ދީން

ދަތިކަމަކަށްފަހު ފަސޭހަކަންވޭ

Apr 4, 2024

ދިޔަވަރު ބޮޑުވެ، ދިޔަވަރު ހިކޭ ފަދައިން، ފިނި މޫސުމަށް ފަހު ހޫނު މޫސުން، ހޫނު މޫސުމަށް ފަހު ފިނި މޫސުމް އަންނަ ފަދައިން އަޅުގަނޑުމެންގެ ހަޔާތް ވެސް ނިއުޅެމުންދަނީ އުފަލާއި ހިތާމައިގެ ތެރޭގަ އެވެ.

ހަޔާތުގެ ބަނަ ދުވަސްތަކުގައި އަޅުގަނޑުމެންގެ ހިތްތަކަށް އެންމެ ބޮޑު ތަސައްލީއެއް ގެނެސްދެނީ ދަތިކަމަކަށްފަހު ފަސޭހަކަން އަންނާނޭ ކަމަށް އައިސްފައިވާ އިލާހީ ވައުދުފުޅުންނެވެ.

މިސާލަކަށް ޔޫސުފުގެފާނުގެ ހަޔާތްޕުޅަށް ބަލައިލަމާ ހިންގަވާށެވެ. އެކަލޭގެފާނު މުސީބާތްތަކާއި އިމްތިހާނުތަކުގެ ތެރޭގައި އެތައް އަހަރެއް ހޭދަކުރެއްވި އެވެ. އެއްވެސް ދިރުމެއް ނެތް ސަހަރާއެއްގައި، ފުން ވަޅެއްގެ ތެރޭ ޔޫސުފުގެފާނު ގިނިކަންޏާ ހުންނެވި އެވެ. ވަޅުން ނެގެވި، މިސްރުގެ އިސް ވަޒީރު، އަޒީޒަށް އަޅެއްގެ ގޮތުގައި ވިއްކާލެވި އޭނާގެ މިލްކަކަށް ޔޫސުފުގެފާނު ވިއެވެ.

އަޒީޒްގެ އަނބިކަނބަލުން ޒުލައިޚާ، އެކަނބުލޭގެއާ އެކީ ފާހިޝް އަމަލު ހިންގަން އެކަލޭގެފާނަށް ދައުވަތު ދިނެވެ. އޭގެ ފަހުން ވެސް އިތުރު އެތައް އިމްތިހާނުތަކެއް ކުރިމަތިވެ، އެކަލޭގެފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ޖަލުގައި އެތައް އަހަރެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އުފާވެރިކަމާއި ފާގަތިކަން ޔޫސުފުގެފާނަށް ލިބިވަޑައިގަތީ މި ހުރިހާ މުސީބާތަކަށް ފަހުއެވެ.

ފާގަތިކަމާއި ތަދުމަޑުކަމުގައި މާތްﷲގެ ރައްކައުތެރިކަން ލިބޭނެ ގޮތް ބަޔާންކޮށްދެއްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘް ކުރައްވާފައިވެ އެވެ.

"ﷲ އަށް (އެބަހީ: އެ އިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކައުތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެ އިލާހު ވޮޑިގެންވާނެ އެވެ. (އެބަހީ: އެ އިލާހީ މަދަދާއި ތައުފީގު ތިބާއާ އެކުގައިވާނެއެވެ.) އަދި ފާގަތިކަމުގެ ހާލަތުގައި ތިބާ ﷲ ދެނެގަންނާށެވެ. (އެބަހީ: ﷲ ހަނދުމަކޮށް އެ އިލާހު އެންގެވި ގޮތަށް އުޅޭށެވެ.) އޭރުން އުނދަގޫކަމުގެ ހާލަތުގައި، އެ އިލާހު ތިބާ ދެނެވޮޑިގެންވާނެއެވެ. (އެބަހީ: ތިބާގެ ކަންކަން ފަސޭހަކޮށްދެއްވާނެ އެވެ.) އަދި ދަންނާށެވެ! ހަމަކަށަވަރުން ތިބާއަށް ކުރިމަތި ނުވިކަމަކީ ތިބާއަށް ކުރިމަތިވާން ނެތް ކަމެކެވެ. އަދި ތިބާއަށް ކުރިމަތިވި ކަމަކީ ތިބާއަށް ކުރިމަތި ނުވެ ނުދާނެ ކަމެކެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ކެތްތެރިކަމާ އެކު ނަސްރުވެ އެވެ. އަދި ދަތިކަމާ އެކު ލުއިކަންވެ އެވެ. އަދި އުނދަގޫކަމާ އެކު ފަސޭހަކަންވެ އެވެ." (މިއީ އިމާމް އަހުމަދު ރިވާކުރެއްވި ހަދީޘެއްގެ މާނައެވެ.)

ހަޔާތުގެ ބަނަ ދުވަސްތަކުގައި ހިތާމަޔާއި ގިލަންވެރިކަމުގެ ކަޅު ވިލާތައް ތިބާގެ ބޯމަތީގައި އެނބުރޭ އެނބުރުން ތިބާއަށް މަނައެއް ނުކުރެވޭނެ އެވެ. އެމަކު އެ ވިލާތައް ތޫފާނެއްގެ ގޮތުގައި ތިބާގެ ބޯމައްޗަށް އޮހެން އުޅޭ ނަމަ، ރައްކާތެރިކަމުގެ ހިޔަލަކަށް ތިބާއަށް ވަދެ ސަލާމަތްތެރިކަން ހޯދިދާނެ އެވެ. ތިބާ ހިތްނުރުހޭ ކަމެއް ދިމާވެއްޖެއްޔާ، ހިތާމަކުރުމުގައި ވަގުތުތައް ބޭކާރުކޮށްނުލާށެވެ. އޭގެ ބަދަލުގައި ތިބާއަށް ދުނިޔެއާއި އާހިރަތުގައި އެކަންކަމުގެ ފައިދާ ލިބޭނެ ފަދަ ކަންކަމުގައި މަޝްއޫލުވެ އުޅޭށެވެ.

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"މުއުމިނާގެ ކަންތަކާ މެދު އަޖާއިބު ހުއްޓެވެ. އޭނާގެ ހުރިހާ ކަމަކީ ވެސް ހެޔޮ ކަމެވެ. މުއުމިނެއްގެ ކިބައިން ނޫނީ އެކަން އެގޮތަށް ނުފެނެ އެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެއްޔާ ޝުކުރުކުރެއެވެ. ފަހެ އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައި ވެދެއެވެ. އަދި އޭނާއަށް މުސީބާތެއް ކުރިމަތިވެއްޖެއްޔާ ކެތްތެރިވެއެވެ. ފަހެ އެކަން ވެސް އޭނާއަށް ހެޔޮކަމެއް ކަމުގައި ވެއެވެ."

މުޞީބާތްތަކަށް ކެތްތެރިވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއްކަމަކީ ލިބިފައިވާ ނިއުމަތްތަކުގެ މަތިން ހަނދާންކުރުމެވެ. މުސީބާތެއް ކުރިމަތިވެ ރޯދި ބަރަކާތުގެ ދޮރެއް ބަންދުވެއްޖެއްޔާ، އެ ދޮރުގެ ވަށައިގެން ކިތައް ދޮރު ތިބާއަށްޓަކައި ހުޅުވިފައިވޭތޯ ބަލާށެވެ.

ލިޔުނީ: އައްޝައިޚް މުހައްމަދު މަޢޫން ޝަރީފް