އެމެރިކާ

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަގާމުން ދުރުކޮށްފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީ މަގާމުން ދުރުކޮށްފި އެވެ.

މިއީ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގައި ފާއިތުވި 113 އަހަރު ތެރޭގައި މިފަދަ ގޮތަކަށް މަޖިލީހުގެ ދަށުގެ -- ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސެއްގެ ހައިސިއްޔަތު ގާނޫނު ހަދަ މަޖިލީހުން ގެއްލުވާލި ފުރަތަމަ ފަހަރެވެ.

މެކާތީ މަގާމުން ދުރުކުރަން ފެންނަ ކަމަށް 216 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. ނުފެންނަ ކަަމަށް ވޯޓް ދިނީ 210 މެމްބަރެކެވެ.

އެމެރިކާގެ ތާރީޚުގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަކު މަގާމުން ދުރުކުރަން މީގެ ކުރިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މެކާތީ މަގާމުން ދުރުކޮށްފައި މިވަނީ ޖޯ ބައިޑަންގެ ސަރުކާރު ހުއްޓިދާނެ ކަމަށް ހީވެފައި އޮތް ދަނޑިވަޅެެއްގައި -- ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމަށް އެހީތެރިވެ ދެއްވައި، ސަރުކާރުން ހުށަހަޅާފައި އޮތް ބަޖެޓެއް ފާސްކޮށްދެއްވުމުގެ ސަބަބުންނެވެ.

މެކާތީ އަކީ ރިޕަބްލިކަން ޕާޓީއަށް ނިސްބަންވާ މެމްބަރެކެވެ. މެކާތީ މަގާމުން ދުރުކުރަން ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅީ ވެސް ރިޕަބްލިކަން މެމްބަރެއް ކަމަށްވާ މެޓް ގޭޒް އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި އަމިއްލަ ޕާޓީގެ މެމްބަރަކާ ދެކޮޅަށް ބަޣާވާތްކުރައްވައި މެޓް ގޭޒް ވަނީ ޑިމޮކްރެޓިކް ޕާޓިގެ މެމްބަރުންނާ ގުޅިވަޑައިގެން މަޖިލީހުގެ ރައީސްގެ މަގާމުން މެކާތީ ދުރުކޮށްފަ އެވެ.

މަޖިލީހަށް ރައިސަކު ހޮވުމަށް އަނެއްކާވެސް ދާން ޖެހޭނީ ވޯޓަކަށެވެ. ނަމަވެސް ރައީސްގެ މަގާމަށް އަދި އެއްވެސް މެމްބަރަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.

ހަބަރުތައް ބުނާ ގޮތުން މެކާތީ ކުރިމަތިލައްވައިފި ނަމަ އެއްބުރުން އޭނާ އަނެއްކާވެސް ހޮވިވަޑައިގަންނަވާނެ އެވެ.

މެކާތީ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރައީސްގެ މަގާމަށް ދެވަނަ ފަހަރަށް ކުރިމަތިލެއްވުމަކީ އޭނާގެ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫނެވެ. އޭނާއަށް ކިތަންމެ ތާއީދެއް އޮތް ނަމަވެސް ރައީސްގެ މަގާމަށް ދެން ކުރިމަތި ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ކޮންޓްރޯލް ކުރަނީ ރިޕަބްލިކަނުންނެވެ. އެ ޕާޓީގެ ހައިސިއްޔަތަކީ 221 އެވެ. ޑިމޮކްރެޓުންގެ ތިބެނީ 212 މެމްބަރުންނެވެ.

މިހެން ކަން އޮތުމުން ރައީސްގެ މަގާމަށް މެމްބަރަކު އިޚުތިޔާރުކުރުން ދެންވެސް ލިބޭނީ ރިޕަބްލިކަނުންނަށެވެ.

ނަމަވެސް ކަން ހިނގައި ދިޔަ ގޮތުން މަޖިލީސް ހަފުތާއެއްހާ ދުވަސް ވަންދެން ރައީސަކާ ނުލައި ހިންގަން ޖެހޭނެ އެވެ. މި ދުވަސްތަކުގެ ތެރޭގައި ރިޕަބްލިކަނުން ރައީސަކު ހޮވައި ފާސްކުރަން ވެސް ޖެހޭނެ އެވެ.