ރައްޔިތުންގެ މަޖިލިސް

ކޮމިޓީތައް އެކުލަވާލުމަށް ބޭއްވި ޖަލްސާވެސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމަށް ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާ ފެށުމަށްފަހު އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެެއްޓެވީ "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ ރިޔާސަތުގަ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލް ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައިގައި ގޮތެއް ނިންމުމެވެ. ދެވަނަމަ ކަމަކަށް އޮތީ ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ. ނަމަވެސް މިއަދު ޖަލްސާ ނިންމާލުމާ ގުޅިގެން ދެވަނަ މަސައްކަތުގެ ގޮތުގައި ވޯޓަށް އަހާނެ މައްސަލައެއް މަޖިލީހުގެ ޖަލްސާއަކު ނެތެވެ.

މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު ހަސަން އަފީފް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ރިޕޯޓް އެކުލަވާލި ފަހުން އެމްޑީޕީން ދެ މެންބަރުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ.

އަފީފް ވިދާޅުވީ މި ދެ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބަދަލުތަކެއް އަންނާނެތީވެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެވޭނީ އެ ރިޕޯޓް އަލުން މެންބަރުންނަށް ފޮނުވާ، އިސްލާހު ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު އެވެ. އެހެން ވިދާޅުވުމަށްފަހު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަސް އިއުލާން ކުރެއްވުމެއްނެތި އަފީފް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ. ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ގެންދެވީ ނިޒާމީ މައްސަލަ ވެސް ނަންގަވަމުންނެވެ. ނަމަވެސް ނިޒާމީ މައްސަލައަށް އަފީފް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަފީފް ވަނީ މަޖިލީހުގައި މެންބަރުން ތަމްސީލް ކުރާ ގޮތަށް އައި ބަދަލުތައް ވެސް އިއުލާންކުރައްވާފަ އެވެ.

މެންބަރުން ބެހިފައިވާ ގޮތް

  • އެމްޑީޕީ - 54 މެންބަރުން
  • އަމިއްލަ - 18 މެންބަރުން
  • ޕީޕީއެމް - 5 މެންބަރުން
  • ޕީއެންސީ - 3 މެންބަރުން
  • އެމްއެންޕީ - 3 މެންބަރުން
  • ޖެޕީ - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި 13 މެންބަރަކާއި އަދި ފަހުން އިތުރު ދެ މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ބެހިގެންދާ ނިސްބަތަށް ބޮޑު ބަދަލެއް އައުމާ ގުޅިގެންނެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާނީ މަޖިލީހުގައި ޕާޓީތަކަށް ގޮނޑި ލިބިފައިވާ އަދަދަށް ބަލައިގެންނެވެ. އަދި މަޖިލީހުގެ 241 ކޮމިޓީއަށް މެންބަރުން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް އަދި އަމިއްލަ މެންބަރުން ހިމެނޭ ގޮތަށެވެ.