ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފައްދަވާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތަކުގެ މައުލޫމާތު ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ވުޒާރާތަކުގެ މަސައްކަތު ދާއިރާތަކުގެ މައުލޫމާތު މަޖިލީހަށް ފޮނުވާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވާލާފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ މިއަދު އެޖެންޑާގައިވާ މައްސަލައެއް ފެންމަތި ކުރައްވާފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.
ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހަވާލުވާ ވުޒާރާގެ މެންޑޭޓް ސާފުވެގެން ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު އެ ރިޕޯޓްގައި އެބައި ހިމަނާފައި ނުވާތީ ވުޒާރާތަކުގެ މެންޑޭޓް ނެތި ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ގާނޫނުއަސާސީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ހިސާން ވިދާޅުވި އެވެ. އެހެންކަމުން ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހަށް ލިބެންވާނެ ކަމުގައި ވިދާޅުވި އެވެ.
ހިސާން މިމައްސަލަ ނެންގެވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެ އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއިއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށް ކުޑަވަގުތު ކޮޅަކަށް މަޖިލިސް މެދުކަނޑާލާފަ އެވެ. އޭގެފަހުން މަޖިލިސް ފެށުމަށްފަހު އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަސްލަމް ފަސްކުރުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ކަމަށްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ ނިޒާމީ މައްސަލަ ނަންގަވާފަ އެވެ. އެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް މައްސަލައެއް އެޖެންޑާ ކުރުމަށްފަހު އެ މައްސަލައެއް އެޖެންޑާ އިން ނެގޭނީ މެންބަރުން ނިންމާ ގޮތަކަށް ކަމަށާއި އެއީ މަޖިލީހުގެ ރައީސްއަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މެންބަރުންގެ ނިޒާމީ މައްސަލަތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ އިން ނެނގީ ނޫން ކަމަށެވެ. އެކަމަކު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް އެކުލަވާލާފައިވާ ގޮތުގައި މައްސަލައެއް އުޅޭތީ އެ މައްސަލަ އިސްލާހު ކުރަން ފަސްކުރީ ކަމަށްވެސް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިދައުރުގެ ތެރޭގައި ނިންމުމަށްޓަކައި މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު އިތުރުކުރުމަށްވެސް މަޖިލީހުގެ ތަޅުމުން މިއަަދު ވަނީ ފާސްކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިއްޔެ އެއްމަސްވީއިރު އަދި އެއްވެސް ވަޒީރަކަށް މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ. އެމްޑީޕީގެ ވިސްނުން ހުރީ ހުރިހާ ވަޒީރުންނަށް ރުހުންދޭ ގޮތަށް ނޫންކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންގެ ވާހަކަތަކުން އެނގެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގައި 22 މެންބަރުން ހިމެނޭއިރު މީގެތެރޭގައި ތިން އަންހެން މެންބަރުންވެސް ހިމެނެ އެވެ.