ރާ އްޖޭގެ ރަށްތަކުގައި ބޮޑު އީދަށް ހާއްސަކޮށްގެން ކުޅޭ "ބޮޑުމަސް" ކުޅިވަރަކީ އާންމުންގެ ޝައުގުވެރިކަން ބޮޑު ކުޅިވަރެކެވެ. ބޮޑުމަހަކީ ރޯފަނުން ނުވަތަަ ރޯފަން މިލުވައިގެން ބޮޑުމަހެއްގެ ސިފައިގައި ވިޔެފައި އޮންނަ 30 އަކަށް ފޫޓުގެ ވަރަށްް ބޮޑު މަހެކެވެ. މިކުޅިވަރުގައި އެންމެ ހާއްސަ ބަޔަކީ ބޮޑުމަސް ބޭނުން ކަމަށްވާތީ "ބޮޑުމަސް ބޭނުން" ވެސް ބައެއް ރަށްރަށުގައި މިކުޅިވަރުގެ ނަމުގެ ގޮތުގައި ބޭނުންކުރެ އެވެ.
އީދު ކުޅިވަރުގައި ބ. އަތޮޅު ތުޅާދޫ އަކީ ރާއްޖޭގައި އެންމެ ފާހަގަކުރެވޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ތުޅާދޫ، ހިންމަތް، މުހައްމަދު މާހިރު (މާހިރުބެ) އަކީ އެ ރަށުގައި ކުޅޭ ސަގާފީ ކުޅިވަރުތަކުގައި ރަށުގެ ރޫހެވެ. ތުޅާދޫގައި ބޮޑު އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކުޅިވަރަކީ ބޮޑު އީދުގެ ފަހު ރޭ ކުޅޭ ބޮޑުމަހުގެ ކުޅިވަރެވެ.
ތުޅާދޫގައި ބޮޑުމަސް ކުޅޭގޮތާއި ބޮޑު މަސްހެދުމުގައި އަމަލުކުރާ ގޮތުގެ މައުލޫމާތު ދެމުން މާހިރުބެ ބުނީ ބައެއް ރަށްތަކުގައި މިހާރަކަށް ބޮޑުމަސް ހަދަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އޭގެ އަސްލު ގެއްލޭ ގޮތަށް ކަމަށެވެ. ނަމަވެސް ތުޅާދޫގައި އާންމު ގޮތެއްގައި ބޮޑުމަސް ހަދަނީ ކަށިކެޔޮއަޅޯ ބޭނުންކޮށްގެން އިހުގެ ގޮތަށް ފަނުން ވިއެގެން ކަމަށާއި އަދި މަހުގެ އޮނިގަނޑު ނުވަތަ އަސްލު މަހެއްގައި އޮންނަ ގޮތަށް ކަށިގަނޑު ހަދަނީ ލަކުނޑި ބޭނުންކޮށްގެން ކަމަށެވެ. ފަނުން ވިޔާ ބައި ހުންނަނީ މިއޮނިގަނޑުގެ ބޭރުން ލައްވާ ނުވެއްޓޭނެހެން ހައްޔަރުކޮށްފަ އެވެ. އަދި މަހުގެ އަނގައާއި ދަތްތަކާއި ކަންފަތާއި ނިގޫފަތްވެސް ހަދާފައި ހުންނަނީ ރުކުގެ ބައިތައް ބޭނުންކޮށްގެން އަސްލު ސިފައާއި އެއްގޮތަށް ހަދާފަ އެެވެ.
"މިއީ ހަގީގަތުގައި ވަރަށް ގިނަ ފަން ބޭނުންކޮށްގެން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ވަރަށް ކަވިކޮށް ކުރާ މަސައްކަތެއް. އިހުގެ ގޮތަށް ހެދީމާ ނޫނީ އަޅުގަނޑަކަށް ބޮޑުމަސް ހަގީގަތުގައި އިހްސާސެއް ނުވޭ،" މަސައްކަތުގެ ބުރަކަން މާހިރުބެ ބުނެދިނެވެ.
ތުޅާދޫގައި ފާހަގަކުރެވޭ ފަންނުވެރިއެއް ކަމުގައިވާ މާހިރުބެ ބުނީ ބޮޑުމަސް ކުޅުމަށް އެރަށުގައި އިހުގައި އޮތް ފޯރިއަށް ވުރެ ޒުވާނުންގެ މެދުގައި މިއަދު އޮތް ފޯރި މާބޮޑަށްވެސް އިތުރު ކަމަށެވެ. އަދި ރަށުގެ ޖަމިއްޔާތަކުގައި ޒުވާނުން އިސްވެ ތިބެ ބޮޑުމަސް ކުޅުމަށް ހާއްސަ އިސްކަމެއް ދޭ ކަންވެސް މާހިރުބޭ ފާހަގަކުރި އެވެ.
