މިނިސްޓަރު އިބްރާހީމް ފައިސަލް

އާ ޓާމިނަލް ޑިސެމްބަރުގައި ބޭނުންކުރަން ފެށޭނެ: ފައިސަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ އާ ޓާމިނަލާ އެކު ރާއްޖޭގެ ފަތުރުވެރިިކަން އިތުރަށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހާލަތުން ކުރިއަށް ގެންދިއުމަށްޓަކައި އެންމެ މުހިއްމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރަން ފެށޭ ވަރުކުރުން ކަމަށެވެ.

"މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު ޑިސެމްބަރުގައި އާ ޓާމިނަލް ހުޅުވޭނެ،" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް މިއަހަރު ހުޅުވި ނަމަވެސް މުޅި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާ ފުރިހަމަ ހިދުމަތްތަކާ އެކު ހިދުމަތް ދޭން ފެށޭނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ.

ފައިސަލް ވިދާޅުވީ ޓާމިނަލް ހުޅުވުމާ އެކު އާ އެއާލައިންތައް ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މާކެޓިން ހަރަކާތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިމަސައްކަތްތަކުގައި ފަތުރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މަސައްކަތްކެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުން މިހާރު ލިބޭ 4.5 ބިލިއަން ޑޮލަރުގެ އާމްދަނީ 2027 ވަނަ އަހަރު އަންނަންވާއިރަށް ހަ ބިލިއަން ޑޮލަރަށް އިތުރުކުރުން އެއީ ސަރުކާރުގެ އަމާޒެއް،" ފައިސަލް ވިދާޅުވި އެވެ.

ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު ހަތް މިލިއަން ޕަސެންޖަރުންނަށް އަމާޒުކޮށްގެންނެވެ.