ލައިފްސްޓައިލް

އިސްލާމީ ގައުމުތައް – ބްރޫނާއި ދާރުއްސަލާމް

އި ސްލާމީ ގައުމުތަކުގެ މައުލޫމާތު ހިއްސާކުރުމަށް އަވަސްގައި މި ގެނެސްދޭ ލިޔުންތަކުގައި މިއަދު މިހިއްސާކޮށްލަނީ އޭޝިއާ ބައްރަށް ނިސްބަތްވާ ކުޑަ އެހެންނަމަވެސް މުއްސަނދި ގައުމެއް ކަމަށްވާ ބްރޫނާއި ދާރުއްސަލާމް އެވެ.

ބްރޫނާއި ދާރުއްސަލާމް

އިރު ދެކުނު އޭޝިއާގެ ބްރޫނާއި ދާރުއްސަލާމް އަކީ އިނގިރޭސިންގެ ދަށުން 1984 ގައި މިނިވަންވި ގައުމެކެވެ. މިނިވަންވި ނަމަވެސް މިއަދާ ހަމައަށް އިނގިރޭސި ސިފައިންގެ ބައެއް އެ ގައުމުގެ ރައްކަލަށާއި ދިފާއުގައި އެ ގައުމުގައި ތިބެ އެވެ. "އޮޓޯކްރެޓިކް އެބްސޮލިއުޓް މޮނާކް" އެއް ކަމުގައިވާ ބުރޫނާއީގައި ރަސްކަން ކުރައްވާ ބޭފުޅަކީ އެ ގައުމުގެ އެންމެ އިސް ވެރިޔާ އެވެ.

ބްރޫނާއީ އޮންނަނީ އިންޑޮނޭޝިއާގެ ބޯނިއޯގެ އުތުރުގައި، މެލޭޝިއާގެ ސަރަވަކް ސްޓޭޓުން ދެކަފިވެފަ އެވެ.

ބްރޫނާއިގެ އިގްތިސާދު ބިނާވެފައިވަނީ ޕެޓްރޯލިއަމް އާއި ގޭސް އެކްސްޕޯޓްގެ މައްޗަށެވެ. ޝެލް ކުންފުނީގެ ގިނަ ތެޔޮ ފޯރުކޮށްދެނީ ބްރޫނާއި އިންނެވެ.

ބުރޫނާއީ އަކީ އެއްވެސް ދަރަންޏެއް ނެތް، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ފުރަތަމަ ދިހައިގައި ހިމެނޭ ގައުމެކެވެ.

ބުރޫނާއީއަށް ކާބޯތަކެއްޗާއި ކާރާއި ކަރަންޓް ބޭނުންވާ ބައެއް ތަކެތި އަވަށްޓެރި އާސިއާން ގައުމުތަކުން އިމްޕޯޓް ކުރެ އެވެ. ބްރޫނާއިގެ ސަރުކާރުން ރައްޔިތުންނަށް ހިލޭ ތައުލީމާއި ސިއްހީ ފަރުވާ ފޯރުކޮށްދީ، ގެދޮރާއި ހަނޑޫފަދަ ތަކެތި ސަބްސިޑައިޒްކޮށްދެ އެވެ. އަދި ހަނޑޫ ފަދަ އުފެއްދުންތައް އެ ގައުމުގައި ހެއްދުމަށް މަސައްކަތްކުރަމުންދެ އެވެ.

ބުރޫނާއީގެ ފަސް ލައްކަ އެއްހާ އާބާދީއަށް ބަލާއިރު، ގާތްގަނޑަކަށް 80 ޕަސަންޓަކީ ޝާފީ މަޒްހަބްގެ ސުންނީ މުސްލިމުންނެވެ. މިއީ އިސްލާމީ ދައުލަތެކެވެ. މިއީ އިސްލާމީ ގޮތްތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އިސްކަމެއްވެސް ދޭ ގައުމެކެވެ.

