ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީން ފަށައިފި އެވެ.
ގުރައިދޫ ދާއިރާގައި ކެމްޕޭންގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމުގައިވާ ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ގައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުގެ އިތުރުން ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެވެ.
އެމްއެންޕީގެ ކެމްޕޭން ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުންންނެވެ.
ގުރައިދޫ ދާއިރާގައި ކެމްޕޭންގައި ވެރިކަން ކުރާ އެމްޑީޕީން އަދި މާފޯރިގަދަ ކެމްޕޭނެއް ފަށައިގެން އުޅޭތަނެއް ނުފެނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމް، އެމްޑީޕި އަދި އެމްއެންޕީގެ ކެންޑީޓުންނެވެ. އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.
ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.