ދީން

ހަލާލު ރިޒުގު ތަނަވަސްވުމުގެ ސަބަބުތައް

Mar 31, 2024

ރިޒުގަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ "الرَّزَّاقُ" (ގިނަގިނައިން ރިޒްގު ދެއްވާ އިލާހު)އެވެ. ރިޒްގު ތަނަވަސްވުމުގެ ބައެއް ސަބަބުތަކީ އިސްތިޣްފާރު ކުރުމާއި ތައުބާވުމާއި، ﷲ އަށް ބިރުވެތިވުމާއި އަދި ﷲގެ މަގުގައި ހޭދަކުރުމެވެ.

އިސްތިޣްފާރު ކުރުމާއި ތައުބާވުން

އިސްތިޣްފާރު ކުރުމާއި ތައުބާ ވުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ދެ ސިފަ އެވެ. އެ އިލާހަށް ގިނަގިނައިން އިސްތިޣްފާރު ކުރާ އަޅުންނަށް ރިޒުގު ތަނަވަސްވެގެން ވެއެވެ.

ނޫހު ސޫރަތުގެ 10 ވަނަ އާޔަތާއި 11 ވަނަ އާޔަތުގައިވަނީ: "ތިމަން ކަލޭގެފާނު (އެބަހީ: ނޫހުގެފާނު) އެބައިމީހުންނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ވެރި ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ! އެކަލާންގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. (އޭރުން) އެކަލާންގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާ ނެތެވެ."

ﷲ އަށް ބިރުވެތިވުން

މާތް ﷲ އަށް ބިރުވެތިވުން މިއީ ރިޒްގު ތަނަވަސްވުމުގެ ސަބަބެކެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުން މީހާ ސަލާމަތް ކޮށްދޭނެ ވެސް ކަމެކެވެ. އެކަން ބަޔާންކުރައްވައި ޠަލާޤު ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ.

"އަދި اللَّهއަށް ތަގުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާންގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާ ނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާންގެ އޭނާޔަށް ރިޒްގު ދެއްވާ ނެތެވެ."

ﷲ އަށް ވަކީލުކުރުމާއި، އެކަމަށް މަސައްކަތްކުރުން

عُمَرَ بْنِ الْخَطَّابِ (رَضِيَ اللَّهُ عَنْهُ)ގެ ކިބައިން ރިވާވެގެންވި އެވެ. ރަސޫލު صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި އެވެ.

"ތިޔަބައިމީހުން ހައްގު ގޮތުގައި ﷲ އަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާސޫތްޕަށް ރިޒްގު ދެއްވާ ފަދައިން ތިޔަބައި މީހުންނަށް ރިޒްގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ." (އިމާމު އަޙްމަދު)

ރަހިމުގެ ގުޅުން ދެމެހެއްޓުން

ރަހިމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ވެސް އޭގެ ސަބަބުން ރިޒުގު ތަނަވަސްވެގެން އަންނަ ކަމެކެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުހައްމަދު ﷺ ޙަދީޘް ކުރެއްވި އެވެ.

"ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާ މީހާ (އެބަހީ ބޭނުންވާ މީހާ) ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ!" (ބުޚާރީ، މުސްލިމް)

ﷲގެ މަގުގައި ހޭދަކުރުން

ﷲގެ މަގުގައި ހޭދަކުރުން އަދި ހަމައެހެންމެ، ތިބާގެ މުދާ މާތް ﷲގެ މަގުގައި ހޭދަކުރުމުން ވެސް ރިޒުގު ތަނަވަސްވެގެން އާދެ އެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަހީ ކުރައްވަނީ ﴿وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَﱠ﴾ (سبأ: ٣٩)

މާނައީ:- "ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާންގެ ދެއްވާނެ އެވެ. އެއީ އެންމެ ހެޔޮ ރިޒުގު ދެއްވާ އިލާހެވެ."