ދީން

ހާރުކެއުން

Mar 29, 2025
ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ހާރުކެއުމަކީ مستحبّ ކަމެކެވެ. ކީރިތި ރަސޫލާގެ سنّةގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. أنس بن مالكގެ ކިބައިން ރިވާވެގެންވެއެވެ. رَسُول الله صلّى الله عليه وسلّم حديث ކުރެއްވިއެވެ.

"تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَة" (رواه البخاري)

މާނައީ، "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި بركاتތެރިކަން ވެއެވެ."

މި حديثފުޅުގައި ބަޔާންކުރައްވާފައިވާ بركاتއަކީ ދަރުމަ އާއި ثواب ކަމުގައިވުން އެކަށީގެންވެ އެވެ. އަޅުކަން ކުރުމަށް ގަދަކަން ލިބޭ ކަމަކަށްވުމާއި ހީވާގިކަން އިތުރުވުމާއި ބަނޑުހައިވުމުގެ ސަބަބުން އަތުވެދާނެ ނުބައި خلقތަކުން ސަލާމަތްވުމާއި ހާރުދަމުގައި ހޭލައި دعاء ކުރުން ކަމުގައިވުންވެސް އެކަށީގެންވެ އެވެ. އަދި ކިއެއްތަ މިހުރިހާ ކަމެއް ހާރުކެއުމުގައި ހިމެނިގެންވެއެވެ.

ހާރުކެއުމަކީ إسلامي أمّةގެ خصوصيّةގެ ތެރެއިންވާ ކަމެކެވެ. އެއީ أهل كتابيންގެ ރޯދައާ އަޅުގަނޑުމެންގެ ރޯދައާ ދެމެދު ތަފާތުކުރާ އެއް ކަމެކެވެ. عمرو بن العاصގެ ކިބައިން ރިވާވެގެން ވެއެވެ. رَسُول الله صلّى الله عليه وسلّم حديث ކުރެއްވިއެވެ.

"فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الكِتَابِ أَكْلَةُ السَّحَر” (رواه الترمذي)

މާނައީ، "ތިމަންމެންގެ ރޯދަޔާއި ފޮތުގެ أهلވެރިންގެ ރޯދަޔާ، ދެމެދު ވަކިކުރަނިވި އެއްޗަކީ، ހާރުދަމުގެ ކެއުމެވެ."

عمرو بن ميمون ވިދާޅުވާ ކަމުގައިވެ އެވެ. محّمّدގެފާނުގެ أصحابންނަކީ ރޯދަވީއްލުން އަވަސްކުރައްވާ ހާރުފަސްކުރައްވާ ބޭކަލުންނެވެ.

ހާރުކެއުން ފަސްކުޅައުމަކީ سنّةގެ ތެރެއިންވާ ކަމެކެވެ. އިތުރު މާތްގޮތަކީ އެއީ އެވެ. ހާރުކެއުން ފަސް ކުޅައުމުގެ حكمةއަކީ ކެއުމުގެ ސަބަބުން ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް ގަދަކަން ލިބުމެވެ. ރޯދަ އަށް ހުންނައިރު ބަނޑުހައިކަމުގެ مدّة ކުރުވެގެން ދިއުމެވެ. ހާރުކެއުމުގެ وقت فجـــــــرގެ އަލިކަން ފާޅުވެއްޖެއުމަށް ދާންދެން ދެމިގެން ވެއެވެ. މާތް ﷲ وحيކުރައްވާފައިވެއެވެ.

ﱡوَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِﱠ (البقرة: ١٨٧)

މާނައީ "فجرލުމުން ކަޅުރޮދީގެ ތެރެއިން ހުދުރޮދި ފާޅުވެ بيان ވެއްޖެއުމަށްދާނދެން (އެބަހީ: ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން فجرގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން) ކައިބޮއި އުޅޭށެވެ. ދެން ރޭގަނޑާ ހަމައަށް ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!"

أنسގެފާނު ވިދާޅުވިއެވެ. زيد بن ثابت ވިދާޅުވި އެވެ. ތިމަންމެން ނަބީކަލޭގެފާނުގެ އަރިހުގައި ހާރުފަރިއްކުޅުއްވީމެވެ. ދެން އެކަލޭގެފާނު ނަމާދަށް ތެދުވެވަޑައިގަތެވެ. ތިމަން ދެންނެވީމެވެ. ބަންގިޔާއި، ހާރުކެއުމާ ދެމެދު ކިހާއިރެއްވި ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ފަންސާސް އާޔަތުގެ މިންވަރެވެ. (އެބަހީ މެދުމިނުގެ 50 آية އެވެ.)

ކީރިތި ރަސޫލާ އެކަލޭގެފާނުގެ أمّةއަށް ދައްކަވާފައިވަނީ އެންމެ ލުއިފަސޭހަގޮތެވެ. فجرލުމާ ކައިރިކޮށް ހާރުކެއުމުން ފަތިސް ނަމާދަށް ހޭނުލެވޭ ތަނެއް ނާންނާނެ އެވެ. އެގޮތް ހަށްޓަށްވެސް ފަސޭހަވާނެ އެވެ. صحِّيގޮތުންވެސް ފައިދާ ބޮޑުވާނެއެވެ. އެހެނީ ކެއުމާއި ވިއްދައިގެން ނިދުމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ.

ވީމާ، ކީރިތި ރަސޫލާގެ سنّةއަށް ތަބާވުމަށްވުރެ ފައިދާހުރި ގޮތެއް ނެތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910