ލައިފްސްޓައިލް

އިސްލާމީ ގައުމުތައް - ޓިއުނީޝިއާ

ރަ މަޟާން މަހަށް ހާއްސަކޮށްފައިވާ އިސްލާމީ ގައުމުތަކުގެ ސީރީޒްގައި މިއަދު މިހިމަނާލަނީ އެފްރިކާގެ ޓިއުނީޝިއާ އެވެ. އެއް އިރެއްގައި ނިކަން ވަރުގަދަ ގައުމަކަށް ވިޔަސް މިއަދު ދާހިލީ އެތައް މައްސަލަތަކެއް ޓިއުނީޝިއާގައި ވަނީ އުފަންވެފަ އެވެ.

ޓިއުނީޝިއާ

އުތުރު އެފްރިކާގެ މުއްސަނދި ތާރީހީ ގައުމެއް ކަމުގައިވާ ޓިއުނީޝިއާ، ފަރަންސޭސި އިސްތިއުމާރުގެ ދަށުން މިނިވަންކަން ހޯދީ 1956 ގައެވެ. ޓިއުނީޝިއާގެ އުތުރަށާއި އިރަށް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށްފައި އިޓަލީ އޮންނަ އިރު، ހުޅަނގަށް އަލްޖީރިއާ އަދި އިރު ދެކުނަށް ލީބިޔާ އޮވެ އެވެ. މި ގައުމަށް އެޓްލަސް ފަރުބަދައިގެ އިރުމަތިން ނިމޭ ހިސާބާއި ސަހާރާ ޑެޒާޓްގެ އުތުރު ކޮޅު ފޯރަ އެވެ.

ޓިއުނީޝިއާގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި މައިންކުރުމާއި އުފެއްދުންތެރިކަމާއި ޕެޓްރޯލިއަމް އާއި ފަތުރުވެރި ކަމަށެވެ. މި ގައުމަކީ ހިސާބުގަނޑުގައި އުފެއްދުންތަކާއި އެހެނިހެން ތަކެތި އެންމެ ބޮޑަށް އެކްސްޕޯޓްކުރާ އެއް ގައުމެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމަކީ ޓިއުނީޝިއާ އިން ސަމާލުކަންދޭ ކަމެކެވެ.

މި ގައުމުގެ 12.26 މިލިއަންގެ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 99 ޕަސަންޓަކީ މާލިކީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. މިއީ އިސްލާމީ ދައުލަތެކެވެ. މި ގައުމުގައި މަދު އަދަދަކަށް ކްރިސްޓިއަނުންނާއި ޔަހޫދީން ދިރިއުޅެ އެވެ. ޓިއުނީޝިއާ މީހުން އާންމުކޮށް ވާހަކަދައްކަނީ އަރަބީންނެވެ. މީގެ އިތުރުން ފަރަންސޭސި ބަހާއި އިނގިރޭސި އަދި އިޓަލީ ބަހުން މީހުން ވާހަކަ ދައްކާ އުޅެ އެވެ.

ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ޓިއުނީޝިއާގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ރަށް، ތޫނިސް އަކީ އެ ގައުމުގައި ތިންވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށުގެ އާސާރީ މަދީނާ ހިސާބަކީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ.

މެޑިޓަރޭނިއަން ސީގެ ސީ ގޭޓް ނުވަތަ ބާބް އަލް ބާރް، އިސްތިއުމާރު ޒަމާނުގެ ފަރަންސޭސި ނުފޫޒު ހުރި އިމާރާތްތަކާއި ކުރީ ޒަމާނުގެ ތޫނިސް އިމާރާތްތަކުގެ ތަފާތު ފެންނަ އެވެނިއު ހަބީބް ބުރްގިބާ، ލަ މާސާ، ސިދި ބޫ ސައިދް އަކީ ފަތުރުވެރިންނަށް ވަރަށް ކަމުދާ ތަންތަނެވެ. އެހެން ނަމަވެސް އެންމެ މަގުބޫލީ އަލް ޖެމްގައި ހުންނަ ރޯމަނުން ހަދާފައިވާ އެމްފިތިއެޓާ އެވެ.

ކާތޭޖް އަކީ ފީނިޝަނުން އަދި ފަހުން ރޯމަނުން އަދި އަރަބީންގެ ދަށުގައި އޮތް ރަށެެކެވެ. އެހެންކަމުން އެ ރަށުގައި ސެއިންޓް ލުއީ ކެތީޑްރަލް އާއި އެކްރޮޕޯލިއަމް އާއި ބައިރްސާ ފަދަ ތާރީހީ އަދި އާސާރީ ގިނަ ތަންތަން ހުރެ އެވެ. މި ރަށުގައި ކާތޭޖް ޕެލެސް، މިހާރުގެ ރިޔާސީ ގަނޑުވަރު ހުރެ އެވެ.

