ރޯދަ މަހަކީ ރަހްމަތުން ފުރިގެންވާ މަހެކެވެ. ރޯދި ބަރަކާތް އިތުރުވުން އެއީ މި މަހަށް ލިބިގެންވާ އެއް ސިފަ އެވެ. ކާނާއަކީ މާތް ﷲ ދެއްވާ ނިއުމަތެކެވެ. ރޯއްޖެކެވެ. ބަރަކާތެކެވެ. ކައިބޮއި ހެދުމުގައި އިސްރާފު ނުކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފަ އެވެ.
﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ (الأعراف: ٣١) މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
ރޯދަ މަހުގައި ރޯދި ބަރަކާތް އިތުރުވަނީ އެއިން އިސްރާފު ކުރުމަކަށް ނޫނެވެ. އެހެން މަސްތަކުގައި ކައިބޮއި އުޅޭ މިންވަރާ އަޅާ ކިޔާއިރު ރަމަޟާން މަހު، ކެއުމުގެ ހަރަކާތްތައް އޮންނާނީ ނިސްބަތުން ވަރަށް މަދުކޮށެވެ. ރޯދަވީއްލުމާއި ހާރުކެއުން އެކަންޏެވެ.
ރޯދަ މަހުގެ އެއް ބޭނުމަކީ ބަނޑުހައި ހޫނުކަން ތަހައްމަލުކުރާ ނިކަމެތިންގެ އިޙުސާސްތައް ދެނެގަނެ، އެބައިމީހުންނާ މެދު އޯގާތެރިވުމަށް ހަނދާންކޮށް ދިނުމެވެ. މިއަދު އަޅުގަނޑުމެން ހިފާ ރޯދައިން މި ދެންނެވި މަގުސަދު ހާސިލް ވަނީ ކިހާވަރަކަށް ބާއެވެ؟
އަޅުގަނޑުމެންގެ ސުފުރާތައް މަތިން ދުނިޔޭގެ ތަނަވަސްކަމާއި ކެއުމުގެ ފޯރިނޫން އެއްޗެއް ނުފެނެއެވެ. މަޙްރޫމީންނާއި ނިކަމެތިންގެ ޒިކުރެއް ނުކުރެވެއެވެ. ދުވާލުގެ ވަގުތު ތަކުގައި ލިބޭ ހައިހޫނުކަން ކިޔައިދޭހާ ވެސް އެއްޗަކީ އަނގަޔަށް މީރު ކާނާތައް ތައްޔާރުކުރާނެ ގޮތެވެ.
ރޯދައިގެ ކަރުހިއްކުމާއި، ގޮހޮރަށް ލިބޭ ލުއިކަން ފިލުވާލުމަށް ގިނަ އަދަދެއްގެ ކާނާ ތައްޔާރުކޮށް އެ ތަކެއްޗަށް އިންސާފުކުރަން ކިތަންމެ ބޭނުންވިޔަސް އެކަމެއް ނުވެ އެވެ.
ބަންގީގެ އަޑާއެކު ދެތިން ސުވާ އަނގަޔަށް ލުމުން ބަނޑުފުރި، ހަމަޖެހެ އެވެ. ދިޔާ އެއްޗެއް ބޮއެފިނަމަ އިތުރަށް ކާނެ އެއްވެސް ޖާގައެއް ނޯވެ އެވެ. ކެއްކިހައި އެއްޗެއް އިސްރާފުވެގެން ދަނީ އެވެ. ގަދަކަމުން ކައިފިނަމަ ދެން ވެސް ވަނީ އިސްރާފެވެ.
ރޯދަމަހުގެ ހަގީގީ މަގުސަދު ކަމުގައިވާ ތަގުވާވެރިވުމަށް އެޅޭ ހުރަހެއް ކަމުގައި ނޫނީ މި ކަންކަން ނުވެ އެވެ. މި މަހުގެ މަންޒިލަކަށް ވާންވާނީ ނިކަމެތިންގެ ހާލަތު ދެނެތިބެ، އިސްރާފުން އެއްކިބާވެ، ތަގުވާވެރިކަން އިތުރު ކުރުމެވެ. މިކަންކަން ހާސިލްނުވާނަމަ، ނުކައި ނުބޮއެ ތިބުމުގެ ބޭނުމެއް ނެތެވެ.