ރި އެކާ މިސްކިތް ނިސްބަތް ވަނީ ކްރޮއޭޝިއާގެ ސިޓީއެއް ކަމަށްވާ ރިއެކާ އަށެވެ. މިއީ ބަނދަރުމަތީ އަވަށެވެ. ކްރޮއޭޝިއާ ބަހުރުވައިގައި ރިއެކާ އަކީ ކޯރެވެ.
![](https://images-01.avas.mv/post/big_59sY0eNhZbpwyfGVK2ISslCJO.jpg)
![](https://images-01.avas.mv/post/big_Hrb4NzJiCCWvISecIwjPB2OOm.jpg)
މި މިސްކިތުގެ މަސައްކަތްތައް ފަށައިގަތީ 2009 ގައެވެ. ހުޅުވީ މެއި 4، 2013 ގައެވެ. ޖާގަ އަކީ 1،400 އެވެ. ހުންނަނީ އެންމެ މުންނާރެކެވެ. އުސްމިނަކީ ގާތްގަނޑަކަށް 77 ފޫޓެވެ. މިއީ ރިއެކާގައި ބިނާކުރި ފުރަތަމަ މިސްކިތެވެ. މުޅި ކްރޮއޭޝިއާގައި ވެސް ހުންނަނީ އެންމެ ތިން މިސްކިތެވެ.
![](https://images-01.avas.mv/post/big_6IhZZ1r9kzM13DAFu6uQGTFVQ.jpg)
![](https://images-01.avas.mv/post/big_sr99NQFoXWFNFdJL1qi827gDu.jpg)
ރިއެކާގައި މިސްކިތެއް އިމާރާތްކުރުމަށް އެ ސިޓީގެ މުސްލިމުން ޒަމާންތަކެއް ވަންދެން ވަނީ މަސައްކަތްކޮށްފަ އެވެ. ޒަމާންތަކަށް ފަހު އެ މީހުން ބޭނުންވި ޑިޒައިނަށް -- ވަރަށް ޒަމާނީ ޑިޒައިނަކަށް މިސްކިތް ވަނީ އިމާރާތްކޮށް ފުރިހަމަކޮށްފަ އެވެ. މިއީ މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ ޒަމާނީ މިސްކިތެވެ.
![](https://images-01.avas.mv/post/big_fJa1NmaGrkfLyUBRaKnLCl8zR.jpg)
![](https://images-01.avas.mv/post/big_wl6yDeHVceVHYGxVQXW282mtf.jpg)
ރިއެކާ މިސްކިތް އިމާރާތްކުރުމުގެ ގޮތުން އާކިޓެކްޓުންނަށް ވުރެ ކުރިން މިސްކިތުގެ ނަމޫނާ މޮޑެލެއް ބަޔަކު ވަނީ ހަދާފަ އެވެ. މުޅި އިމާރާތް ހުންނަން ވާނެ ގޮތް ސިފަކޮށް ވަރަށް ކުޑަކުޑަ މިސްކިތެއް ވަނީ ހަދާފަ އެވެ. އާކިޓެކްޓުން މިސްކިތް ކުރެހީ އެއަށްފަހު އެވެ.
![](https://images-01.avas.mv/post/big_UykDPEsDQRS47NZvXROlfDn2I.jpg)
![](https://images-01.avas.mv/post/big_9VJUHOOkwV9bJXFUhemTcMvaC.jpg)
މިސްކިތުގެ ފުރާޅު ގޮތަށް ފެންނަ ގުއްބު ފަސް ބަޔަކަށް ވަނީ ބައިކޮށްފަ އެވެ. އެއީ އަރަބި އިސްލާމުންގެ ގަދީމީ ސިފަތައް ޔޫރަޕްގެ ފިނި މޫސުމާ ގުޅުވާލައި އުފައްދާފައި ހުރި ޑިޒައިނެކެވެ.
![](https://images-01.avas.mv/post/big_ND3HaHjYBjflu1TE6vRUy5Mgs.jpg)
![](https://images-01.avas.mv/post/big_Uy0R4H6GCZoyX8kfLeRkga0H9.jpg)
ރިއެކާ މިސްކިތް ނަމާދުކުރަން ބޭނުންކުރި ނަމަވެސް އިމާރާތުގެ ބައިތައް އެހެން ބޭނުންތައް ކުރެވޭ ގޮތަށް ވަނީ ޑިޒައިންކޮށްފަ އެވެ. މީގެތެރޭގައި އިސްލާމީ ސަގާފީ މަރުކަޒެއް ވެސް ހިމެނެ އެވެ.
![](https://images-01.avas.mv/post/big_MKgPB474R9wIMtDzNk1YPPFxR.jpg)
![](https://images-01.avas.mv/post/big_cbpV6Qa7kdeMAXup8ERsoteX2.jpg)
މި މިސްކިތް އިމާރާތްކުރުމަށް 10,981,544 (ދިހަ މިލިއަން) ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ގަތަރު ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ބިނާކޮށްފައި ހުރި މިސްކިތެކެވެ.
![](https://images-01.avas.mv/post/big_jwtnUdrXMaHC8C0sCXomwH8Rn.jpg)
![](https://images-01.avas.mv/post/big_M53GkCZJPagDvQybBloXTJgdZ.jpg)
ކްރޮއޭޝިއާގައި ގިނައީ -- ގާތްގަނޑަކަށް 86.3 ޕަސެންޓަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންގެ އަދަދަކީ 1.5 ޕަސެންޓެވެ. އާބާދީ އަކީ، 2021ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 3.90 މިލިއަން މީހުންނެވެ.