ޑރ. މުހައްމަދު މުއިއްޒު

މަޝްރޫއުތަކަށް ރަށާއި ފަޅު ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް

ކައުންސިލްތަކުން އެދޭ އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެ ގޮތެއް ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނާ ހިއްސާކުރެއްވި މައުލޫމާތު ގައެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުންނާއި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކޮންމެ ރަށަކަށްވެސް އެ ރަށުގެ ހޭޅި ފަށުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް އެއީ އެރަށެއްގެ އިހްތިސާސްގައި ހިމެނޭ ތަންތަނެވެ. ނަމަވެސް ބައެއް ރަށްރަށުގެ އިހްތިސާސް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތް ނަމަވެސް އެހެން ކަމަކަށް އެ ރަށެއް ދޫކޮށްފައި އޮތުން ފަދަ ދަތިތައް ހުރިކަން ކައުންސިލްތަކުން ފާހަގަކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މިގޮތަށް ހުޅުވާލުމަށް ނިންމެވީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަމުގައި ރައީސް ވިދާޅުވި އެވެ. އެ ދެ ހަމައަކީ ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭނާ ދިމާވާ ނިންމުމަކަށްވުމާއެކު އެ ފަޅެއް ނުވަތަ އެ ރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންހިފޭ ގޮތަށް އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާ ގޮތަށް އެފަދަ ފަޅެއް ނުވަތަ ރަށެއް ލިބުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް އެ ރަށްރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިހްތިސާސް ތެރޭގައި ހިމެނުމަކީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައި ހިމެނޭ ކަމެކެވެ.