ކާށިދޫ

ކާށިދޫ ދަނޑުތައް ތަރައްގީކުރަން އެހީ ބޭނުންވޭ

ކ. ކާށިދޫއަކީ ރާއްޖޭގައި ބިން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އާބާދީގައި 2،600 މީހުން ދިރިއުޅޭ މި ރަށުގެ ބޮޑުމިނަކީ 276 ހެކްޓަރެވެ. މުޅި ރާއްޖެއަށް ބަލާއިރު މިއީ ފަސްވަނަ އަށް އެންމެ ބޮޑު ރަށެވެ.

ކާށިދޫ އަކީ ބިން ބޮޑު ރަށެއްގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތުގައިވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ކާށިދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތުގެ ތެރޭގައި އެންމެ ކުރީގައި ހިމެނޭ މަސައްކަތަކީވެސް ދަނޑުވެރިކަމެވެ.

ރާއްޖޭގެ ބާޒާރަށް ވަކިން ހާއްސަކޮށް މާލޭގެ ލޯކަލް މާރުކޭޓަށް ގެންނަ ދަނޑުވެރިކަމުގެ ދިވެހި އުފެއްދުންތަކަށް ބަލާއިރު ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ސަޕްލައިކުރާ ރަށަކީވެސް ކާށިދޫ އެވެ.

ކާށިދޫގައި ހައްދާ ބާވަތްކަށް ބަލާއިރު ދޮންކެޔޮ، ކަރާ، ފަޅޯ، ކޮޕީފަތް މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު މިނޫން އެހެން ބާވަތްތައް ވެސް ކާށިދޫގެ ދަނޑުތަކުން ލިބެ އެވެ.

ކ. ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އަވަސްއަށް ވިދާޅުވި ގޮތުގައި އެރަށުގައި ދަނޑުވެރިކަން ކުރުމަށް 830 ދަނޑު ދޫކޮށްފައިވެ އެވެ. ކޮންމެ ދަނޑެއްގެ ބޮޑުމިނުގައި 10،000 އަކަފޫޓް ހުރެ އެވެ. މިއީ ޖުމަލަކޮށް ބަލައިފިނަމަ 9.3 މިލިއަން އަކަފޫޓުގެ ބިމެެވެ.

"މިއީ ރާއްޖޭގެ އެއްރަށަކުން އެންމެ ބޮޑު ސަރަހައްދެއް ދަނޑުވެރިކަމަށް ހާއްސަކޮށްފައިވާ ހަމައެކަނި ރަށް،" ދަނޑުވެރިކަމަށް ކާށިދޫ ހާއްސަވެފައި އޮތް މިންވަރު ސިފަކޮށްދެއްވަމުން އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާށިދޫ އަކީ ބިން ބޮޑު ރަށަކަށްވީ ނަމަވެސް އެރަށުގައި ދަނޑުވެރިކަން ކުރުމަށް ރަށުގެ ގިނަ ބަޔަކު އަދިވެސް ބިން ބޭނުންވާތީ ކާށިދޫވެސް އޮތީ ބިމަށް ބޭނުންވެފަ އެވެ. ކާށިދޫގައި މީހުން ދިރިއުޅުމަށް އަދި އެހެނިހެން ބައެއް މަސައްކަތްތަކަށްވެސް ބިން ބޭނުންވާތީ ކާށިދޫއަށް އިތުރު ބިން ކައިރި މުސްތަގުބަލްގައި ބޭނުންވެ އެވެ.

ކާށިދޫގެ ބިމަކީ ދަނޑުވެރިކަން ކުރުމަށް ރަނގަޅު ބިމަކަށްވީ ނަމަވެސް އަބަދު އެ ބިމުގައި ދަނޑުވެރިކަން ކުރުމަކީ ބިންގަނޑު ބަލިވާނެ ކަމެކެވެ. އެހެންކަމުން ޒަމާނީ ގޮތްތަކާ އެކު ދަނޑުވެރިކަން ކުރަން ކާށިދޫ ރައްޔިތުން ބޭނުންވެ އެވެ. އެކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ އާ އިންވެސްޓްމަންޓްތަކަށް ކުރަންޖެހޭ ހަރަދު ބޮޑުވުމާއި ބޭނުންވާ ވަސީލަތްތައް ލިބުން ދަތިވުމެވެ.

"މިމައްސަލައަށް އަވަސް ހައްލެއް ފަސޭހަ ގޮތްތަކެއް ފަހިވުމަކީ ރައްޔިތުންގެ އެދުމެއް،" އާމިރު ވިދާޅުވި އެވެ.

މަސްވެރިކަމާއި ޓޫރިޒަމްގެ ސިނާއަތް ކާށިދޫގައި އަދި ވައިގައި ހިފާފައި ނެތް ނަމަވެސް މުޅި ރާއްޖޭގައިވެސް ބޮޑު ޑިމާންޑެއް އޮތް އޯނަމެންޓަލް ޕްލާންޓްސް ނުވަތަ މާގަސް ހެއްދުމުގެ ވިޔަފާރިވެސް ކާށިދޫގައި އަންނަނީ ފުޅާވަމުންނެވެ. މިމަސައްކަތަކީ ވެސް ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތަށް ވާތީ މިމަސައްކަތުންވެސް ކާށިދޫގެ ބައެއް ރައްޔިތުން ރަނގަޅު އާމްދަނީއެއް ހޯދަ އެވެ.

ކ. އަތޮޅުގައި މުޅިން އެކަހެރިކޮށް އޮންނަ ކާށިދޫ އަކީ ޓޫރިޒަމް ސިނާއަތް ވެސް ވަރަށް ބޮޑަށް ފުޅާކުރެވެން އޮތް ރަށެކެވެ. އެއީ ގުދުރަތީ ރީތި ބޮޑު ފަޅަކާއި ރީތި ގޮނޑުދޮށެއް ކާށިދޫއަށް ލިބިގެންވާތީ އެވެ. ކާށިދޫގައި ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާއިރު ކާށިދޫ ފަޅު ހިއްކައިގެން އެތަނުގައި ރިސޯޓެއް ހެދުމަށް ސަރުކާރުން ދަނީ އިންވެސްޓަރުންވެސް ހޯދަމުންނެވެ.

ކާށިދޫގައި ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ރޭވެމުން ދިޔަ ނަމަވެސް ކާށިދޫގެ ދަނޑުވެރިކަމުގެ މަސައްކަތް ގެއްލޭ ގޮތަށް ނުވަތަ ދަނޑުވެރިކަން "ރިޕްލޭސް" ކުރެވޭ ގޮތަށް އެހެން ސިނާއަތެއް އެރަށުގައި ކުރިއަރުވަން މަސައްކަތް ނުކުރާނެ ކަމަށް އާމިރު ވިދާޅުވި އެވެ. ކާށިދޫގައި ޓޫރިޒަމް ސިނާއަތް ފުޅާކުރަން ބޭނުންވަނީ ދަނޑުވެރިކަމާ ގުޅުވާލައިގެން ކަމަށް ކާށިދޫ ކައުންސިލުން ބުނެ އެވެ.