ކ. ގުރައިދޫ

ގުރައިދޫ ދާއިރާއަށް އެމްޑީޕީއާއި އެމްއެންޕީ ވާދަކުރަނީ

Mar 3, 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީން ވެސް ނިންމައިފި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެހެންވެ މި މަހުގެ 11 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ޕާޓީން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 10 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ރިޒާ އަވަހާރަވީ ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރިޒާ ގެންދެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

ރިޒާ ނިސްބަތްވީ އިދިކޮޅު ޕީޕީއެމްއަށް ކަމަށްވީ ނަމަވެސް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމާ މެދު ޕީޕީއެމް އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.