"ކުރީގައި ގޭގެއަށް ގޮސް މީހުން ހޯދަން ޖެހޭ މާބޮޑަށްވެސް. ނަމަވެސް މިހާރު ރަށުގެ ޒުވާނުން މިކަންކަމުގައި ޝައުގުވެރިކަން ބޮޑުވުމުން މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވޭ،" ބޮޑުމަސް ކުޅުމަށް ޒުވާނުންގެ ޝައުގުވެރިކަން ހުރި ގޮތް ހިއްސާކުރަމުން މާހިރު ބުންޏެވެ.
ތުޅާދޫގައިވެސް އަދި އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑުމަސް ކުޅެނީ ހުސްކޮށް އޮންނަ ބޮޑު ބިމެއްގަ އެވެ. އެހެންވެ މިކުޅިވަރުގެ ކުޅޭ މީހުން އަނގަބަހުން ބޭނުންކުރާ އާންމު ވާހަކަތައް ނުވަތަ ޑައިލޮގްތައް މިކުޅިވަރު ބަލާމީހުންނަށް ސާފުކޮށް އިވުމުގައި ބައެއް ފަހަރު ދަތިތައް ހުރެ އެވެ. އެހެންވެ ތުޅާދޫގައި މިދިޔަ ބޮޑު އީދުގައި ބޮޑުމަސް ކުޅުނީ ބައެއް ޑައިލޮގްތައް ކުރިން ރެކޯޑްކޮށް ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ވަގުތުން ބައެއް ޑައިލޮގް ކިޔައި ދުރަށް އަޑުއިވޭ ގޮތް ހަދައިގެންނެވެ.
ބޮޑުމަސް ކުޅޭ ވަގުތު އެ މަސް ކޮޅުކޮޅަށް ދުވާނެ އެވެ. އަދި ވީހާވެސް އަސްލާ އެއްގޮތް ކުރަންވެގެން މަހުގެ އަނގަ ހުޅުވައި ލައްޕައިވެސް ހަދަ އެވެ. މަސް ދުއްވާނީ މަހުގެ އެތެރޭގައި ތިބޭ ބައެކެވެ. ބޮޑުމަސް ދުވާ ސަރަހައްދުގައި ދޯންޏެއްގެ ސިފައަށް ދޯންޏެއްވެސް ހަދާފައި އޮވެ އެވެ. އަދި އޭގައި ކެޔޮޅާއި ފަޅުވެރިންވެސް ތިބޭނެ އެވެ. ދޯނީގައި ތިބޭ މީހުން ދިގުވަލެއްގައި ބުޅިއެއްލައި މަސް ބާނަން އެވާ އެއްލުމުން އެ ކުޅިވަރުގެ ތެރޭގައި ޝައުގުވެރި އެތައް "ސަކަރާތްތަކެއް" ޖެހުމަށްފަހު ކުޅިވަރުގެ ވަކި ހިސާބަކުން މަހުގެ އަނގައިގެ ތެރޭގައި ބުޅި އެޅެ އެވެ. ދެން އެހިސާބުން ބޮޑުމަސް ބާނަން ބަޔަކު ކަށިން ހިތްވަރުލައިގެން ކުރާ މަސައްކަތްތަކެއް ފެނިގެންދެ އެވެ. އެވަގުތު މަސް ގަދަ ދައްކާ މަންޒަރާއި ކިޔެވެލި ކިޔަވާ މީހަކު މި މަސް ބާނައިގެން ދޯންޏާ ހަމައަށް ގެނައުމަށް ކުރާ މަސައްކަތް ވެސް މިކުޅިވަރުގެ ތެރެއިން ފެނެ އެވެ.
ބޮޑުމަސް ބޭނުމުގެ ތެރޭގައި އެންމެ ފޯރިގަދަކޮށް ފެންނާނީ ކިޔެވެލި ކިޔަވާ މީހާއާއި މަރިޔަންދައިތައިގެ ކެރެކްޓާ އެވެ. މި ދެމީހުންގެ ދެމެދުގައި ހިނގާ ދެބަސްވުންތަކާއި މަރިޔަންދައިތަގެ "ސުންޕާކަން" އެއީ ބެލުންތެެރިންނަށް އެންމެ ކަމުދާ ހިސާބެވެ. އަދި ބޮޑުމަސް ބާނައިގެން ޝަރީއަތެއް ގޮތަށް ކުރިއަށްދާ ހަރަކާތަކީ ހީހީ ބަނޑަށް އުދަނގޫވާރުގެ ހަރަކާތެކެވެ.