ހަބަރު

ޓޫރިޒަމް ބޮއިކޮޓް މަނާކުރާ ބިލް އަލުން ކޮމިޓީއަށް ފޮނުވައިފި

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލުމާއި ހިތްވަރު ދިނުން މަނާކުރާ ބިލް އަލުން ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރަައްޔިތުން މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅި ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލުން މަނާކުރާ ބިލް މީގެ ކުރިން ވެސް ވަނީ ކޮމިޓީ އިން ފާސްކޮށްފައެވެ. އެހެން ނަމަވެސް ރައީސް ވަނީ އެ ބިލް ތަސްދީގު ނުކޮށް އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ފޮނުވާލައިފައެވެ.

ސަތާރަ ވަނަ ރައްޔިތުން މަޖިލިސް މިއަދު ފެށުމާއި އެކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލުން މަނާކުރާ ބިލް ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީ އަށް ފޮނުވުމަށް ވޯޓު ދެއްވީ 40 މެމްބަރުންނެވެ.

ވަގުތީ ކޮމެޓީގައި ހިމެނޭ މެމްބަރުން:

  • ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  • ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
  • ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު
  • ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
  • ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

މިދިޔަ އަހަރު ރިޔާޒު މަޖިލީހަށް ހުށަހެޅި މި ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރަން ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. އަދި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލު ކަމަށް ބިލްގައި ބުނެފައި ވެއެވެ.

އެފަދަ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރި ފަރާތުގެ މައްޗަށް މަދަނީ ދައުވާ ކުރެވެ އެވެ. އަދި އެފަދަ އަމަލެއް ހިންގި ފަރާތަކުން އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަދަ ފަރާތެއް ދެ އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭ ބަންދު ކުރެވިދާނެ އެވެ. ޓޫރިޒަމް އަށް ގެއްލުންދޭ ފަރާތަކުން ބައިވެރިވި މިންވަރަކަށް ބަލައި އެ ފަރާތެއް ފަސް ލަައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު އެފަދަ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުކޮށް ދައުލަތުން އަރުވާފައިވާ ޝަރަފުތައް އަނބުރާ އަތުލުމުގެ ބާރު ލިބެ އެވެ.