަމަ، އަވަހަށް ފުރުމަށާއި ނުފުރޭނަމަ ނޫނީ ޒިޔާރަތްކުރާ ނަމަ، ސެކިއުރިޓީ ހޯދުމަށްވެސް ވަނީ އަންގާފަ އެވެ. އެހެންކަމުން މިވަގުތު ސޯމާލިއާ އަށް ޒިޔާރަތްކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް، އެ ގައުމުގެ ދާހިލީ މައްސަލަތައް ހައްލުވުމުން މިއީ ޒިޔާރަތްކުރުމަށް ރަނގަޅު ގައުމެކެވެ.