ޗޮޓް ޖެރިޑް ސޯލްޓް ލޭކް، ތޫނިސް ލޭކް، ގަފްސާ ލޭކް، އިޗެކުލް ނެޝަނަލް ޕާކް އާއި ލޭކް، ޖާބާ، ނެޝަނަލް ބާޑޯ މިއުޒިއަމް، ގްރޭންޑް އޭގް އޮރިއެންޓަލް، ރޯމަނުންގެ ޒަމާނުގައި ހަދާފައިވާ ބުއްލާ ރެޖިއާ އާއި ދޫގާ އާއި ސުފެތޫލާ، ކައިރުއާންގެ މިސްކިތްތަކާއި ޒިޔާރަތްތައް، ހަމާމެތް، ސޫސް މަދީނާ، ތޮޒޫރް، މަޓްމަތާ އާއި ރިބާތް އޮފް މޮނަސްތީރް އަކީ ހުސް ބަލާލަން ރަނގަޅު ރީތި އަދި ހިތްގައިމު ތަންތަނެވެ.

ސަގާފަތް

ޓިއުނީޝިއާގެ ސަގާފަތުގައި ބަދަވީން ފަދަ އެކި އަރަބި ގަބީލާ ތަކާއި އަޅުންގެ ގޮތުގައި ގެނައި ކަޅު ނަސްލުގެ މީހުންގެ ދަރިކޮޅާއި ރޯމަނުންނާއި ފަރަންސޭސި ނުފޫޒު ފެނެ އެވެ.

ޓިއުނީޝިއާގައި ސަލާމު ކުރުމަކީ ވަރަށް މުހިއްމު ކަމެވެ. އަދި މާރުކޭޓްތަކާއި ސޫކްތަކުގައި އަގު ތިރިކުރުމަށް މަސައްކަތް ކުރުމަކީވެސް ވަރަށް އާންމު ކަމެކެވެ. ކުރެހުމާއި އަދަބީގޮތުން ލެންވެރިކަމާއި ވާހަކަ ލިޔުމާއި ނެށުމާއި މިއުޒިކް އަކީ މި ގައުމުގައި ވަރަށް ހިނގާ ކަންތައްތަކެވެ. އެކި ފެސްޓިވަލްތައްވެސް ބާއްވާއިރު، އަވައްޓެރި ގައުމުތަކުންނާއި ދުރު ގައުމުތަކުގެ މީހުންވެސް އޭގައި ބައިވެރިވެ އެވެ. ކުޅިވަރުގެ ގޮތުން ބަލާއިރު، ފުޓްބޯލް، ހޭންޑް ބޯލް، ބާސްކެޓް ބޯލް އަކީ މި ގައުމުގައި ކުރިއަރާފައިވާ ކުޅިވަރުތަކެވެ.

ކެއުންބުއިން

ޓިއުނީޝިއާ މީހުން ކައި އުޅެނީ ވަރަށް ކުޅިކޮށެވެ. އަދި މި ގައުމުގެ ކެއުމުގައި އަވައްޓެރި އިޓަލީ އާއި ގްރީސް އަދި ފްރާންސްގެ ކެއުމާއި ބާބަރު އަދި އަރަބީންގެ ކެއުން އެކުލެވިގެންވެ އެވެ.

ޓިއުނީޝިއާގެ ގައުމީ ކެއުމަކީ ކުސްކުސް އާއި ތެއްލި ތަރުކާރީ އާއި އެއްގަމު މަހެވެ. ގިނަ ކެއުންތަކަށް ހަރިއްސާ ކިޔާ ވަރަށް ކުޅި ޓޮމާޓޯ އާއި ބޮޑު މިރުސް ފަދަ ތަކެތިން ހަދާފައިވާ ސޯސްއެއް އަޅައިގެން ކައެވެ. ކަންބަޅި ބަކަރި ފަދަ އެއްގަމު މަހާއި ޒައިތޫނި ތެލާއި ޓޮމާޓޯ އާއި ޕާސްތާ އާއި ބިސް އަދި ތަރުކާރީ އަކީ އާންމުކޮށް ކައި އުޅޭ ކެއުމެވެ. އަދި އައްސޭރިގައިވާ ރަށްތަކުގައި ކަނޑުމަހާއި ފަރުމަސް އަދި އެހެން ސީފުޑް ކައި އުޅެ އެވެ. މާގޭޒް، ޝަކްޝޫކާ، އަސިދާ، ސެލެޑް، ސްޓޫ، ތަޖީން ފަދަ ކެއުން ވަރަށް މަގުބޫލެވެ. ޕޭސްޓްރީ އާއި ފޮނި ކާނާ އަކީ ވެސް މި ގައުމުގެ މީހުން ކައި އުޅޭ އެއްޗިއްސެވެ. މީގެތެރޭގައި ބްރިކް، މަކްރޫޑް އާއި ޕާން ހިމެނެ އެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ޓިއުނީޝިއާއަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެ އެވެ. އެ ގައުމަށް ޒިޔާރަތްކުރުމަށް 90 ދުވަހުގެ ވިސާ އެއް ލިބޭނެ އެވެ. އެހެން ނަމަވެސް ދާހިލީ ހަމަނުޖެހުމާ ގުޅިގެން ބައެއް ހިސާބުތަކަށް، ހާއްސަކޮށް ދެކުނުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރުމަކީ ނުރައްކާތެރި ކަމެކެވެ.