ރިޕޯޓް

އެމްއާރްއެމް އުވާލުން: ޑިމޮކްރަސީއަށް ދިން ހަމަލާއެއް

ދި ވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވަރަށް ސާފްކޮށް ހުދާއި ކަޅުން ލިޔެފައިވަނީ ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ދައުލަތެއް ކަމުގަ އެވެ. ރާއްޖޭގެ ޅަފަތުގައިވާ ޑިމޮކްރަސީގައި ހެދެމުން އަންނަ ސިޔާސީ ޕާޓީތައް އާބިޓްރަރީކޮށް އުވާލަމުންދާ ކަމުގެ ޝަކުވާ ސިޔާސީ މައިދާނުގައި ދޭތެރެއަކުން އެބަ ފެންމަތިވެ އެވެ. މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީ ޕާޓީތައް މިފަދަ ގޮތަކަށް އުވާލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ.

ކުރިންވެސް ދެންނެވިހެން ދިވެހިރާއްޖޭގެ ދައުލަތަކީ ޑިމޮކްރެޓިކް ދައުލަތެއް ކަމުގައި ގާނޫނުއަސާސީގެ ދެވަނަ މާއްދާގައި ވަރަށް ސާފުކޮށް ވަނީ ލިޔެފަ އެވެ. އަދި ހަމަ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 30 ވަނަ މާއްދާގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަދައި ހިންގުމުގެ ފުރިހަމަ މިނިވަންކަން ވަނީ ދީފަ އެވެ.

ގާނޫނުއަސާސީ އަކީ ދިވެހި ދައުލަތުގެ އަސާސެވެ. ސިޔާސީ ޕާޓީތައް ރައްޔިތުންނަށް ހިންގުމުގެ ހުއްދަ ދީފައި އޮތުމަކީ ޑިމޮކްރެޓިކް ދައުލަތެއް ކަމަށް ކަނޑައަޅާ ރުކުނެވެ. އެހެންކަމުން ގާނޫނުއަސާސީގައި ހުއްދަ ދީފައިވާ އެންމެ މަތީ ހައްގުތަކަށް މަސައްކަތް ކުރުމުގައި ހުރަސްތައް ކުރިމަތިވާނެ ގޮތްތައް ހެދުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާއި ހިލާފް އަމަލަކަށް ނޫނީ ނުވާނެ އެވެ.

ދައުލަތެއްގައި ގާނޫނުއަސާސީއާއި ހިލާފްވުމަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެވެ. ގާނޫނުއަސާސީން ކަނޑައަޅާފައިވާ ޑިމޮކްރެޓީކް ދައުލަތް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތައް ޑިމޮކްރަސީއަށް އަހުލިވެރިވެފައި އޮންނަންޖެހެ އެވެ. އަނެއްކޮޅުން ޑިމޮކްރަސީއެއްގެ އަސާސަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެވެ.

މި ދައުލަތުގައި ގާނޫނުއަސާސީގައި ލިބިދީފައިވާ ހައްގުތައް ގާނޫނުތަކުގެ ދަށުން އާބިޓްރަރީކޮށް ހިފަހައްޓަމުންދާ ކިތަންމެ ހާދިސާއެއް އެތަކެއް ފޮތެއް ލިޔެވޭ މިންވަރަށް އެބަހުއްޓެވެ. މިފަދަ އެތައް ހާދިސާއެއް ތަކުރާރުވަމުން ދިއުމަކީ ދިވެހިރާއްޖޭގެ ޅަފަތުގައި އޮތް ޑިމޮކްރަސީ އަނެއްކާވެސް އަނިޔާވެރިކަމާއި ދިމާލަށް މިސްރާބު ޖެހުމުގެ ދޮރަކަށް ނޫނީ ނުވާނެ އެވެ.

ގާނޫނުއަސާސީގެ ދަށުން ކަމަށް ބުނެ ސިޔާސީ ޕާޓީގެ ގާނޫނެއް ވަނީ ވުޖޫދަށް ގެނެސްފަ އެވެ. އޭގެ ދަށުން ސިޔާސީ ޕާޓީގެ ބެލެނިވެރި ފަރާތްކަމުގައި އިލެކްޝަން ކޮމިޝަން ވަނީ ކަނޑައަޅާފަ އެވެ. އެއާއެކު ޕާޓިތަކަށް މީހުން ވެއްދުމާއި ކެނޑުމާއި ޕާޓީތައް ހެދުމާއި އުވާލުންވެފައި މިވަނީ އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައެވެ. އެއްގޮތަކުން މިހާރު ސިޔާސީ ޕާޓީތައް ސީދާ މި ހިންގަނީ އިލެކްޝަން ކޮމިޝަނުންނެވެ. އެއީ އެއްގޮތަކަށްވެސް މިހާރު ރައްޔިތުން ހިންގާ ސިޔާސީ ޕާޓީތަކެކޭ ބުނެވޭނެ ޖާގަ އެއްވެސް ނެތެވެ.

