ތާރީޚުގައި އެންމެ ބާރުގަދަ އަދި ކާމިޔާބު އެއް ހަނގުރާމަވެރިޔާގެ ގޮތުގައި ފާހަގަކުރެވޭ އެލެގްޒެންޑާ ދަ ގްރޭޓް އަކީ މެސެޑޯނިއާގެ ވެރިކަން ކުރި ރަސްގެފާނު ފިލިޕް ދެވަނައާއި އޮލިމްޕިއަސްގެ ދަރިކަލެކެވެ.
އޭނާ އުފަންވީ މެސެޑޯނިއާގެ ކުރީގެ ވެރިރަށް ކަމުގައިވާ ޕެއްލާގަ އެވެ. ޅަފަތުގައި ފަލްސަފާވެރި އެރިސްޓޯޓަލްގެ އަރިހުން ތައުލީމު ހާސިލްކުރެއްވި އެލެގްޒެންޑާއަށް އެންމެ 20 އަހަރުގައި މެސެޑޯނިއާގެ ވެރިކަން ލިބިވަޑައިގަތެވެ.
އެލެގްޒެންޑާގެ ބައްޕަ -- ފިލިޕް ދެވަނަ އަވަހާރަކޮށްލުމާ ގުޅިގެން އެލެގްޒެންޑާއަށް ލިބިވަޑައިގަތީ ވަރަށް ބާރުގަދަ ނަމަވެސް ހަމަނުޖެހުން ބޮޑު ވެރިކަމެކެވެ. އެހެންނަމަވެސް އެލެގްޒެންޑާގެ ހުނަރުވެރިކަމާއި ވިސްނުންތޫނުކަމުގެ ސަބަބުން އެތެރޭގެ ހަމަނުޖެހުންތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލުކުރެއްވި އެވެ. އަދި މެސެޑޯނިއާގެ ބާރު އަލުން ގްރީސްގެ މައްޗަށް ގާއިމުކުރެއްވި އެވެ.
އެއަށްފަހު އެލެގްޒެންޑާ ދެން ފެއްޓެވީ އޭރު ދުނިޔޭގައި އެންމެ ބާރުގަދަ ކަމަށް ބުނާ ޕާޝިއަން އެމްޕަޔާ ހޯއްދެވުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އެލެގްޒެންޑާ ދެއްކެވީ ވަރަށް ވަރުގަދަ ހިތްވަރެކެވެ. ގްރެނިކަސް، އިސަސް އަދި ގަވުގަމޭލާ ފަދަ މުހިންމު ހަނގުރާމަތަކުގައި ފާރިސީން ބަލިކޮށް، އެ ސަރަހައްދުތައް އޭނާގެ ވެރިކަމުގެ ދަށަށް ގެންނެވި އެވެ.
އެލެގްޒެންޑާގެ ހަނގުރާމަވެރި ކާމިޔާބީތަކުގެ ތެރޭގައި މިސްރު، ބެބިލޯނިއާ އަދި ބެކްޓްރިއާ ފަދަ ސަރަހައްދުތައް ބާރުގެ ދަށަށް ގެނައުން ހިމެނެ އެވެ. އެ ހަނގުރާމަތައް އިންޑިއާއާ ހަމައަށް ވެސް ފޯރާފައިވެ އެވެ.
އެލެގްޒެންޑާގެ ފަތަހަ ތަކުގެ ސަބަބުން މުޅި ދުނިޔޭގެ ސިޔާސީ އަދި ޘަޤާފީ ވައްޓަފާޅި ބަދަލުވެގެން ދިޔައެވެ. އޭނާގެ ވެރިކަމުގެ ދަށުން ހުރިހާ ސަރަޙައްދެއްގައިވެސް ގްރީކް ޘަޤާފަތް ފެތުރިގެން ދިޔައެވެ. މި ދައުރަށް ތާރީޚުގައި ކިޔަނީ "ހެލެނިސްޓިކް ޕީރިއަޑް" އެވެ.
