ހަބަރު

ކަރަންޓް އަގަށް ގެނައި ބަދަލުން ރައްޔިތުން ވާންވީ އުފާ: ތޯރިގް

Feb 8, 2016
3

ކަރަންޓްގެ އަގު ކުޑަމިންވަރަކަށް ބޮޑުވުމަކީ ރައްޔިތުން އުފާކުރަން ޖެހޭ ކަމެއް ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހޮޅުދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުމާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން ވެސް ކަރަންޓް ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކަރަންޓް ސަބްސިޑީ ކުޑަކޮށްލުމުން ރައްޔިތުން އިތުރަށް ބިލަށް ދައްކަން ޖެހޭ ފައިސާ އަކީ ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓް އަދި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ހޭދަ ކުރެވޭނެ ފައިސާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިގޮތަށް ބާކީ ކުރެވޭ ފައިސާ އިން ރައްޔިތުންގެ ތަރައްގީއަށް ކުރެވޭ މަޝްރޫއުތައް އިތުރުވާތަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކަރަންޓަށް މި ގެނެވުނު ބަދަލަކީ، އިސްލާހީ ހެޔޮ އިގްތިސާދީ ނިންމުމެއް، އެއީ ރާއްޖޭގެ ތަރައްގީ އަށާއި އިއާދަ ކުރަނިވި ހަކަތައަށް ހުޅުވިގެން އަންނާނެ އާދޮރެއް. މިއީ ރައްޔިތުން އުފާކުރަން ޖެހޭނެ ބަދަލެއް،" ތޯރިގު ވިދާޅުވި އެވެ.

ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ އަގަށް ގެނައި ބަދަލަކީ ރަިކަރަންޓް ހަރަދުތައް ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ބަލަނީ ރިކަރަންޓް ހަރަދުތައް ވީހާވެސް ބޮޑަށް ކުޑަކޮށްގެން ބާކީ ކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާނެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމާއި ވައްޓަފާޅި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 10 ރަށެއްގައި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް އެކީ ނިންމާލެވުނެވެ. މިއަހަރުގެ ތެރޭގައި މުޅިން އަލަށް 37 ރަށެއްގައި ފެނުގެ ނިޒާމު އަދި މިއަހަރު 54 ރަށެއްގައި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ކުރިޔަށްދާނެ ކަމަށް ވިދާޅުވި އެވެ.

މިހާރުގެ ރައީސް އަކީ އަދި ކަމެއް ދިމާވާ އިރަށް އިސްތިއުފާ ދީ ގެއަށް ވަޑައިގަންނަވާނެ ރައީސްއެއް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ތަރައްގީގެ މަޝްރޫއުތައް ފެނިގެންދަނީ އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ތޯރިގް ވިދާޅުވި އެވެ.