ޓް ރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުއްވައިދެއްވާ، ރާއްޖޭގައި އައިވީއެފް ހެދުމުގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ފައްޓަވައިދެއްވައިފި އެވެ.
މިހިދުމަތް ރައީސް ސޯލިހް ފައްޓަވައިދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނައިބް ރައިސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމުން ހާސިލްވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.
"މިހިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފް ކުރަން ތައްޔާރަވަމުންދާ ނެޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމާ ބެހޭގޮތުން ރައީސް ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ތައާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދާ ކަމަށެވެ. އެފަދަ ޕްރޮގްރާމެއް ތައާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ހަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުންނާއި ނައިބް ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ރާއްޖެއިން ބޭރުގައި ދިވެހިން އާންމުކޮށް އައިވީއެފް ހަދަނީ ފަރުވާއަށާއި އެ ތަންތަނަށް ދިއުމާއި ތިބުމާއި ކެއުން ހިމެނޭ ގޮތަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެންނެވެ. މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހަދާފައިވާ ސެންޓަރުގައި އައިވީއެފްގެ ހިދުމަތް ދޭން ނިންމާފައިވަނީ 46،000 ރުފިޔާ އަށެވެ.