ގާނޫނު އަސާސީން ރައްޔިތަކަށް ލިބިދީފައިވާ ހައްގެއްގެ ބާރު ފާޅުގައި ނިގުޅައިގަންނަނީ ޑިމޮކްރެޓިކް ދައުލަތެއްގައި އޮތް އަންޑިމޮކްރެޓިކް މި ގާނޫނުގެ ސަބަބުންނެވެ. ދެން ގާނޫނުއަސާސީގައި ބުނާ ޑިމޮކްރެޓިކް ދައުލަތަކަށް މި ދައުލަތް ވޭހެއްޔެވެ. މިއަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުންކަމަށް ފިޔަވައި އެނޫން ކަމެއް ނޫނެވެ. އެކަން ދުވާލުގެ އިރުހާ ފަދައިން ސާފެވެ.

އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފްތާގައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު 30 އަހަރު ކުރައްވައި މިގައުމަށް އެތަކެއް ހިދުމަތެއް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ރައީސް މައުމޫން ދިވެހި ދައުލަތަށްޓަކައި އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (ދިވެހިރާއްޖެ އިސްލާހު ކުރާ ހަރަކާތް) އެމްއާރްއެމް އުވާލުމަށް ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަނުން މިކަން ކުރިއިރު އެމްއާރުއެމްއަކީ އެންމެ ބިނާކުރުވަނިވި ސިޔާސީ ހަރަކާތް ހިންގަމުން އަންނަ ސިޔާސީ ޕާޓީ އެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް ސާފެވެ.

މިސާލެއްގެ ގޮތުން އެމްއާރްއެމުން ގެންގުޅެމުން އަންނަ ސިޔާސަތުތަކާއި އެމްއާރުއެމުން އެހެނިހެން ސިޔާސީ ޕާޓީތަކާއި ދެމެދު ކޯލިޝަން ހެދުމަށް ގެންގުޅުނު އުސޫލްތައް ދާދިފަހުން ރާއްޖޭގެ އެކި ނޫސްތަކުގެ ޒަރީއާއިން ގެނެސްދީފައިވެ އެވެ. ވަރަށް ހަރުދަނާ ގޮތެއްގައި އެ ޕާޓީން ސަރުކާރު ޒިންމާދާރު ކުރުވަނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަދި ކޯލިޝަން ހެދުމުގައި އެކުލަވާލާފައިވާ އުސޫލްތައްވެސް އެހާމެ ހަރުދަނާކަން ވަނީ ދައްކުވައިދީފަ އެވެ. ސަރުކާރުން ކުރާ ރައްޔިތުން ކަންބޮޑުވާ އެތައް ކަމެއްގައި ހަރުދަނާ ނިންމުންތައް ދައުލަތުގެ ހައްގުގައި އެމްއާރުއެމުން އެ އަންނަނީ ހެޔޮ ގޮތުގައި ކުރަމުންނެވެ. ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ޕާޓީ ތަކުން ނުކުރާ މިންވަރަށް މުހިއްމު ކަންކަމުގައި މިހާތަނަށް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެވަނީ އެމްއާރުއެމުން މަސައްކަތް ކޮށްފަ އެވެ.

މިވަރުގެ ހަރަކާތްތެރި ސިޔާސީ ޕާޓީއެއް ކުއްލިއަކަށް އެވަނީ އިލެކްޝަން ކޮމިޝަނުން ބޮޑު ހައިރާންކަމެއް ދައުލަތަށް ގެނުވައި އެ ޕާޓީ ވުޖޫދުން ފޮހެލުމަށް ނިންމާފަ އެވެ. މިއީ ރާއްޖޭގައި ޅަފަތުގައި އޮތް ޑިމޮކްރަސީއަށް ދެވުނު ވަރުގަދަ ހަމަލާ އެކެވެ. އެކަން ސާބިތުވަނީ ކުރިން ދެންނެވިހެން ދިވެހި ދައުލަތުގެ ހައްގުގައި އެންމެ ޒިންމާދާރު ގޮތުގައި މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއް ކުއްލިއަކަށް އުވާލުމަށް އިލެކްޝަން ކޮމިޝަނނުން ނިންމުމެވެ.

