ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެކައުންޓިން ދާއިރާއިން ކިޔެވުމަށް 202 މީހަކަށް ސްކޮލާޝިޕް ދީފި

Jul 6, 2023

ދިވެހިރާއްޖޭގައި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް 202 މީހަކަށް ސްކޮލާޝިޕް ދީފި އެވެ.

ސަރުކާރުން ހަރަދުކުރުމަށް ހަމަޖެހިފައިވާ މި ސްކޮލާޝިޕް ފުރުސަތަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ ދެވަނަ ދުވަހު ދެ ކެޓެގަރީއަކުންނެވެ. އެގޮތުން އޯޕަން ކެޓެގަރީން 152 ޖާގަ އަދި ޕަބްލިކް ސެކްޓާ ކެޓަގަރީ 50 ޖާގަ ހުޅުވާލި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މި ސްކޮލާޝިޕް ހާއްސަކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (CIMA) އަށެވެ.

ސަރުކާރުން ކަވަރުކުރާ ހަރަދުތައް:

  • ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނަމަ މެމްބަޝިޕް ފީ
  • ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
  • އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެޕްލިކޭޝަން ފީ
  • ބުކް އެލަވަންސް
  • އެގްޒާމް ފީ
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
  • އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހަރަދު

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިފަހަރު ސްކޮލާޝިޕް ލިބޭ މީހުން ދެ އަހަރުގެ ތެރޭގައި ކިޔެވުން ނިންމަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ދެ އަހަރު ހިދުމަތް ކުރުމަށް ޝަރުތުކޮށްފައިވެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުވެސް ވަނީ ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލާފަ އެވެ. އެގޮތުން މިދިޔަ އަހަރު 173 މީހަކަށް ސްކޮލާޝިޕް ދީފައިވެ އެވެ.