ކ. ގުރައިދޫ

އެމްޓީޑީން ގުރައިދޫ ދާއިރާއަށް ވާދަކުރަނީ

Mar 9, 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)ގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީޑީގެ ޓިކެޓް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 11ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީ އެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހަރާވެފައިވާ އިބްރާހީމް ރިޒާުގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްއެންޕީ އިން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ. އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައަޅާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަށް ފަހު އެެވެ.

ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެލޭޝިއާ ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.