ގާނޫނުއަސާސީން ސާފްކޮށް ދީފައިވާ ހައްގެއް ހަނިކުރުމަކީ ޑިމޮކްރަސީ މަރާލުމަށް ދެވޭ ހަމަލާއަކަށް ނޫނީ ނުވާނެ އެވެ. އަނގައެއް އޮތީމަ ކޮންމެ އެއްޗެއްވެސް ކޮންމެ ބަޔަކަށްވެސް ގޮވިދާނެ އެވެ. ނަމަވެސް އެ ގޮވުމަކީ ދެއުޅިއެއް ނުވާ ނިންމުމެއްކަން އިރުގެ އަލިފަދައިން ސާފްކޮށް އެނގެން އޮތުމަކީ އެފަދަ ކަންކަމުގައި ދެއުޅިއެއް ނުވާކަމުގެ ފުރިހަމަ ހެއްކެވެ. މިކަމެއް ނައްތައެއް ނުލެވޭނެ އެވެ. ނައްތާލަން އުޅެގެންވެސް ނުވާނެ އެވެ. އެއީ ރައްޔިތުންގެ ހައްގެވެ. އެއާ ދެކޮޅު ހެދުމަކީ އަނިޔާވެރިކަމެވެ. މި ދައުލަތުގެ ގާނޫނުއަސާސީން އަނިޔާވެރިކަމަށް އެއްވެސް ފުރުސަތެއް ނެތެވެ. އެކަން ވަރަށް ސާފްވެފައި އާބިޓްރަރީ ވެވޭކަށް ނެތެވެ.

މިޖާގައެއް ހުޅުވިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި އަގުލަބިއްޔަތެއް އޮތަތީ ކޮންމެވެސް ބަޔަކު ތަންދޮރު ނުބަލައި ސިޔާސީ ޕާޓީތައް އެއްބަޔަކަށް ހިންގިޔަ ނުދިނުމަށް ސީދާ ހުރަސްއެޅުމަށް ގާނޫނެއް ފާސްކޮށްފައި ވުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީތައް ސީދާ މާހައުލުން ފުހެލުމަށް ޖާގަދީފައިވެ އެވެ. އެއީ ގާނޫނުއަސާސީގެ ރޫހެއް ނޫނެވެ. އެ ރޫހާއި ހިލާފަށް ކޮންމެ ޕާޓީއެއްގައި ތިބެންޖެހޭ އަދަދެއް ކަނޑައެޅީ އެވެ. ޕާޓީއެއް ހަދައިގެން ތިބި ބަޔަކު ތިމާމެންނަށް ގިނަ ފައިސާ ލިބޭނެ ގޮތަށް، ޕާޓީއެއްގައި ވަކި އަދަދަކަށް މެންބަރުން ތިބުމުން ފައިސާ ދޭ އުސޫލު ބޮޑު މީހާއަށް ބޮޑު ގޮތް ކުޑަ މީހާއަށް ކުޑަ ގޮތް ހެދީ އެމީހުންނެވެ. ކިތަންމެހާވެސް ހެއްވާ ކަމެކެވެ. މާދިގުކުރާނެ ބޭނުމެއް ނެތެވެ. އެ ގާނޫނުގެ ދޯހަޅިކަން އިލެކްޝަން ކޮމިޝަނުން ކުރިމަތިކުރީ މިފަހަރު ހަރުދަނާ ގޮތުގައި ހިންގަމުން އަންނަ އެމްއާރުއެމް އަށެވެ. ފާއިތުވި ކުރި މާޒީއެއްގައި މީގެ ކުރިންވެސް ސިޔާސީ ޕާޓީތައް އިލެކްޝަން ކޮމިޝަނުން ވަނީ މި ގާނޫނު ބޭނުންކޮށް އުވާލާފަ އެވެ. އެއީ ހަގީގަތެވެ.

