ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ބިޔަ މަޝްރޫއު އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ޑރ. މުއިއްޒު މިކަމުގެ ޔަގީންކަން ދެއްވީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ޖެނަރަލް މެނޭޖަރުންގެ ފޯރަމް މިއަދު ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅު ގައެވެ.
ބަނޑޮސް މޯލްޑިވްސް ރިސޯޓްގައި ކުރިއަށްދާ ފޯރަމްގައި ޑރ. މުއިއްޒު ވިދާޅުވީ ވީއައިއޭ ނުނިމި ދިގުލައިގެން ދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެވެސް ކަންބޮޑުވުމަކަށްވާތީ ބޮޑު އިސްކަމެއް ދެއްވައިގެން އަންނަ އަހަރުގެ ތެރޭގައި ވީއައިއޭގެ ހުރިހާ މަސައްކަތެއް ނިންމަވާ ދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ރިސޯޓް އޯނަރުންނާއި ދިވެހި ޓްރެވަލް އެޖެންސީތަކާއި ގެސްޓްހައުސްތަކާއި މުޅި އިންޑަސްޓްރީ ގުޅިގެން މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
މިފޯރަމުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ފަތުރުވެރިކަމުގެ ދާއިރާ އިން ކުރަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ.
"ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކާ ގުޅިގެން ދާއިރާގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ކުރިއަަށް އޮތް ދުވަސްތަކުގައި ކުރެވޭނެ،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭންގައި މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފްކުރެއްވުމަށާއި، ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.
ހޮޓެލިއަ މޯލްޑިވްސް އިން އިންތިޒާމު ކުރާ ޖީއެމް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފޯރަމްގެ ބޭނުމަކީ ރިސޯޓު ހިންގުމާއި އަދި އާންމުކޮށް ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތާއި ހިޔާލު ބަދަލުކުރުމާއި މިދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.