ބުރޫނާއީގައި މަދު އަދަދަކަށް ކްރިސްޓިއަނުންނާއި ބުދިސްޓުންނާއި ތާއޮއިސްޓުން އަދި މިނިވަން ވިސްނުން ގެންގުޅޭ މީހުން ދިރިއުޅެ އެވެ. މި ގައުމުގެ ރަސްމީ ބަހަކީ ސްޓޭންޑަޑް މެލޭ ކަމުގައިވީއިރު، ގިނައިން ވާހަކަ ދައްކައި އުޅެނީ ބްރޫނައި މެލޭ ބަހުންނެވެ. އިނގިރޭސި ދެވަނަ ބަހެއްގެ ގޮތުގައި ބޭނުންކުރާއިރު، އަރަބި ބަހާއި ޗައިނާ ދަރިކޮޅުގެ މީހުން މެންޑަރިން އަދި ޗައިނާގެ އެކި ބަހުން ވާހަކަ ދައްކަ އެވެ. މި ގައުމުގައި އިންޑިއާ ދަރިކޮޅުގެ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅެ އެވެ.

ބްރޫނާއިގައި ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަން

ބްރޫނާއިގެ ވެރިރަށް އަދި އެންމެ ބޮޑު ރަށް -- ބަންދަރު ސެރި ބެގާވަން އަކީ ރީތި މިސްކިތްތަކާއި ތަންތަން ހުރި ރަށެކެވެ. މިގޮތުން އުމަރް ޢަލީ ސައިފުއްދީން މިސްކިތް، އަލް އަމީރް އަލް ހާޖާ މަރިޔަމް މިސްކިތް، އާޗް ޝާލިހީން މިސްކިތް، ޖާމޭ އަސްރް ހަސަނިލް ބުލްކިއާ މިސްކިތް، އިސްތާނާ ނޫރުލް އިމާން ނޫނީ ސުލްތާންގެ ޝާހީ ގަނޑުވަރު، މަކްރަމް ދިރާޖާ (ޝާހީ ބޭފުޅުން ވަޅުލާ ޒިޔާރަތް) މިއީ ބަލާލަން ރަނގަޅު ރީތި މިސްކިތްތަކާއި ތަންތަނެވެ. އަދި މި ތަންތަނުގެ އިމާރާތްތަކުން އިސްލާމީ އާދަކާދައާއި ނުފޫޒު ފެނެ އެވެ.

ތާރީހަށް ލޯބިކުރާ ފަރާތްތަކަށް ބްރޫނާއި މިއުޒިއަމް، މެލޭ ޓެކްނޮލޮޖީ މިއުޒިއަމް، ރޯޔަލް ރިގޭލިއާ ބިލްޑިން މިއުޒިއަމް އާއި، ބްރޫނާއި ސްޓޭމްޕް ގެލެރީ އާއި، އާޓް އެންޑް ހެންޑިކްރާފްޓް ސެންޓާ އެއީ ކަމުދާނެ ތަންތަނެވެ.

ގުދުރަތީ ރީތިކަމަށް ލޯބިކުރާ ފަރާތްތަކަށް ތަމަން ޕެރަންގިނަން ޓާސެކް، ޖެލަން ތާސެކް ލާމާ، ތަމަން ޕާސިއަރަން ދަމުއަން، ބުކިޓް ސުބޮކް އާއި ބްރޫނާއި ކޯރާއި، އީކޯ ޕާކްތަކާއި، ފޮރެސްޓް ރިޒާވް ބަލާލުން ރަނގަޅެވެ.

ބްރޫނާއި ކޯރުގައިވާ ކުޑަ ޕަލާއު ރަންގޫ ރަށުގައި ގިނަ އަދަދެއްގެ ޕްރޮބޯސިސް ރާމާމަކުނާއި މަކަކްސް އުޅެ އެވެ. މީގެ އިތުރުން ޖެރުޑޮން ތީމް ޕާކާއި މާރުކޭޓްތަކާއި ރަށްފުށު ހިސާބުތަކުގެ ވިލެޖްތައް ވަރަށް ހިތްގައިމެވެ.

މީގެ އިތުރުން ހޯންބިލްސް އާއި ސުންޑާ ކްލައުޑަޑް ލެޕަޑް އާއި ކިނބޫ އާއި އުދުހޭ ބޮނޑު އެއީ މިގައުމަށް ހާއްސަ ޖަނަވާރެވެ. ޖެރުޑޮން ތީމް ޕާކާއި މާރުކޭޓްތަކާއި ރަށްފުށު ހިސާބުތަކުގެ ވިލެޖްތައްވެސް ވަރަށް ހިތްގައިމެވެ.