އެމްއާރުއެމް އުވާލަން ނިންމުމުންވެސް އެމްއާރުއެމުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކޮށެވެ. އިލެކްޝަންގެ ނިންމުން އެ މުއައްސަސާއަށް ވަޒަންކުރެވޭތޯ ބެލުމަށް އެ ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް ހަމަ އެ މުއައްސަސާގައި އެމްއާރުއެމުން އެދުނީ އެވެ. ކިތަންމެ ހެއްވާ ކަމަކަށްވިޔަސް އެ ނޫން މަގެއްވެސް ނެތަތީ އެވެ. އެމްއާރްއެމްގެ ރައީސް ފާރިސް ވިދާޅުވެފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމަކީ ގާނޫނީ ގޮތުން ސައްހަ ނޫން ނިންމުމެއްކަމަށް ބާރުދޭ ކިތަންމެ ހެއްކެއް އެބޭފުޅުންގެ އަތުގައި އެބަހުއްޓެވެ.
ހަމައެއާއެކު އެމްއާރްއެމް އިން ވަނީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރާއި ސިޔާސީ ނަހަމަ ނުފޫޒާއި ސިޔާސީ ކަންކަމަށް ފައިސާގެ ނުފޫޒު ނުހަމަ ގޮތުގައި ފޯރުވަމުންދާ މިންވަރުގެ ކަންބޮޑުވުން އޮތްކަން ހާމަކޮށްފަ އެވެ. އަދި ގާނޫނުތަކަށް ބޯނުލެނބުމުގެ ބަލިމަޑުކަމެއް ރާއްޖޭގައި އާންމުވެފައި އެބައޮތް ކަމަށް ހިތާމައާއެކު ދަންނަވަންޖެހޭ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެ އެވެ.

ގައުމު މިފަދަ ހާލަތެއްގައި އޮތް އިރު، އެމްއާރުއެމުން ވެސް މިވަނީ ގާނޫނީ ގޮތުން ސިޔާސީ ޕާޓީތައް ހިންގުމައި އޮތް ހުރަހުގެ ވާހަކަ ދައްކާފަ އެވެ. މީގެ ކުރިން އެހެނިހެން ބައެއް ސިޔާސީ ޕާޓީތަކުންވެސް މިމައްސަލާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިޔާސީ އިލެކްޝަނެއް ބޯމަތިވެފައި އޮވެމެ ސަރުކާރާއެކު ކޯލިޝަނެއް ހެދުމަށް ސަރުކާރުން ދައުވަތު ދީފައި އޮއްވާ އެމްއާރުއެމުން މިހާތަނަށް ސަރުކާރާއެކު އިތުރަށް ކޯލިޝަނެއް ހަދައިފިނަމަ ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް ގެއްލޭނެ ކަމުގައި ބުނެފައިވާއިރު އެ ޕާޓީން ރަސްމީކޮށް މިކަމުގައި ގޮތެއް އަދި ނިންމާފައެއް ނުވެ އެވެ. މިއެންމެހާ ކަމެއް ހިނގާފައިވާއިރު، އެމްއާރުއެމް އުވާލުމަށް އިލެކްޝަނުން އަމަލުކުރި ގޮތް ސައްހަ ނޫން ކަމަށް ބުނެ އެ ޕާޓީން އެ އަންނަނީ ގާނޫނީ މަރުހަލާތައް މިވަގުތު ފުރިހަމަ ކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އެމްޑީޕީ ވެރިކަމުގައި އޮވެ ޑިމޮކްރަސީއާއި އިދިކޮޅު ހަރަކާތްތައް މިދައުލަތުން ފެންނަކަމީ ލަދުވެތި ކަމެކެވެ. އެންމެފަހުން ގާނޫނުއަސާސީގައި ލިޔެފައި ސާފްކޮށް ދީފައި އޮތް ސިޔާސީ ޕާޓީތައް ހިންގުމުގެ މިނިވަންކަން އިލެކްޝަނުން ކޮންމެ ފަހަރަކު ނިގުޅައިގަތުމުން ސިޔާސީ ޕާޓީތަކުން ކޯޓްތަކަށް ދުވާ ގޮތަށް އޮތުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ބޮޑު ބިރެވެ. ޑިމޮކްރަސީ އަކީ ކޯޓްތަކުން ފަހާދުވެގެން ހޯދާ އެއްޗެއް ނޫނެވެ. ހެދެމުން މި އަންނަ ޑިމޮކްރަސީއަށް ހަމަލާ ދިނުމުގެ މަސައްކަތް ހުއްޓުވައިގެން ނޫނީ ރާއްޖޭގައި ޑިމޮކްރަސީ އަށައެއް ނުގަނެވޭނެ އެވެ.