ރަ
އްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އިއްޔެ ލިބުމާ ހަމައަށްވެސް އެމްޑީޕީގެ އިސް ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕަސަންޓް ޔަގީންކަމެއް ނެތެވެ. ސަބަބަކީ ގުރައިދޫ ދާއިރާ އަކީ ފެށުނީއްސުރެ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް އަދި އެ ދާއިރާގެ ގޮނޑި މިދިޔަ 14 އަހަރު ފުރުއްވީވެސް ޕީޕީއެމްގެ ބޭފުޅަކަށް ވާތީ އެވެ. އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދާތީ ޕާޓީގެ ތެރެއިން ކުރިމަތިވި ޕްރެޝަރުތަކަކީ ވެސް އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ވެދާނެ ކަމުގެ ޔަގީންކަން ހޯދަން އުދަނގޫވި ސަބަބެކެވެ.
ނަމަވެސް ގުރައިދޫ ދާއިރާގެ އިންތިހާބު އެމްޑީޕީގެ އިބްރާހީމް ޝާޒް ކާމިޔާބު ކުރައްވައި އެމްޑީޕީއާއި ސަރުކާރަށް މިވަނީ ތާރީހީ މޮޅެއް ހޯދައިދީފަ އެވެ. ހަގީގަތުގައިވެސް ގުރައިދޫ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ކުޑަކުޑަ ކާމިޔާބެއް ނޫނެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް ކ. އަތޮޅުގެ ދާއިރާތަކުގެ އިންތިހާބުތަކަކީ އެމްޑީޕީއަށް ފަސޭހަ އިންތިހާބުތަކެއް ނޫނެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީއަށް ލިބުމަކީ ކ. އަތޮޅުގެ ދާއިރާއެއްގެ ގޮނޑި އެ ޕާޓީއަށް ލިބުނު ފުރަތަމަ ފަހަރެވެ. މިކާމިޔާބީގެ އުފާ އެމްޑީޕީގެ މިއަދުގެ ލީޑަޝިޕަށް އަދި ރައީސް ސޯލިހަށް މުހިއްމު ވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ސަރުކާރާއި ރައީސް ސޯލިހާ ދެކޮޅަށް އެންޓި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް ރައީސް ސޯލިހްގެ ފޮޓޯފުޅާއި ރައީސް ސޯލިހްގެ ސިޔާސަތުތައް ވިއްކައިގެން އެމްޑީޕީއަށް ކާމިޔާބު ހޯދައިދެވުނީތީ އެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން މީގެކުރިން ވިދާޅުވާ ގޮތުގައި އެމްޑީޕީއަށް އިންތިހާބުގައި ކާމިޔާބު ލިބެނީ ރައީސް ނަޝީދުގެ ފޮޓޯފުޅު ވިއްކާތީ އެވެ. އެކަމަކު އިއްޔެ އެވަނީ ނަޝީދުގެ މަގުބޫލުކަން އެމްޑީޕީގެ ތެރެއިން ފަނޑުވެ ރައީސް ސޯލިހްގެ ވިދުން ޕާޓީއާއި ރައްޔިތުންގެ ތެރޭގައި ގަދަވަމުންދާކަން އަންގައިދީފަ އެވެ.
"މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން،" ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ގަބޫލުކުރައްވާ ގޮތުގައި ޒަމާނުއްސުރެ ޕީޕީއެމްގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ވެގެން ދިއުމަކީ ރައީސް ސޯލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެމްޑީޕީގެ އެތެރެއިން ކުރިމަތި ކުރުވާ ގޮންޖެހުންތަކާއި، ގެއްލުވާލި ވޯޓުތަކުގެ މައްޗަށް މިލިބުނީ ބޮޑު ކާމިޔާބެއް. މަރުހަބާ ޝާޒު އަދި އެމްޑީޕީއަހްމަދު މަހްލޫފް | އެމްޑީޕީގެ ބައި-އިލެކްޝަން ކޮމިޓީގެ ޗެއާ
ޕީޕީއެމް ގޯސްކޮށް ކުރީ ކޮން ކަމެއް
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ސަރުކާރުގެ ކެންޑިޑޭޓަށް ކާމިޔާބު ވެގެން ދިއުމުގައި ޕީޕީއެމްގެ ގޯސް ލަފާކުރުންތަކާއި އަންދާޒާތައް ބޮޑު ދައުރެއް އަދާކުރި އެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެއީ ހަގީގަތެކެވެ.
ޕީޕީއެމް އިން ހެދި ފުރަތަމަ ގޯހަކީ ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވާހަރަވުމާ ގުޅިގެން އެ ދާއިރާ އިން ހަމްދަރީގެ ވޯޓުތަކެއް ލިބޭނެ ކަމަށް ހިސާބު ޖެހުމެވެ. އެއީ ބައެއް އިންތިހާބުތަކުގައި ވެދާނެ ގޮތެއް ކަމަށްވީ ނަމަވެސް ހަމްދަރީގެ ވޯޓު ލިބޭނެ ކަމަށް އިދިކޮޅު ކެމްޕޭން ލުއިކޮށް ނެގުމަކީ ވާދަވެރި އިންތިހާބެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.
އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އިންތިހާބަށް ނެރުމަކީ ވެސް ޕީޕީއެމް އިން ވިސްނާ ނުލައި ކުރި "މޮޔަ" ކަމެއްގެ ގޮތުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސްއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅަކު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން ހުސައިން ރިޒާ އަކީ އިލްމީ ގާބިލް ބޭފުޅެއް ނޫން ކަމަކަށް. އެއީ ވަރަށް ގާބިލް ބޭފުޅެއް. އެހެންނަމަވެސް ހުސައިން ރިޒާ އަކީ ދާއިރާގެ ރައްޔިތުންނާ ގުޅުން ކުޑަ ބޭފުޅެއް. ދާއިރާގެ ގިނަ ރައްޔިތުން ނުވެސް ދަނޭ. ސިޔާސީ ކަމެއްގައި އަމްދުން އުޅުއްވި ވެސް ބޭފުޅެއް ނޫން. އެހެންވެ ހުސައިން ރިޒާ ދާއިރާއަށް ވިއްކުން ނުވަތަ ތައާރަފްކުރުން އެއީ ދިމާވި ވަރަށް ބޮޑު މައްސަލައެއް،" އޭނާގެ ހިޔާލު ހުރި ގޮތް ހާމަކުރެއްވި އެވެ.
ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށަކީ ގުރައިދޫ އެވެ. އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންނަކީ ވެސް ގުރައިދޫގެ ބޭފުޅުންނަށްވާތީ އެ ރަށުގެ ވޯޓުތައް ވަރަށް ބޮޑަށް ބެހިގެންދާނެކަން އެއީ ކުރިންވެސް އެނގޭ ކަމެކެވެ. އެކަން ގަބޫލުކޮށް ގުރައިދޫ ދާއިރާގައި ހިމެނޭ މާފުށިން ޕީޕީއެމްގެ ކެންޑިޑޭޓަކު ނުނެރުން އެއީވެސް ޕީޕީއެމް އިން ހެދި ގޯހެެއް ކަމަށް ދެކޭ ބަޔަކު އެ ޕާޓީގައި އެބަތިއްބެވި އެވެ.
ގުރައިދޫ ދާއިރާގައި ހިމެނޭ ގުރައިދޫއާ ތަފާތުކޮށް މާފުށްޓަކީ އެމްޑީޕީގެ ފިކުރު ބޮޑު ރަށެކެވެ. އެހެންކަމުން މާފުށިން އިލްމީ ތަޖުރިބާ ހުރި އަދި އާންމުންނަށް އެނގޭ ރަނގަޅު ބޭފުޅަކު ނެރުނުނަމަ ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވީސް ކަމަށް ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. އެމްޑީޕީގެ އެތެރެ މިއަދު އޮތް ހާލަތުން މާފުށިން ބޭފުޅަކު ނެރުނުނަމަ ޕީޕީއެމްއަށް އެމްޑީޕީގެ ވޯޓުތަކެއް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ނަމަ މާފުށްޓަށް ނިސްބަތްވާ އަދި އެރަށުގައި އިހްތިރާމް ލިބިގެންވާ ދީނީ އިލްމުވެރިޔާ ޑރ. ސާމިއާ އަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް ބައެއް ބޭފުޅުން ޕީޕީއެމްގެ ލީޑަޝިޕަށް ދެންނެވި. އޭރުން ގުރައިދޫ އިން ވޯޓު ބެހިގެންދާ ދިއުމަށް ހައްލެއް ލިބޭ. އަނެއްކާ މާފުށިން ހޯދޭ ވޯޓު ގިނަވޭ. ސާމިއާ ފަދަ އެންމެންނަށް އެނގޭ މާފުށި ބޭފުޅަކު އިންތިހާބަށް ނިކުތީމާ އެރަށުން ހޯދޭ 'ވަތަނީ ލޯބީގެ' ވޯޓުވެސް ހުންނާނެ،" އޭނާގެ ވިސްނުން ހުރި ގޮތް ވިދާޅުވެ ދެއްވި އެވެ.
ޕީޕީއެމްއާ އެކު މަސައްކަތް ކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމްއަށް އިންތިހާބު ގެއްލުނީ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބަހައްޓައިގެން ޕީޕީއެމްއަށް ކެމްޕޭން ކުރަން ފުރުސަތު ހަނިކުރުމުންނެވެ. ބަލިވުމުގެ ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މުޅި ދައުލަތުގެ ފައިސާއާއި ވަސީލަތް ބޭނުންކޮށްގެން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މައްސަލަ އެވެ.
"ހަގީގަތުގައި ރައީސް ޔާމީން ޖަލަށް ލައްވައިގެން އަދި އިންތިހާބަށް އިންތިހާއަށް ފައިސާ ހަރަދުކޮށްގެން ސަރުކާރަށް މިލިބުނީ 100 ވޯޓުގެ ކުރިއެރުމެއް. މިއީ ކާމިޔާބީއެއް ނޫން. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރުން ކިހިނެއްތޯ ރާއްޖޭގެ ހުރިހާ ރަށަކަށް ފައިސާ އަޅާނީ. އެއީ ނުވާނެ ކަމެއް." އާދަމް ޝަރީފް ވިދާޅުވި އެވެ.
ޕީޕީއެމް އާއި ޕީއެންސީ އިން ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އިދިކޮޅު ކޯލިޝަންގެ ދަނޑުގައި މޮޅަށް ކުޅެ ސަރުކާރުން އެވަނީ ގިނަ ގޮންޖެހުންތަކަކާ އެކުވެސް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. މި ކާމިޔާބީ އަކީ ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރަން ނިކުމެ ހުންނެވި ރައީސް ސޯލިހަށް ވަރަށް ބޮޑު ހިތްވަރެކެވެ. އިއްޔެގެ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ސިޔާސަތުތަކާއި ކެމްޕޭން އުކުޅުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން އަންގައިދެ އެވެ. އެހެން ނޫނީ ރިޔާސީ އިންތިހާބުގައި ފެންނަނީ ގުރައިދޫ ދާއިރާ އިން ސަރުކާރު ހޯދި ނަތީޖާ ތަކުރާރުވާ މަންޒަރެވެ.