އެލެގްޒެންޑާގެ ކިބައިން ފެންނަ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ހިތްވަރު ގަދަކަމެވެ. ގިނަ ހަނގުރާމަތަކުގައި އޭނާ އިސްކޮށް ހުންނަވައިގެން ސިފައިންނާއެކު ކުރިމަތިލައްވާފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ސިފައިންގެ މެދުގައި އޭނާއަށް ހާއްސަ ގަދަރަކާއި އިހްތިރާމެއް އޮތެވެ. އެލެގްޒެންޑާގެ ލީޑަޝިޕްގެ ހުނަރާއި، ހަނގުރާމަވެރި ތަޖުރިބާގެ ސަބަބުން އޭނާގެ ސިފައިންނަށް ލިބުނު ހިތްވަރަކީ އެލެގްޒެންޑާގެ ކާމިޔާބީގެ މުހިއްމު ބައެކެވެ.
އެލެގްޒެންޑާގެ އަނެއް މުހިންމު ސިފައަކީ އޭނާގެ ސަގާފީ ހޭލުންތެރިކަމެވެ. އޭނާ ފަތަހަކުރެއްވި ގައުމުތަކުގެ އާދަކާދަތަކަށް އިހްތިރާމްކުރައްވައި، އެ ގައުމުތަކުގެ ސަޤާފަތް ދެމެހެއްޓެވުމަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ޕާޝިއަންސްގެ ވެރިންނާ ކައިވެނިކުރައްވައި، އެމީހުންގެ ހެދުން ބޭނުންކުރައްވައި، އަދި އެމީހުންގެ އާދަކާދަތައް ގެންގުޅުއްވި އެވެ. މިކަމުގެ ސަބަބުން ގްރީކް އަދި ޕާޝިއަން ސަގާފަތް އެއްވެ، އާ ސަގާފަތެއް އުފެދިގެން ދިޔަ އެވެ.
އެލެގްޒެންޑާގެ ވެރިކަމުގެ ދަށުން ވިޔަފާރިއާއި ސައިންސާއި އާޓްސް ކުރިއަރައިގެން ދިޔަ އެވެ. އޭނާ އާ މަގުތައް ހެއްދެވުމާއި، އާ ސިޓީތައް ބިނާކުރެއްވުމާއި، ވިޔަފާރި މަގުތައް ތަރައްގީކުރެއްވުމަށް އިސްކަން ދެއްވި އެވެ. މީގެ ތެރެއިން އެލެގްޒެންޑްރިއާ ފަދަ ސިޓީތައް މިއަދާ ހަމައަށްވެސް ދެމިއޮވެ، އޭގެ މުހިއްމުކަން ދަމަހައްޓާފައިވެ އެވެ.
އުމުރުން އެންމެ 32 އަހަރުގައި އެލެގްޒެންޑާ އަވަހާރަވިއިރު، އޭނާގެ ވެރިކަމުގެ ދަށުގައި އޮތީ އޭރުގެ ދުނިޔޭގެ އެންމެ ބޮޑު އެއް އެމްޕަޔާ އެވެ. އެލެގްޒެންޑާ އަވަހާރަވުމުން އެ ރަސްކަން ބައިބައިވެގެން ދިޔަ ނަމަވެސް އޭނާގެ ވެރިކަމުގެ ނުފޫޒު ގަރުނުތަކަކަށް ދެމިގެން ދިޔަ އެވެ. މިއަދާ ހަމައަށްވެސް އެލެގްޒެންޑާ ދަ ގްރޭޓްގެ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެކެވެމުންދެ އެވެ. އަދި އޭނާގެ ލީޑަޝިޕްގެ ސިފަތަކާއި ހަނގުރާމަވެރި ހުނަރުތައް މިއަދުގެ ސްޓްރެޓެޖިކް ލީޑަޝިޕްގެ ފޮތްތަކުގައިވެސް ހިމެނެ އެވެ.