ސަގާފަތް

ބްރޫނާއިގައި މެލޭ ސަގާފަތުގެ ކަންތައްތަކާއި އިސްލާމްދީނުގެ ސަގާފަތާއި އާދަކާދަތައް ވަރަށް ބޮޑަށް އަމަލީގޮތުން ބޭނުންކުރެ އެވެ. އެހެންކަމުން ޕަބްލިކް ތަންތަނުގައި ގައިގޯޅިވުމާއި އަންހެނުން ނިވާކަން ކުޑަ ހެދުން ލުމާއި ކްރިސްމަސް ފަދަ ދުވަސްތައް ފާޅުގައި ފާހަގަކުރުމަކީ މަނާ ކަމެކެވެ. ކައިވެނިތަކުގައި މެލޭ މީހުން ގޮތަށް ބެރު ޖެހުމާއި ނެށުންވެސް ކުރިއަށް ގެންދެ އެވެ.

ބްރޫނާއި މީހުންނަކީ ފަން ވިއުމާއި ދަނގަޑުގެ މަސައްކަތްފަދަ އަތްތެރި މަސައްކަތަށް މޮޅުބައެކެވެ.

ރީނދޫކުލަ އަކީ ޝާހީ ކުލަ ކަމުން، އާންމުން މި ކުލަ އާއި ރަންކުލަ ސުލްތާން އާއި ޝާހީ ބޭފުޅުން ތިބޭ ތަންތަނުގައި ލުމަކީ އެދެވޭ ކަމެއް ނޫނެނެވެ. ފިރިހެނުން އަންހެނުންނާ ސަލާމެއް ނުކުރެ އެވެ. އަދި ޝަހާދަތް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ބޮޑުވާ އިނގިލިން އިޝާރާތްކުރުމާއި، އިށީނދެގެން އިންނަ މީހެއްގެ ކުރިމަތިން ހުރަސް ނުކުރުމަށް ހަނދާނުގައި ބަހައްޓަންޖެހެ އެވެ. މި ގައުމުގެ މީހުން ކުޅިވަރު ކުޅުމަށްވެސް ވަރަށް ޝައުގުވެރިވެ އެވެ.

ކެއުންބުއިން

ބްރޫނާއިގެ ކެއުމުގައި އަވައްޓެރި މެލޭޝިއާ، އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ ނުފޫޒު ވަރަށް ގަދަ އެވެ.

މީގެ އިތުރުން ތައިލެންޑް، ޗައިނާ އަދި އިންޑިއާގެ ނުފޫޒުވެސް ފެނެ އެވެ. ހުރިހާ ކެއުމެއްވެސް ހަލާލްވީއިރު، އޫރު މަސް ކެއުމާއި ބަނގުރާ ބުއިން މަނަލެވެ.

ބްރޫނާއިގެ ކެއުމުގައި ކުޅި ކާނާ ހިމެނޭއިރު، ކަނޑު އަދި ކޯރު މަހާއި ބަތަކީ އާންމު ކެއުމެވެ. މީގެ އިތުރުން ކުކުޅު، ގެރި، ފުއްލާ އަދި އެހެން ސީފުޑް އަދި ނޫޑްލްސް ކައިއުޅެއެވެ. ލަކްސާ، ސަތޭ، ކުއޭ މެލާޔޫ، ވާޖިދް، ނާސި ކަޓޮކް، ބީފް ރެންޑަންގ، ނާސި ލެމަކް، ޕަޖޭރި ނާނަސް އާއި އަމްބުޔަޓް އަދި ބެމްބޫ ޗިކަން އެއީ މަގްބޫލު ކެއުމެވެ. އަދި ބުއިމަށް ސައި، ކިރު ސައި، ކޮފީ، މޭވާގެ ޖޫސްތަކާއި ކުރުނބާ ފެން އެއީ އާންމު ބުއިމެވެ.

ވިސާ އާއި ދަތުރުކުރުން

ދިވެހިންނަށް ބްރޫނާއިއަށް ޒިޔާރަތްކުރުމަށް ވިސާ ނަގާކަށް ނުޖެހެ އެވެ.