ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާ ގައެވެ.
ސަރުކާރުގެ ފަރާތުން މި ބިލުް މިދިޔަ ޖޫން 26 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު އެވެ.
މި ބިލް މަޖިލީހަށް ހުށަހެޅީ މިހާރު އަމަލުކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމަށެވެ.
މި ބިލްގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ބިލުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި، ބަޖެޓު ނަތީޖާ ބަޔާނާއި، ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓާ އޮފް ފިނޭންސްގެ މައްޗަށް ލާޒިމުކޮށްފައިވެ އެވެ. އެގޮތުން މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު، މި ބިލް ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި އެކުލަވައިލައި، ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށްވެސް މި ބިލްގައި ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން މި ބިލްގައި ހުރި ކަންކަމަށް ސަރުކާރުން އަމަލުކުރާ މިންވަރު ވަޒަންކުރުމުގެ ގޮތުން، މާލީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު މިނިސްޓާ އޮފް ފިނޭންސަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ މައްޗަށް މި ބިލުން ލާޒިމުކޮށްފައިވެ އެވެ. އަދި "ފިސްކަލް އިމްޕެކްޓް އެނަލިސިސް" އެއް ހަދައި، ސަރުކާރުން ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކަރުދާސްތަކާއި، އޮޑިޓާ ޖެނެރަލް ހުށަހަޅާ ރިޕޯޓަށް ބިނާކޮށް، ސަރުކާރަށް ލަފާދިނުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހާ މި ބިލްގައި މަތިކޮށްފައިވެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަމަސް ދުވަސް ފަހުންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އުވޭނެ އެވެ.